ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން އިން އިންތިޒާމް ކޮށްގެން ބާއްވާ "ސާކް ފިލްމު ފެސްޓިވަލް 2019" ފަސްކޮއްފިއެވެ.
އެ ފެސްޓިވަލް އިންތިޒާމު ކުރާ ސާކް ކަލްޗަރަލް ސެންޓަރުން ބުނީ ފެސްޓިވަލް ފަސްކޮއްފައިވަނީ ސްރީލަންކާއަށް ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކަމަށެވެ.
މިހާރު އެ ފެސްޓިވަލް ބޭއްވުމަށް ނިންމާފައި އޮތީ ޖުލައި ދޭކުން ހަތަކަށް ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައެވެ. ކުރިން އެ ފެސްޓިވަލް ބާއްވަން ނިންމާފައިއޮތީ މި މަހުގެ ހަތަކުން ނުވަޔަކަށެވެ.
މި ފެސްޓިވަލްގައި ރާއްޖެއިން ބައިވެރި ވުމުގެ ފުރުސަތު މިދިޔަ މާޗް މަހު އެންސީއޭއިން އޮތީ ހުޅުވާލާފައެވެ. މި ފަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ކުރު ދެ ފިލްމް، ދެ ފީޗާ ފިލްމް އަދި މާސްޓާ ފިލްމް ބައިވަރި ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށް އެންސީއޭއިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން ހަތަރު ފަރާތަކުން ބައިވެރިވެވޭނެ ކަމަށްވެސް އެންސީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް