ސަލާން ޖެހުން ހުއްޓުވުމަށް ޖެންޑަރ މިނިސްޓަރު، ޝިދާތާ ޝަރީފު ފެއްޓެވި މަސައްކަތުގައި ބޮޑު ކުރިއެރުންތަކެއް ހޯދިފައިވާކަމަށް އެމިނިސްޓަރީން ހާމަކޮށްފިއެވެ.
މި އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އެކަމަނާ ވަނީ ބާޒާރު މައްޗަށް ވަޑައިގެން، އެ ސަރަހައްދުގައި ސަލާން ޖަހަމުން ދިޔަ މީހުންގެ ހާލު ބައްލަވާލައި، އެމީހުންގެ ކަންބޮޑުވުންތައް އައްސަވާފައެވެ. އެ ޒިޔާރަތުގައި އެފަރާތްތަކުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ވަޒީފާ ލިބުމަށް ދަތިތަކެއް ހުރުމާއި، ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވުމުގެ އިތުރުން، ބޯހިޔާވަހިކަން ހޯދުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަތައް ހައްލުކުރުމަކީ ޖެންޑާ މިނިސްޓްރީގެ މަސްއޫލިއްޔަތަކަށް ވާއިރު، މިނިސްޓަރު ޝިދާތާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު "އިންޓަރވެންޝަން"ގެ ނަމުގައި 4 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލައިފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މި ކޮމިޓީގެ މަސައްކަތްތަކަކީ، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކުގެ ޙާލަތު ބަލައި، އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި، އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ، މުއައްސަސާ އަދި މަރުކަޒަކާ އެ ފަރާތެއް ގުޅުވައިދިނުން ހިމެނޭކަމަށެވެ.
އެގޮތުން މި ކޮމިޓީން މިހާތަނަށް ބާޒާރު މަތީގައި ސަލާންޖަމުން ދިޔަ 20 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އޭގެތެރޭގައި، ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުތު ހަމަވާ، އެހެން ނަމަވެސް މިހައިތަނަށް އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް މި އެލަވަންސްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވި، އެލަވަންސް ލިބޭނެ މަގުފަހިކޮށްދީފައި ވެއެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާއާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ އެ ފަރާތްތައް ގުޅުވައިދީފައި ވެއެވެ. އަދި ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން 3 ފަރާތެއް ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދިނުމުގެ އިތުރުން، އިތުރު 1 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފައި ވެއެވެ. އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މިހާރު ވެސް ދަނީ މަޝްވަރާކުރެވެމުން ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ސަލާން ޖަހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެންޑާ މީނިސްޓަރު އިސްވެ ހުންނަވައިގެން ކުރަމުން އަންނަ މަސައްކަތުގައި، ޢާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާ ވާހަކަދައްކައިގެން، އެ ފަދަ މައްސަލަތައް ޙައްލުކޮށް، އެ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް ދަނީ މަސައްކަތްކުރުމުންނެވެ. އެ މިނިސްޓްރީން ވިދާޅުވީ، މީގެ ތެރެއިން 2 ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ 2 މައްސަލަ ކަމުގައި ފާހަގަކުރެވިފައިވާތީ، މިނިސްޓްރީން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ 2 މައްސަލަ ބަލަމުން ކަމަށެވެ. މީގެ އިތުރުން، ޢާއިލާއާ ޙަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް ވެސް އެމިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ކުޑަކުޑަ އާބާދީއެއް އޮތް ނަމަވެސް، ރާއްޖޭގައި، އަދި ހާއްސަކޮށް މާލޭގައި ސަލާން ޖަހާ މީހުން ނިސްބަތުން ވަރަށް ގިނައެވެ. މާލޭގެ ބާޒާރުމަތީގެ އިތުރުން، އޭޓީއެމްތަކާއި މަގުތަކުގައި ވެސް ސަލާން ޖަހާ މީހުން ވަރަށް ގިނައެވެ.. އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުން ބޮޑު ކުރިއެރުންތަކެއް މިހާރު ފެންނަމުން ދާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް