އެމްޑީޕީގެ "އާދަޔާ ހިލާފު" ކޮންގްރެސް އުކުޅަހުގައި ބާއްވަނީ

އިދިކޮޅު އެމްޑީޕީގެ "އާދަޔާ ހިލާފު" ކޮންގްރެސް އއ. އުކުޅަހުގައި ބޭއްވުމަށް އެޕާޓިގެ ކޮންގްރެސް ކޮމިޓީން ނިންމައިފި އެވެ. ރޭ ބޭއްވި އެ ޕާޓީގެ ކޮންގްރެސް ކޮމިޓީން މިގޮތަށް ނިންމީ މާލޭގައި އެ ޕާޓީގެ ކޮން...

08 Jun 2018 | 19:24

އިދިކޮޅު އެމްޑީޕީގެ "އާދަޔާ ހިލާފު" ކޮންގްރެސް އއ. އުކުޅަހުގައި ބޭއްވުމަށް އެޕާޓިގެ ކޮންގްރެސް ކޮމިޓީން ނިންމައިފި އެވެ.

ރޭ ބޭއްވި އެ ޕާޓީގެ ކޮންގްރެސް ކޮމިޓީން މިގޮތަށް ނިންމީ މާލޭގައި އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކުރެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އެންގުމުންނެވެ.

އެޕާޓީން ހައުސިން މިނިސްޓްރީގައި އެދިފައިވަނީ ކޮންގްރެސްއަށް 1،200 މީހުންގެ ޖާގައިގެ ހޯލެއް ބޭނުންވާތީ ދަރުބާރުގެ އެކަމަށް ހަމަޖައްސައިދިނުމަށެެވެ. އެކަމަކު އޭގެ ޖަވާބުގައި ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެމްޑީޕީން އެދުނު ދުވަސް ތަކުގައި ދަރުބާރުގެ ދޫކުރެވެން ނެތް ކަމަށާއި އެ ދުވަސް ތަކަށް އެ ތަންވަނީ މީހުން ކުއްޔަށް ހިފާފައި ކަމަށެވެ.

އެމްޑީޕީން ކުރިން ބުނެފައިވާ ގޮތުގައި، ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ. އަދި ކޮންގްރެސް މިމަހު ބާއްވަން ނިންމި ރޭވެސް އެ ޕާޓީން ވަނީ މާލެއިން ކޮންގްރެސް ބާއްވަން ހޯލެއް ނުލިބިއްޖެ ނަމަ ކައިރި ރަށެއްގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހުށަހަޅައި ފާސްކޮށްފައި އެވެ.

އެކަމަކު ރޭ ބޭއްވި އެ ޕާޓީގެ ކޮންގްރެސް ކޮމިޓީގައި އުކުޅަހުގައި ކޮންގްރެސް ބޭއްވުމަށް ނިންމީ ކޮން ގޮތަކަށް ބަލާފައި ކަމެއް ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ "އާދަޔާ ހިލާފު" ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ން 30 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް