މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދާނީއަށްވުރެ ކުރި ޚަރަދުތައް އިތުރުކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 9.08 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުން 9.75 ބިލިއަން ރުފިޔާގެ ޚަރަދުކޮށްފައި ވާކަމަށްވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
ދައުލަތުން ކުރި ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ދައުލަތް ހިންގުމަށް ކޮށްފައިވާއިރު، މިކަމަށް 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން 4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވަނީ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށެވެ. އަދި އިދާރީ ހިންގުމަށް 3.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށްވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހުގެ ފުރަތަމަ ފަސްމަހު ދައުލަތަށް 9.08 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 6.9 ބިލިއަން ރުފިޔާ ލިބިފައި ވަނީ ޓެކްސްގެ ގޮތުގައެވެ. މީގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އަދި ބީޕީޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. އެކިއެކި ފީއާއި ކުލީގެ ގޮތުގައި ދައުލަތަށް 680 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެކިއެކި ބިމު ކުލީގެ ގޮތުގައި 547 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް