ސިލްސިލާ ވާހަކަ: ޒާރާ - ތޭރަވަނަ ބައި

''ޒާރާ އެއައީ އިމްރާނަށް ގޮވާލަން....ދޯ ދަރިފުޅާ....'' ނާޒިމާ ވަރަށް ލޯބިން ޒާރާގެ މޫނަށް ބަލާލިއެވެ. ޒާރާ އިސްޖަހައިގެން ހުރިގޮތަށް ހުރީއެވެ. އިމްރާންގެ މޫނަށް ބަލާލަން ނުކެރުނުތާ، އޭނާގެ މަންމައާ ހަ...

09 Jun 2020 | 04:56

''ޒާރާ އެއައީ އިމްރާނަށް ގޮވާލަން....ދޯ ދަރިފުޅާ....'' ނާޒިމާ ވަރަށް ލޯބިން ޒާރާގެ މޫނަށް ބަލާލިއެވެ. ޒާރާ އިސްޖަހައިގެން ހުރިގޮތަށް ހުރީއެވެ. އިމްރާންގެ މޫނަށް ބަލާލަން ނުކެރުނުތާ، އޭނާގެ މަންމައާ ހަތަރުކަޅި ހަމަކުރަންވެސް މިވަގުތު އޭނާ ބޭނުމެއް ނޫނެވެ. ޒާރާ އަށް ނުވެސް އެނގި މަންމަ މިފަދަ ތާކަށް ގެނެސް އެގޮތަށް އެ ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ. ޒާރާ ލަދު ގަންނަވާ ދެރަކުރުމުން މަންމަ އަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ. ޒާރާ ބޭނުންވީ ވަގުތުން އެތަނުން ނިކުމެގެން ދާށެވެ.

މާ ގިނައިރު އެތާނގައި ހުރުމަކީ ޒާރާއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން އޭނާގެ އަތުތެރޭގައި އޮތް ފޯނު ކެނޑިނޭޅި ވައިބްރޭޓް ވަމުން ދާކަން ޒާރާއަށް އެނގެއެވެ. ގުޅަނީ ކާކުކަންވެސް އެނގެއެވެ. ހިތަށް ތަދުވަމުން ދިޔައީ އެ ކޯލަށް ޖަވާބު ދެވުން ލަސްވަމުންދާތީއެވެ. އާދިލް ދެރަވާނެވަރު ޒާރާ އަށް އަންދާޒާ ކޮށްލެވުނެވެ. ވަށައިގެން ތިބި މީހުން ދައްކާ އެއްވެސް ވާހަކައެއް ޒާރާ އަކަށް އަޑެއް ނީވެއެވެ. އޭނާގެ ސިނކުޑި ހާސްވަނީއެވެ.

ޒާރާ ވޯޑުން ނިކުންނަ ދޮރާދިމާއަށް ހިނގައިގަތެވެ. ކައިރީގައި ތިބި އެހެންމީހުނަށް ލިބުނު ސިހުމަށްވުރެ ނާޒިމާ އަށް ލިބުނު ސިހުން ބޮޑުވިއެވެ.

''ދަރިފުޅާ.... ކޮންތާކަށް.....'' ނާޒިމާގެ އަޑު ޒާރާ އަށް އިވުނުކަމަކަށް ނުވިއެވެ. ނޫނީ އަޑުއިވުނުކަމަށް ނުހެދީއެވެ. ޒާރާ އަވަސް ފިޔަވަޅު ތަކެއްގައި ވޯޑުން ނިކުތެވެ. އެކަންވީ ނާޒިމާގެ ރުޅި ކޮންޓްރޯލުން ނެއްޓި ކަމަކަށެވެ. އޭނާ ޒާރާގެ ފަހަތުން ހިނގައިގަތީ ސަރީފާގާތު އެބަ އަންނަ ކަމުގައި ބުނެފައެވެ. އެވަގުތު މޫނުމަތީގައި ތަރުޖަމާކުރަން ނޭގޭ އަސަރުތަކެއް އެކުލެވިފައި ވިޔަސް، ވޯޑުން ނިކުމެވުމާއެކު މޫނުމަށްޗަށް ނަފުރަތާ ހިތްހަމަ ނުޖެހުމުގެ އަސަރުތައް ވެރިވެގެން ދިޔައެވެ.

''ޒާރާ.......'' ނާޒިމާގެ އަޑު ނިކުތީ އޭނާ ބޭނުންވި ވަރަށް ވުރެ ބާރަށެވެ. ޒާރާގެ ދެފައި ބިންމަތީގައި ތަތްވި ކަހަލައެވެ. މަންމަ ޒާރާ އަށް ގޮވާލި ގޮތުންވެސް ދެން ކަންތައް ވާނެގޮތް އޭނާއަށް އެނގޭކަހަލައެވެ. ކުރިންވެސް ނުތަނަވަސް ވެފައިވާ ޒާރާގެ ހިތް އިތުރަށް ނުތަނަވަސް ވިއެވެ.

''ކަލޭ ކީއްކުރާނަމޭ ހިތާ އެތަނުން ތި ނިކުތީ.... އަހާލުމެއް  ކަހާލުމެއް ނެތި ކޮންތާކަށް ފައިބައިން ތިޔަހަރަ ދަނީ....ކަލެއަކަށް ނޭނގޭތަ މަ ލަދުގަންނާނެ ވަރެއް ....ޒާރާ ބޭނުންވަނީ މަ އެމީހުންގެ ކުރިމަތީގެ ނިކަމެތި ކޮށްލަންތަ...'' ނާޒިމާ ހުއްޓި ހުރީ ޒަރާގެ ކުރިމަތީގައެވެ. އިސްޖަހާލައިގެން ހުރި ޒާރާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް، އޭގެ ޖާގަ ދޫކޮށް ކޯތާފަތް މައްޗަށް އޮހިގަތެވެ. އެ ރީތި އެސްފިތައް ލައްޕާލީ އިތުރަށް އެ ލޮލުން ކަރުނަ އަޔަ ނުދިނުމަށްޓަކައެވެ. އެހެންނަމަވެސް ހިތަށް ކޮށްފައިވާ ފުން އަސަރުތަކާ އިހްސާސްތަކުގެ މައްޗަކަށް ބާރެއް ނުފޯރުވެނެވެ.

''އޭތް..... ކަލޭ ގާތުގައި ފުރަމަވެސް ބުނީމެއްނު ތި ރޯ ޑްރާމާ މިތާނގައި ނުފައްޓާށޭ..... އެއްޗެކޭ މީހަކު ބުނާއިރަށް ތިޔަވަރުގެ އާޓެއް ދައްކަން ޖެހޭތަ....'' އެހެންމީހަކަށް ނީވޭވަރަށް ނާޒިމާ ބުނި ކަމުގައި ވިޔަސް އެ ލަފުޒުތައް ޒާރާގެ ހިތަށް އަމާޒުވެގެން ދިޔައީ ތޫނު ކަށިތަކެއް ފަދައިންނެވެ. ކަރުނަ އަކީ އޯގާތެރި ކޮންމެ ހިތަކަށް އަސަރު ކުރުވާ އެއްޗެއް ނަމަވެސް ނާޒިމާގެ ހިތަށް އެ ކަރުނައިގެ ސަބަބުން އެއްވެސް އަސަރެއް ނުކުރިއެވެ. ތިމާގެ ދަރިފުޅު އެގޮތަށް ރޯތަން ދެކެން ކެތްވާނީ ހިލަ ހިތެއްގެ ވެރިއަކަށްކަން ކަށަވަރެވެ.

''ދެން ހަމަގައިމު އެތަނަށް ނުވަދެވޭނެ ގޮތް ދޯ ތި ހެދީ.... ތި  އެކްޓިން ހުއްޓާލާފަ ދޭ މޫނު ދޮވެގެން އަންނަން.....'' ނަސީބު ހިނިތުން ވެލީ ޒާރާއަށެވެ. އެފަދަ ވަގުތުކޮޅެއް ޒާރާ ބޭނުންވެފައި ހުންނަތާ ކިތައްމެ އިރެކެވެ. މަންމަގެ އެ ނިންމުމާމެދު ޒާރާ ހިތާހިތުން އުފާކުރިއެވެ. ޖަވާބެއް ދިނުމެއް ނެތި ޒާރާ ހިނގައިގަތީ ފާހާނާ ހުންނަ ދިމާއަށެވެ. އަވަސް ފިޔަވަޅުތަކެއްގައި ޒާރާ ގޮސް ނިވާވަންދެން ނާޒިމާ ބަލަން ހުއްޓެވެ. ހިތުގައި އަނދަމުންދާ ނަފުރަތުގެ އަލިފާންގަނޑު އޮއްބާލުމަށް މަސައްކަތް ކުރަމުން ކުރުގަޅުވާލާފައިވާ ދެބުމަ ސީދާ ކޮށްލިއެވެ. ހިނިތުންވުމެއް މޫނުމައްޗަށް ވެރި ކުރުވަމުން ހަމަޖެހުމުގެ ނޭވާއެއް ބޭރު ކޮށްލީ ކުރިއަށް އެތަށް ކުޅިއެއް ހިތުތެރޭގައި ރާވާލަމުންނެވެ.

ފާހާނާ ތެރެއަށް ވަދެވުމާއެކު ޒާރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގަތެވެ. ހިތަށް ކުރެވުނު ވޭނީ އިހްސާސަ ތައް އިން ފަހަނައަޅައިފިއެވެ. ކަރުނައިގެ ސައިލު ދެ ކޯތާފަތްމަތިން ދެމެމުން ދިޔައީ ވޭނީ ގިސްލުމެއްގެ އަޑު އަރުތެރެއިން ބޭރުކުރުވަމުންނެވެ. މުށުތެރެއަށްލާ ހިފަހައްޓާލާފައިވާ ފޯނުގައި ބާރަށް ދެއަތުން ހިފާލުމާއެކު މޭގާ ޖައްސާ ބާރުކޮށްލީ މޭގައި އުފެދިފައިވާ ރިހުމަށް ކެތް ކުރަން އުނދަގޫވެގެނެވެ. އެތައް އިރަކު އެގޮތަށް ރުއިމަށްފަހު ޒާރާ ދެލޯ ފޮހެލީ އެއްވެސް ފަރުވާތެރި ކަމެއް ނެތިއެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އޭނާގެ މޫނު ބަލާލިއެވެ. އެއްވެސް ހަރަކާތެއް ނެތި، އޭނާގެ އަމިއްލަ މޫނު ކަރުނައިގެ ތެރެއިން އޭނާ ބަލަންހުރިއިރު އެހިތުގައި އެތަކެއް ޝަކުވާއެއް ފުނިޖެހިފައި ވެއެވެ. މަންމަގެ ހިތުގައި ޒާރާއަށްޓަކައި އެއްވެސް މިންވަރަކަށް ލޯތްބާ މައިވަންތަ ކަމުގެ ކުލުނު ނެތީ ކީއްވެ ބާވައެވެ. ޒައިދު ދެކެ އިންތިހާއަށް ލޯބި ވާއިރު، ޒާރާ ދެކެ ނަފުރަތު ކުރަންވީ ޒާރާ އަންހެންކުއްޖަކަށް ވީތީ ހެއްޔެވެ. ޒާރާގެ ކުށަކީ އަންހެންކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އުފަންވުން ހެއްޔެވެ. ޚުދު މަންމަ އަކީވެސް އަންހެނެކެވެ. އެހެންކަމަށް ވީއިރު އަންހެނެއްގެ އިހްސާސްތައް މަންމަ އަށް ނޭނގެނީ ކީއްވެ ހެއްޔެވެ. އަބަދާ އަބަދު ޒާރާގެ ހިތުގައި ޖައްސުން، މަންމަ ވަނީ އާދަ އަކަށް ހަދާފައެވެ.

ފާހާނާ ދޮރުގައި މީހަކު ހިފާލިހެން ހީވިއެވެ. ޒާރާ އަވަސްއަވަހާ ދެލޯ ފޮހެލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ އެ ރީތި ދެލުގެ އެސްފިޔަތައް ވަނީ ކަރުނައިގެ ސަބަބުން ތެމިފައެވެ. ތުރުތުރު އަޅަމުންދާ އިނގިލިތަކުން ފޯނުގެ ޕިންކޯޑު ޖަހާލިއެވެ. އާދިލްގެ އެތައް މެސެޖެއް ހުއްޓެވެ. އެތައް ކޯލެއް މިސްވެފައި ހުއްޓެވެ. ޒާރާ ބޭނުންވީ އާދިލްއަށް ގުޅާށެވެ. މެސެޖް ކިޔަން ވެއްޖެއްޔާ ގިނަވަގުތު ނަގާނެތީއެވެ. ނަމްބަރަށް ގުޅާލުމާއެކު ރިންގު ވާންފެށިއެވެ. ރުއިމުގެ ސަބަބުން އަޑު ބޭރު ނުވާނެކަން އޭނާއަށް ވިސްނުނީ އާދިލް ހަލޯއޭ ބުނި އަޑު އިވުމުންނެވެ. ކަންފަތުގައި ޖައްސާލާފައިވާ ފޯނު މަޑުމަޑުން ތިރިކޮށްލެވުނެވެ. އާދިލް ގާތުގައި ބުނާނެ އެއްޗެއް ޒާރާ އަކަށް ނުވިސްނުނެވެ. ދޮގު ހަދައިގެން އާދިލްގެ ހިތްހަމަ ޖައްސައިދިނުން އެއީ އޭނާއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. ހަމަ އެހެންމެ ތެދު ބުނެގެން އާދިލްގެ ހިތަށް އަނިޔާ ދިނުމަކީ ޒާރާ އަށް ކުރެވޭނެ ކަމެއް ނޫނެވެ.

''ޒާރާ......'' ދެފަހަރަކު ފާހާނާގެ ދޮރުގައި ޖަހާލުމަށްފަހު ނާޒިމާ ގޮވާލިއެވެ. ޒާރާ އަށް ތެޅިގަނެވެ. ފޯނުގެ އޮފް ބަޓަންގައި އިނގިލިން އޮއްބާލާ ހިފަހައްޓާލެވުނީ ކީއްވެގެންކަމެއް ޚުދު ޒާރާ އަކަށް ނޭނގުނެވެ. ފޯނު ނިވިއްޖެއެވެ.

''ޒާރާ..... ދޮރު ހުޅުވަބަލަ...... '' ނާޒިމާގެ އަޑު ދެވަނަ ފަހަރަށް އިވުނެވެ. މޫނު ފޮހެލުމަށްފަހު ޒާރާ ދޮރު ހުޅުވާލިއެވެ.

''ސަހަރޯ...... ކަލޭ މިތާ މި ހުރިހާއިރު ކީއްތަ ތިޔަކުރީ..... ބަލާބަލަ ދެލޯ......ތިވަރަށް ކަރުނަ ބާލާވަރު ކަމެއް ވެއްޖެތަ.... ދެން ގައިމު އެމީހުންގެ ކުރިމައްޗަށް ދާކަށް ނުކެރޭނު..... ގަޑި ދެގަޑި އިރު ފާހާނާގަ ކީއްހޭ ކުރީ.......... ކާކަށް ގުޅީ........ދައްކާ ފޯނު........ތިޔަ ފޯނުގެ ކަންތައް މިހާރު ވަރަށް ބޮޑުވެއްޖެ ކަމަށް މަށަށް ގަބޫލު ކުރެވޭތާ ކިތައްމެ ދުވަހެއް............'' ނާޒިމާ ދޮރުކަނީގައި އެއް އަތް ވިއްދާލައިގެން ހުއްޓެވެ. ޒާރާ އިސް އުފުލާ ބަލާވެސް ނުލައެވެ. މަންމަ އާ ހަތަރުކަޅި ހަމަކުރުން އެއީ މިވަގުތު އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

''ތި ފޯނު ދައްކަބަލަ......ތި މިހާރު އެބަޖެހޭ މަ ތިފޯނު ބަލަން....'' ނާޒިމާ އަތް ދިއްކޮށްލިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް