ޔުއެފާ ނޭޝަންސް ލީގުގެ 3 ވަނަ ހޮވާ މެޗުގައި މިރޭ ސްވިޒަލޭންޑާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ކުޅުމުން ވެސް ނަތީޖާ ނުނެރެވުމުން، ޕެނަލްޓީ ޖަހައިގެން ކުރިލިބި އިންގްލެންޑް 3 ވަނަ މަގާމް ހޯދައިފިއެވެ.
މެޗުގެ 90 މިނިޓާއި އިތުރު ވަގުތު 15 މިނިޓުގެ 2 ހާފު ނިމުނުއިރު ވެސް ދެ ޓީމުން ކުރެ ޓީމަކަށް މިރޭގެ މެޗުގައި ލަނޑެއް ނުޖެހުނެވެ. އެންމެފަހުން ޕެނަލްޓީ ޝޫޓް އައުޓްގައި ސްވިޒަލޭންޑްގެ މައްޗަށް އިންގްލެންޑަށް ކުރިލިބުނީ 6-5 ގެ ނަތީޖާއިންނެވެ.
އިންގްލެންޑުން މިރޭގެ މެޗު ފެށީ ވަރުގަދަ ކޮށެވެ. މެޗުގެ ކުރީކޮޅު އިންގްލެންޑްގެ ފޯވާޑް ކޭން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑި މަތިން ދިޔައިރު، އޭރިޔާގެ ތެރެއިން ޑެލޭ އަލީ އާއި ރަހީމް ސްޓާލިންގ އަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ސްވިޒަލޭންޑްގެ ގޯލްކީޕަރ ސޮމާ އެވެ. މި ހާފުގައި ސްވިޒަލޭންޑްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނުނުއިރު، އެ ޓީމުގެ މެދުތެރެއިން ސަގީރީއަށް ރަނގަޅު ކުޅުމެއް ނުކުޅެވުމުގެ ނަތީޖާއަކަށްވީ ފޯވާޑުންނަށް ބޯޅަ ނުލިބުމެވެ.
ދެ ވަނަ ހާފުގައި ވެސް އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، ރޯސް އާއި އެލެކްސެންޑާ އާނޯލްޑްގެ ހުނަރުވެރިކަމާއެކު، ފޯވާޑުންނަށް ގިނަ ބޯޅަތަކެއް ސަޕްލައި ކޮށްދިނެވެ. އިންގްލެންޑުން މި ފުރުސަތުތަކުން ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދި ނަމަވެސް، ސްވިޒަލޭންޑްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މިރޭގެ މެޗުގައި އިތުރު ވަގުތުގެ 2 ހާފުން ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖެހިއިރު، ދެ ޓީމުން ވެސް ފުރަތަމަ 5 ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އިންގްލެންޑުން ފުރަތަމަ 5 ޕެނަލްޓީ ޖެހީ މެގުއާ، ބާކްލޭ، ސަންޗޯ، ސްޓާލިން އަދި ޕިކްފޯޑެވެ. ސްވިޒަލޭންޑުން ފުރަތަމަ 5 ޕެނަލްޓީ ޖެހީ ޒުބާ، ޒަހާ، އަކާންޖީ، އެމްބާބޫ އަދި ޝާރ އެވެ. ފުރަތަމަ 5 ޕެނަލްޓީން ނަތީޖާ ހަމަހަމަވުމުން އިންގްލެންޑުގެ ޑަޔާ ޖެހި ޕެނަލްޓީ ކާމިޔާބުވިއިރު، ސްވިޒަލޭންޑްގެ ޑާމިޗް ޖެހި ޕެނަލްޓީ އިންގްލެންޑް ގޯލްކީޕަރ ޕިކްފޯޑް ވަނީ އަތުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް