ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މެޓް އޮފީހުން ބުނެފައިވަނީ އުތުރާއި މެދުރާއްޖެ ތެރެއަށް އާން...

09 Jun 2019 | 10:57

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ އުތުރާއި މެދުރާއްޖެ ތެރެއަށް އާންމުކޮށް ހުންނަ ވަރަށް ވުރެ ވައި ބާރު ވާނެކަމަށާއި ވައި ބާރުވެފައިވަނީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކުރަމުންދާތީކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ކޮޅިގަނޑުގެ ބާރު މިހާރު އިތުރަށް ގަދަވަމުން ދިޔަ ނަމަވެސް ކޮޅިގަނޑު ދަތުރުކުރަމުންދަނީ ރާއްޖެއާދުރަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު ވައިގެ ބާރުމިން ދަށްވަމުންދާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އެގޮތުން އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށެވެ. އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނެފައިވަނީ އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށާއި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

އުތުރާއި މެދުތެރޭގެ ސަރަހައްދު ތަކަށް ވައި ގަދަ ވުމާއި ގުޅިގެން ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އެގޮތުން އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް