ކުރީގެ އަދަދާ ގުޅޭ...
މަންހާގެ ނިޔަފަތިތައް ހުރީ ރާނީގެ ކަރަށް ވައްދާލައިފައެވެ. ޒިއަން މަސައްކަތް ކުރަމުން ދިޔައީ މަންހާ ދުރުކުރެވޭތޯއެވެ. އޭރު ރާނީ ތެޅިފޮޅެނީއެވެ. ނަމަވެސް މަންހާ ދޫކުރާކަށް ނޫޅުނެވެ. މަންހާ އަށް އާދަޔާ ހިލާފު ބާރެއް ލިބިފައިވާ ކަހަލައެވެ. އެކޮޓަރީގައި އަޑުގަދަކަމުން ޝާހިދު އާއި ޒާހިދާ ވެސް އައިސް ވަނީ އެވަގުތުއެވެ. ޝާހިދު ވެސް އަވަސްވެގަތީ ރާނީގެ ގައިމަތީގައި އިން މަންހާ ދުރުކުރެވޭތޯއެވެ. ރާނީ އޮތީ ތަންމިނަށް އަނގަ ހުޅުވައިގެން، ދޫ ވެސް ނެރެގެންނެވެ. ޝާހިދު އާއި ޒިއަން ވަރަށް މަސައްކަތުން މަންހާގެ އަތް ރާނީގެ ކަރުން ނައްޓުވައިލިއެވެ. އޭރު ރާނީގެ ލޯ ވަނީ މެރިފައެވެ. މަންހާ ދުރުކުރެވުނުއިރު ރާނީ އޮތީ ހިމޭންވެފައެވެ. ރާނީގެ ކަރުދޮށް ވަނީ އެކަށް ރަތްވެފައެވެ. ކަރުގެ ދެ އަރިމަތީގައި ވަނީ މަންހާގެ އިނގިލީގެ ނިޝާނެވެ.
"އޭ ރާނީ އެއޮތީ ހަރަކާތް ހުސްވެފަ" މަންހާ ދުރުކޮށްލުމަށްފަހު ހަމަޖެހެލި ޝާހިދު ވަރަށް ހާސްވެފައި ބުނެލިއެވެ. ޒިއަން އަށް ވެސް ބަލައިލެވުނީ ދެނެވެ. ރާނީ އޮތީ ލޯމެރިފައެވެ. ޒިއަން އަވަސް އަވަހަށް ރާނީ ކައިރިއަށް ތިރިވުމަށްފަހު ކޮލުގައި އަތުން ތަޅައިލިއެވެ. ނަމަވެސް ރާނީގެ ޚަބަރެއް ނުވިއެވެ.
މަންޒަރު ބަލަން ހުރި މަންހާ މަޑުމަޑުން އެ ކޮޓަރިން ނިކުންނަން އުޅުން ވަގުތު ޒާހިދާ ހިފެހެއްޓިއެވެ. މަންހާ ގަދަހަދަމުން ދިޔައީ އެތަނުން ދާށެވެ. އެމަންޒަރު ފެނިގެން ޝާހިދު އައިސް މަންހާގެ ގައިގައި ހިފެހެއްޓިއެވެ.
"ޒާހިދާ ފުލުހުންނަށް ގުޅާ" ޝާހިދު މިހެން ބުނުމުން މަންހާގެ މޫނުމަތީ ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. އެއިރު ރާނީ އަތްދަނޑި މައްޗަށް ލައިގެން ޒިއަން އެތަނުން ނިކުންނަނީއެވެ.
"ޒިއަން ދޭ ހޮސްޕިޓަލަށް ބައްޕަމެން މިދަނީ މަންހާ އަށް ގޮތެއް ހަދާފަ... ގުޅާ ކުޑޫ އަށް ވެސް" ޒިއަން ނިކުންނަ މަންޒަރު ފެނުމުން ޝާހިދު ގޮވައިލިއެވެ.
އަތްދަނޑި މަތީގައި އޮތް ރާނީ ކާރުތެރެއަށް ލުމަށްފަހު ޒިއަން ކާރު ދުއްވައިލީ ނުހަނު ބާރަށެވެ. އެއަށްވުރެ ބާރަށް ޒިއަންގެ ހިތް ދިޔައީ ތެޅެމުންނެވެ. ރާނީގެ މޫނަށް ޒިއަން އަވަސް އަވަހަށް ބަލަމުން ދިޔައިރު، މިހާރު މަންޒަރު ޒިއަން އަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. ލޯ ފުރާ ޖަމާވެފައި ހުރި ކަރުނަތައް ބޭރުވީ އެތައް އިރަކުންނެވެ.
ރާނީ ވެއްދީ އަވަސްފަރުވާދޭ ކޮޓަރިއަށެވެ. ޑޮކްޓަރުން ބަލާފައި ބުނީ ރާނީ އޮތީ ހޭނެތިފައި ކަމަށެވެ. ޒިއަން މަޑުކޮށްލައިގެން ހުރީ އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރުމަތީގައެވެ. އެތެރޭގައި އޮކްސިޖަންގެ އެހީގައި ނޭވާލަމުން ދިޔަ އޭނާގެ ލޯބިވާ އަނބިމީހާއަށް ބަލަމުން ދިޔައިރު އަދިވެސް ޒިއަން ހުރީ ކަރުނުން ފުރިފައެވެ.
"ޒިއަން" ޒިއަން ސިހުނީ ދާދި ކައިރިން ޒައިނާ އައިސް ގޮވައިލުމުންނެވެ. ފަހަތުން މާޒިން އާއި އީމާން ވެސް އައިސް ހުއްޓުނެވެ. އެމީހުން ފެނުމުން ޒިއަންގެ ހިތްވަރު އެލިއްޖެއެވެ. ޒައިނާ ގައިގައި ބައްދައިލުމަށްފަހު ރޯން ފެށިއެވެ.
"ޒިއަން އޭނަ މަރެއް ނުވެޔޭ ކެތްކޮށްބަލަ އަދި ލޯ ހުޅުވާނެއޭ" ޒިއަންގެ ބުރަކަށީގައި ފިރުމައިލަމުން މާޒިން ބުނެލިއެވެ. އީމާން ހުރީ ދޮރުގެ ތަންކޮޅަކުން ފެންނަމުން ދިޔަ ރާނީ އަށް ބަލަހައްޓައިގެންނެވެ. އެމަންޒަރު ފެނުމުން މަންހާ އަށްޓަކައި އެހިތުގައިވި ލޯބި ނަފްރަތަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ.
"ޒިއަން ރިލެކްސް" ޒައިނާގެ ގައިން ޒިއަން ވަކިކޮށްލަމުން ބުނެލިއެވެ. އަދި އެތަނުން ގޮނޑިއަކު ޒިއަން ބޭންދިއެވެ. ޒިއަން ދެން އިނީ ދެ އުޅަނބޮށި ކަކުލުގައި ވިއްދައިގެން މޫނުމަތީގައި އަތް އަޅައިގެންނެވެ.
"މަންހާ ގެންދިޔައީތަ؟" މާޒިން ބުނާ އަޑު އިވުނެވެ. އެއަޑަށް އީމާން ވެސް މާޒިންގެ މޫނަށް ބަލައިލިއެވެ.
"ނޭންގެ ގުޅާލާނަން" މިހެން ބުނުމަށްފަހު ޒައިނާ މަންމަގެ ނަންބަރަށް ގުޅައިލިއެވެ. ނަމަވެސް ޒާހިދާ ފޯނެއް ނުނަގައެވެ.
ފުލުހުން އައިސް މުޅި ގޭތެރެ ވަނީ ފުރާލައިފައެވެ. މަންހާގެ އަތުގައި ހިފައިގެން ތިބި އަންހެން ދެ ފުލުހުންނަށް މަންހާ ހިފަހައްޓައިލެވެނީ ކިރިޔާއެވެ. ކަން ހިނގާ ދިޔަ ގޮތް ޝާހިދު ކިޔައިދެމުން ދިޔައެވެ. ނަމަވެސް މަންހާ ތަކުރާރުކޮށް ބުނަމުން ދިޔައީ އެއީ ދޮގެއް ކަމުގައެވެ. މަންހާ ފެނުމުން ދެ ފުލުހަކު ސިއްރުން ވާހަކަތަކެއް ދައްކަމުން ދިޔައެވެ.
"އައިޝަތު މަންހާ އަލީ އަކީ އަޅުގަނޑުމެން ބަލަމުން ދާ މައްސަލައަކާއި ގުޅިގެން މިހާރު ވެސް ހޯދަމުން އަންނަ މީހެއް... މިދިޔަ ހުކުރު ދުވަހު މަސްތުވާތަކެތި ވިއްކާކަމަށް މައުލޫމާތު ލިބިގެން ގެއެއް ބަލާ ފާސްކުރި އިރު އެގޭގައި މަސްތުވާތަކެއްޗާއެކި ހައްޔަރުކުރި މީހެއް ނަމަވެސް ފުލުހުންގެ ވެހިކަލަށް އަރުވަން ވާއިރަށް މަންހާ ވަނީ ފިލާފަ... މަންހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ދަނީ ކުރަމުން... އެ މައްސަލައާއި އަދި މި މައްސަލަ ނިމެންދެން މަންހާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގަ" އެތަނުން ފުލުހެއް އައިސް ޝާހިދު އާއި ޒާހިދާ އަށް ކިޔައިދިނެވެ. މަންހާ އޭރުވެސް ގޮވަމުން ދިޔައީ އެއީ ދޮގެއް ކަމުގައެވެ.
ފަސް ފުލުހުން ވެގެން ގަދަކަމުން މަންހާ ވޭނަށް ލައިގެން ގެންދިޔައެވެ. އެމީހުން ދަމުން ދިޔައީ ޝާހިދު ޕޮލިސް ސްޓޭޝަނަށް އައުމަށް އެދިފައެވެ. އަދި ރާނީ ހޭ އެރުމުން ރާނީގެ ސްޓޭޓްމެންޓް ނެގުމަށް ފުލުހުންނަށް ގުޅުމަށް ވެސް އެމީހުން އެދުނެވެ. ޝާހިދު ދެން ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ. ޒާހިދާ ދިޔައީ ހޮސްޕިޓަލަށެވެ.
މަންޒަރު ފެންނަނީ ވަރަށް ފުސްކޮށެވެ. ވަރަށް ދުރުން މީހުން ވާހަކަ ދައްކާ އަޑު ނުސާފުކޮށް އިވެމުން ދިޔައެވެ. މީހާ ހީވަނީ އެއްޗަކުން ބަނދެފައި ވާހެންނެވެ. މަޑުމަޑުން މަންޒަރު ސާފުވަމުން އައިސް ހުރިހާ ތަނެއް ސާފުވެއްޖެއެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ކައިރީ އިސްޖެހިފައި އިން ފިރިމީހާއެވެ. ކައިރީ ތިބި އެންމެން ވާހަކަ ހުއްޓައިލުމަށްފަހު ރާނީ އަށް ބަލައިލިއެވެ.
"ރާނީ" ޒައިނާ އައިސް ރާނީގެ އަތުގައި ހިފައިލިއެވެ. އެ އަޑަށް ނިދިޖެހިފައި އިން ޒިއަން ވެސް ދިޔައީ ސިއްސައިގެންނެވެ. ޒިއަން ބަލައިލިއިރު ރާނީ އޮތީ ޒިއަންގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒިއަން އަށް ވީ ގޮތެއް ވެސް ނޭންގުނެވެ. ހަމަ އެވަގުތު ރާނީގެ ގައިމައްޗަށް ވެއްޓިގަތުމަށްފަހު އޮޅުލައިގަތެވެ.
"ޒިއަން އޭނަ ކަރަށް ތަދުވެދާނެ އޭ" ޒިއަން ދުރުކޮށްލަމުން ޒައިނާ ބުނެލިއެވެ. ރާނީގެ ކަރު ވަށައިގެން ވަނީ ބެންޑޭޖް ކުރެވިފައެވެ. ރާނީ ހޭ އެރި އަޑަށް ޑޮކްޓަރުންނާއި ނަރުހުން އެތަނަށް އައިސް ރާނީ އާއި ސުވާލުކުރަމުން ދިޔައެވެ. އޭގެ ދެ ގަޑިއިރު ފަހުން ފުލުހުން އައިސް ހަރަކާތްތެރިވާން ފެށިއެވެ. އެމީހުން ވެސް އައިސް ރާނީ އާ އެތައް ސުވާލެއް ކުރިއެވެ. ރާނީ ވާހަކަ ދައްކަމުން ދިޔައީ ވަރަށް އުނދަގުލުންނެވެ. އަޑު މަޑުވެފައި އެ އަޑު ވަނީ ކުރެކިފައެވެ. ނަމަވެސް ކަން ވީ ގޮތް ރާނީ އަކުރުން އަކުރަށް ކިޔައިދިނެވެ. ރާނީގެ އިތުރުން ޒިއަންގެ ސްޓޭޓްމެންޓް ނެގުމަށްފަހު ފުލުހުން އެތަނުން ދިޔައީ ގަޑި އިރަކަށް ވުރެ ގިނަ އިރު ތިބެފައެވެ.
ރާނީ ހޭ އެރުމުން ރާނީ ބަދަލުކުރީ ޕްރައިވެޓް ކޮޓަރިއަކަށެވެ. އިރު އަރައިފައި ވުމުން ދެން ތިބި މީހުން ހަވީރު އަންނަން ފޮނުވައިލުމަށްފަހު ރާނީ ކައިރީ މަޑުކުރީ ޒިއަން އެވެ.
"ވަރަށް ގިނަ ދުވަސް ވެއްޖެތަ؟" އެންމެން އެކޮޓަރިން ހުސްވުމުން ރާނީ އެންމެ ފުރަތަމަ ވެސް އަހައިލީ މިހެންނެވެ.
"އާނ ދެ އަހަރު ވެއްޖެ" ހީލުމަށްފަހު ޒިއަން ބުނެލިއެވެ. އަދި ރާނީގެ އަތުގައި ހިފައިލިއެވެ. ޒިއަން މިހެން ބުނުމުން ރާނީ ވަރަށް ހާސްވިއެވެ.
"އަސްލުތަ؟ ކޯމާއެއްގަތަ އޮތީ؟" ހާސްވިވަރުން ރާނީ އަހައިލިއެވެ. ޒިއަންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
"ނޫނޭ ދޫންޏާ ފޯ އަވާސް" އެންމެފަހުން ޒިއަން ބުނެލިއެވެ. އެހިސާބުން ރާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ކޮބާ މަންހާ" އަނެއްކާވެސް ރާނީ އަހައިލިއެވެ. ޒިއަން ރާނީގެ ބޮލުގައި ފިރުމައިލިއެވެ.
"ދެން އެވާހަކަ ބާއްވަބަލަ" ޒިއަން އުޅުނީ ވާހަކަ ބަދަލުކޮށްލާށެވެ. ނަމަވެސް ރާނީ އެތައް ސުވާލެއް ކުރަމުން ދިޔައެވެ.
"އައިމް ސޮރީ ރާނީ... އެންމެ ފުރަތަމަ ދުވަހު ރާނީ އަށް ހުރިހާ ވާހަކައެއް ކިޔާދެން ޖެހޭނެ... ރާނީ އާ ދިމާވިއިރު އަހަރެން ހުރީ މަންހާ އާ ހުރިހާ ގުޅުމެއް ކަނޑާލައިގެން އެކަމަކު މަންހާ އޭރުވެސް ދިޔައީ އާދޭސް ކުރަމުން... އެންމެ ކުރިންވެސް އަހަންނަށް އިނގޭ މަންހާ އަކީ ބޭނުންވާ އެއްޗެއް ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ މީހެއްކަން... އެންމެ ފުރަތަމަ ދުވަހު ރާނީ އަށް ހުރިހާ ވާހަކައެއް ކިޔައިދެވުން ނަމަ މިހެންނެއް ނުވާނެ..." ރާނީގެ އަތައް ފިތައިލަމުން ޒިއަން ކިޔައިދިނެވެ. އޭރު ރާނީ އޮތީ ޒިއަންގެ ލޮލަށް ބަލަހައްޓައިގެންނެވެ.
"އަހަރެން ޝަކުވާއެއް ނުކުރަމޭ... ވާން އޮތްކަމެއް ވާނެ ދޯ ކިޔައިދިނަސް" ތެދުވެ ހެޑްބޯޑުގައި ލެނގިލަމުން ރާނީ ބުނެލިއެވެ.
"ރާނީ އަށް ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް ޝަކުވާ ނުކުރާނެކަން މިހާރު އަހަންނަށް ޔަގީންވެއްޖެ... މަންހާ އެވަރުކޮށްލިއިރު ވެސް ރާނީ އަހަރެން ކައިރީގަ ނުބުނާނީ އެހެންވެ ދޯ... އެކަމަކު ދެން އެއްވެސް ކަމެއް ނުފޮރުވައްޗޭ... ޕްލީޒް ރޭ ވެސް އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާ" ޒިއަން މިހެން ބުނުމުން ރާނީ ބޯ ޖަހައިލިއެވެ. ޒިއަން ރާނީ ކައިރީ އެނދުމަތީގައި އިށީނުމަށްފަހު ރާނީގެ ގައިގައި ބައްދައިލިއެވެ.
"އަދި އެއް ވާހަކަ... ޑޮކްޓަރު ބުނީ ރާނީގެ މޫނު ސާޖަރީ ހެދޭނެއޯ" ޒިއަން މިހެން ބުނުމުން ޒިއަންގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ރާނީ ބޯ ހިއްލައިލިއެވެ. އަދި ޒިއަންގެ މޫނަށް ބަލައިލިއެވެ.
"ޒިއަން ބޭނުންތަ އަހަރެން ސާޖަރީ ހަދަން؟" ޒިއަން އާއި ހަތަރުކަޅި ހަމަކޮށްލަމުން ރާނީ އަހައިލިއެވެ. ދޭނެ ޖަވާބެއް ޒިއަން އަކަށް ނޭންގުނެވެ. ޒިއަން އެހެން އެހީ ފަހަރެއްގައި ރާނީ އެކަން ކުރަން ބޭނުންވެދާނެ ކަމަށެވެ.
"ބޭނުމެއް ނޫން... އަހަރެން ރާނީ ދެކެ ލޯބިވީ ރާނީ މިސޫރައިގަ ހުއްޓަ... ރާނީ ބޭނުންނުވަންޏާ ނުކުރާނީ" މިހެން ބުނުމަށްފަހު ޒިއަން ރާނީގެ މޫގައި އިނގިލިން ފިރުމައިލިއެވެ.
"އައި ލަވް ދިސް ފޭސް" ރާނީގެ މޫނުގެ ލަކުނު ފަޅީގައި ޒިއަން ތުންފަތް ޖައްސައިލިއެވެ. އެއަށްފަހު އަނެއްކާވެސް ރާނީގެ ގައިގައި ޒިއަން ބައްދައިލިއެވެ.
"އަހަރެން ދުވަހަކުވެސް އުންމީދެއް ނުކުރަން ޒިއަން ކަހަލަ މީހަކާ ދިމާވާނެ ކަމަކަށް... ޒިއަން އަހަރެންނާ ފުރަތަމަ ދިމާވިއިރުވެސް އުންމީދެއް ނުކުރަން މިވަރަށް ޒިއަން އަހަރެން ދެކެ ލޯބިވާނެ ކަމަކަށް... ހިތައް އެރީ އަހަރެންގެ މި ސޫރަ ފެނުމުން ޒިއަން ވެސް ބިރުގަންނާނެ ކަމަށް..." ޒިއަންގެ އަތުތެރޭ އޮވެގެން ރާނީ ވާހަކަދެއްކިއެވެ. އޭރު ރާނީގެ ލޯ ވަނީ ކަރުނުން ފުރިފައެވެ.
ދެމަފިރިން މިފަދަ ވާހަކަތަކެއްގައި ތިއްބައި އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ. ރާނީ ދުރުކޮށްލުމަށްފަހު ޒިއަން ދިޔައީ ދޮރު ހުޅުވާށެވެ. ޒިއަން ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރި މީހާ ފެނުމުން ޒިއަންގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ރާނީ ވެސް ބޯ ގުދުކޮށްލުމަށްފަހު ބަލައިލިއެވެ. އެ މޫނު ފެނުމުން ރާނީ ވެސް ސިހުނެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް