އިންޑިއާގައި މޮޅު ފިލްމެއް އުފެއްދުމަށް ފަހު ޑައިރެކްޓަރުންނާއި އެކްޓަރުން އަދި ޕްރޮޑަކްޝަން ޓީމަށް އެންމެ ބޮޑު ހާސްކަމެއް ގެނުވާކަމަކީ ސެންސަރު ބޯޑުން އެ ފިލްމަށް ގެންނަނާނެ ބަދަލަކާއި މެދު އެވެ.
ބައެއް ފަހަރު ފިލްމުގެ ނަން ބަދަލު ކުރަން އެންގުމާއި، ފިލްމުގެ މުހިންމު ޝޮޓްތައް ކެނޑުމާއި، ފިލްމުގެ ބައެއް ވާހަކަތަށް ކަނޑާލަން އެންގުމަކީ އިންޑިއާގެ ސެންސަރު ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން އިން ކުރާ ކަމެކެވެ. އަދި ފިލްމު ފާސް ނުކޮށްދީ ގިނަ ދުވަސްވާތީވެސް ބައެއް ޑައިރެކްޓަރުން ހިތްހަމަ ނުޖެހެ އެވެ. މިކަމާ ބައެއް ފިލްމު އުފައްދާ މީހުން ހިތްހަމަ ނުޖެހިގެން އެއްޗެހިވެސް ކިޔަ އެވެ.
މިފަހަރު މިވީ އޭގެ އިދިކޮޅެވެ. ސަލްމާން ހާން ލީޑް ރޯލުން ފެނިގެންދާ "ރޭސް 3" ފާސް ކުރަން ސެންސަރު ބޯޑަށް ހުށަހެޅިތާ 24 ގަޑި އިރު ނުވަނީސް ފިލްމު ފާސްކޮށްދީފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފިލްމަށް ގެންނަން އެ ބޯޑުން ޑިމާންޑުކޮށްފައިވަނީ ކުދި ކުދި ބަދަލުތަކެ ކެވެ. އެކަމަކު އޭގެ ތަފްސީލެއް ނޭނގެ އެވެ.
މިއީ ސަލްމާންގެ ފިލްމަކަށް މިފަދަ ހާއްސަ ގޮތަކަށް ސެންސަރު ބޯޑުން އަމަލު ކުރި ދެ ވަނަ ފަހަރު ކަމަށްވެ އެވެ. މީގެ ކުރިން "ޓައިގާ ޒިންދާ ހޭ" ވެސް ސެންސަރު ބޯޑުން ވަނީ ވަރަށް އަވަހަށް ފާސްކޮށްދީފަ އެވެ. އެކަމަކު މިހާ އަވަހެއް ނޫނެނެވެ.
އިންޑިއާގެ ސެންސަރު ބޯޑުގެ ގަވައިދު އޮންނަ ގޮތުން ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހުގެ 65 ދުވަސް ކުރިން އެންމެ ލަސްވެގެން ސެންސަރު ބޯޑަށް ހުށަހަޅަންޖެހެ އެވެ.
އެކަމަކު މިފަހަރު މި ހާއްސަކަން ގެނެސްފައިވަނީ ސަލްމާންއަށް އެކަނި ނޫން ކަމަށްވެ އެވެ. މި މަހު އެއްވަނަ ދުވަހު ރިލީޒް ކުރި "ވީރޭ ދި ވެޑިން" އަށް ވެސް ވަނީ މަދު ކަޓް ތަކަކާއި އެކު ފިލްމު ރިލީޒް ކުރުމުގެ ހުއްދަ ސެންސަރު ބޯޑުން ދީފަ އެވެ.
މި ބަދަލު ގެނައީ ދާދި ފަހުން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރަކަށް އައްޔަން ކުރި ރާޖްޔަވަރްދަން ރާތޯރުގެ އެންގެވުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް