އެންމެ ހިތްވަރު ގަދައީ ކަނޑުދަތުރު ކުރާ ކެޕްޓަނުން

ނިމިދިޔަ ފިޠުރު ޢީދު ޗުއްޓީ ވެގެންދިޔައީ ވަރަށް ވިއްސާރަ އަދި އެހާމެ ކަނޑު ގަދަ ޗުއްޓީއެއްގެ ގޮތުގައެވެ. ޢީދު ވިލޭރޭ މާލޭގެ ފަޅުތެރެ އެކީ ހުސްވެގެން ދިޔައިރު، މާލޭގައި ދިރިއުޅޭ އެތައް ބަޔަކު ޗުއްޓީއަށ...

09 Jun 2019 | 06:25

ނިމިދިޔަ ފިޠުރު ޢީދު ޗުއްޓީ ވެގެންދިޔައީ ވަރަށް ވިއްސާރަ އަދި އެހާމެ ކަނޑު ގަދަ ޗުއްޓީއެއްގެ ގޮތުގައެވެ. ޢީދު ވިލޭރޭ މާލޭގެ ފަޅުތެރެ އެކީ ހުސްވެގެން ދިޔައިރު، މާލޭގައި ދިރިއުޅޭ އެތައް ބަޔަކު ޗުއްޓީއަށް ދިޔައީ މޫސުމަށް ބެލުމެއް ނެތިއެވެ.

ޢީދު ޗުއްޓީ އަކީ އަބަދުވެސް ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް އެންމެ ބާރުބޮޑު އެއް ޗުއްޓީއެވެ. ގިނަ މީހުންނަކީ ޗުއްޓީއެއް އަތުވެއްޖެ ނަމަ މޫސުމަށް އެއްވެސް ވަރަކަށް ބަލާ ބައެއް ނޫނެވެ. މޫސުން ކިތަންމެ ގޯސް ނަމަވެސް، ޗުއްޓީ އަށް ދާން ތިބި ބަޔަކު ދާން ބޭނުންވާ މަންޒިލަށް ގެންގޮސް ދިނުމަކީ ކެޕްޓަނުންގެ ވާޖިބެކެވެ.

އެތައް ބައެއްގެ ފުރާނަ އަތްމައްޗަށް ލައިގެން ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުން އެކުރާ ހިތްވަރަކީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ ކަމެކެވެ. ނިމިދިޔަ ޗުއްޓީ ނިންމައިލުމަށްފަހު އިއްޔެ ގިނަ ބަޔަކު މާލެ އައި އިރު، ކަނޑު އެހާ ގަދައެވެ. މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ނަގާލާ ބިޔަ ރާޅާ އެކީގައި އުޅަނދުތައް ދެކޮޅަށް ކިރޭއިރު، ގިނަ ބަޔަކު ކިޔުނުހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ. ކަނޑު ގަދަ ނަމަވެސް މިއަދަކީ ސަރުކާރު ހުޅޫވޭ ދުވަހަކަށް ވުމުން ކޮންމެހެންވެސް މިއަދު މާލެ އަންނަން އެބަޖެހެއެވެ.

"އަޅުގަނޑަށް ކަމެއް ވެދާނެތީ ބިރެއް ނުގަނޭ... ބިރުގަންނަނީ އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ކަނޑުގަދައިރު ދަތުރުކުރަން" ލޯންޗެއްގެ ކެޕްޓަނަކާއި ސުވާލުކޮށްލުމުން ބުނެލިއެވެ.

އެއީ ހަމަ ތެދެކެވެ. އެމީހުންގެ މޫނުމަތިން ބިރުގެ ކަންފުޅެއްވެސް ނުފެނެއެވެ. އެމީހުން އެކޮށްދޭ މަސައްކަތަކީ ހުރިހާ ރައްޔިތުން އަގު ވަޒަންކުރަންޖެހޭ މަސައްކަތެކެވެ. އެމީހުންގެ އެ ހިތްވަރަށް ސާބަސް ދޭވަރު ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް