ބުރުސޫރަ- ތޭވީސް ވަނަ ބައި

ކުރީގެ އަދާ ގުޅޭ... ވެދިޔަ ކަންތަކާ ރާނީ ހުރީ ވަރަށް ހިތުގައި ޖެހިފައެވެ. އެހެން ކަމުން ޒިއަން ދިޔައީ ރާނީ ހިތްހަމަ ޖައްސައިލުމަށް ސައިކަލު ދުއްވައިލާށެވެ. މަންހާ ކުރި ކަންތަކާ ޒިއަން ހުރީ ވަރަށް ރުޅި...

09 May 2019 | 06:51

ކުރީގެ އަދާ ގުޅޭ...

ވެދިޔަ ކަންތަކާ ރާނީ ހުރީ ވަރަށް ހިތުގައި ޖެހިފައެވެ. އެހެން ކަމުން ޒިއަން ދިޔައީ ރާނީ ހިތްހަމަ ޖައްސައިލުމަށް ސައިކަލު ދުއްވައިލާށެވެ. މަންހާ ކުރި ކަންތަކާ ޒިއަން ހުރީ ވަރަށް ރުޅި އައިސްފައެވެ. ނަމަވެސް ރާނީ ފަށްފަށުން އެދުނީ އެއްޗެއް ނުބުނުމަށެވެ. ކޮންމެ ގޮތެއް ވިޔަސް އެކަން އެއޮތީ ނިމިފައެވެ.

ޒިއަން އާއި ރާނީ ބޭރަށް ދިއުމުން އީމާން އާއި މާޒިން މަޑުކޮށްގެން ތިބީ އެގޭގައެވެ.

"ރާނީ ހުރީ ވަރަށް ދެރަވެފަ ދޯ... އެއީ ހަމަ މަންހާގެ ކަމެއް" މާޒިން ބުނެލިއެވެ.

"ކީކޭ މަށޭ ކިޔައިގެން ތި ކިޔަނީ؟" ކުއްލިއަކަށް މަންހާ ފާޅުވި ތަނެއްވެސް ނޭންގުނެވެ. އީމާން ވެސް މަންހާ އަށް ބަލައިލިއެވެ. އީމާން އިނީ އެއީ މަންހާގެ ކަމެއްކަން ގަބޫލު ނުކުރެވިފައެވެ.

"މި ބުނީ ކަމަނާ އޭ ކާ އެއްޗިއްސަށް ލޮލު އެޅުއްވީ... މީ ތެދުފުޅެއްތޯ؟" ޑްރަމް ސްޓިކު މަންހާގެ މޫނު މަތީގައި ވިހުރައިލަމުން މާޒިން ބުނެލިއެވެ.

"ދެން އެއްޗެއް ކައްކަން ނޭންގުން އެއީ މަގޭ މައްސަލައެއްތަ؟ ދެން ހަމަ ކަމެއްވާއިރަށް މަގޭ ބޮލުގަ އަޅުވާނެ" މަންހާގެ މޫނު ބަނަވެގެން ދިޔައެވެ.

"އިނގޭ އެކަން އެހެންވެ އެއްނު ނުކާން އިނީވެސް..." މާޒިން އަނެއްކާވެސް ބުނެލިއެވެ.

"ކަލޭ ނޭންގޭ ވާހަކަ ނުދައްކަބަލަ... ކަލޭ ދެކުނިންތަ މަ އެޔަށް އެއްޗެއް އެޅިތަން؟ ރުޅި އަރުވަން ނޫޅެއްޗޭ!" މާޒިން އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން މަންހާ ބުނެލިއެވެ.

"އާނ މަ ދެކުނިން އެކަކުވެސް ނެތް ގަޑީގަ މަންހާ ވަދެ އޭއްޗިއްސަށް ލޮނު އަޅާ ގަށަން ހުއްޓަ... އެއީ ހަމަ ކަލޭ ކުރިކަމެއް" މާޒިން އިނީ ދޫކުރާ ގޮތަކަށް ނޫނެވެ.

"ކަލޭ ތީ ދަންނަ ބޭކަލެއްވިއްޔަ... މާ ރާނީ ވެގެން މިއުޅެނީ" މަންހާ އަނެއްކާވެސް ބުނެލިއެވެ.

"ރާނީ އާ ޖައްސާލައިގެން ތިއުޅެނީ ޒިއަން ނުލިބުނީމަ އެއްނު.. ދެން އެ ހުވަފެން ނުދެކެއްޗޭ ނުލިބޭނެ ކިތަންމެ ވަރެއް ކުރިޔަސް" މާޒިން އިންތަނުން ތެދުވަމުން ބުނެލިއެވެ. ދެމީހުންގެ އަޑު ފަހަރެއް ފަހަރަކަށްވުރެ ދަނީ ގަދަވަމުންނެވެ. އީމާން އިނީ ދެމީހުން ޒުވާބު ކުރާތީ ބޮލަށް އުނދަގޫވެފައެވެ.

"ކަލޭ ހީކުރީ ރާނީ އެއީ މާ ރަގަޅު މީހެއް ކަމަށްތަ؟ އެއީ ބޮޑު..." "ހުއްޓާލާ ދެން" މަންހާ ބުނެބުނެ ހުރި ޖުމްލަ ހުއްޓުވީ އީމާން އެވެ. އީމާންގެ އަޑު ޖެހުމުން މާޒިން ވެސް ސިއްސައިގެން ދިޔައެވެ.

"އަނހާ އަދި މި ރަގަޅު ވީ... ބޭސްޓީ ޓު ދަ ރެސްކިއު" މާޒިން ކައިރިޔަށް ހިނިއައެވެ. ބޯ ހޫރައިލުމަށްފަހު މާޒިން ފޯނު ނަގައިގެން ކުޅެން ފެށިއެވެ.

"މަންހާ އެޅިންތަ އެޔަށް ލޮނު؟" އީމާން ބޭނުންވީ މަންހާގެ ދުލުން ހަގީގަތް އަހާށެވެ. އީމާންގެ ހިތުގައި ކޮންމެވެސް ވަރަކަށް މަންހާ އަށްޓަކައި އިތުބާރު ވެއެވެ. އެއީ ލޯބީގެ ބާރެވެ.

"އާނޔޭ މަ މި ބުނީނު މަށަށް ފެނުނޭ... ކައެ މަށަށް ޓްރަސްޓް ކޮށްބަލަ..." މަންހާ އެއްޗެއް ބުނަން ވާއިރަށް މާޒިން ބުނެލިއެވެ. މަންހާ އައި ރުޅިން އެތަނުން ނިކުމެގެން ދިޔައީ އެވެ. މާޒިން ބާރު ބާރަށް ހޭން ފެށިއެވެ. އީމާން އިނީ މަންހާ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ.

ރާނީ އިނީ ސައިކަލު މަތީގައި ޒިއަން ގައިގައި ބައްދައިގެންނެވެ. ރާނީ އަދިވެސް ސައިކަލު މަތީ އިންނަން ބިރުގަނެއެވެ. ދެމީހުން ވަނީ އީމާން އަށް ހަދިޔާއެއް ގަންނަން ފިހާރައަކަށެވެ. ގަމީސް ހަރު ކައިރީ ހުރެގެން ރާނީ ފަހަރަކު ގަމީހެއް ބަލަމުން ދިޔައެވެ. ޒިއަން ހުރީ ތަންކޮޅެއް ދުރުގައެވެ. ރާނީ އަށް ރީތިވި ގަމީސް ނަގައި ބަލައިލިއެވެ. އެ ގަމީހަށް ބަލައިލުމަށްފަހު ރާނީ ޒިއަން އަށް ގޮވައިލަން އެނބުރެލިއެވެ. އެޔާއި އެކު ކުރިމަތީ ހުރި އަންހެން ކުއްޖާ ފެނުމުން ރާނީގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނޭވާ ހިފަހައްޓައިލުމަށްފަހު ވަރަށް އުނދަގުލުން ދޫކޮށްލިއެވެ. އެ މީހަކަށް ފެނިދާނެތީ ރާނީ ފުރަގަހަށް އެނބުރުނެވެ.

"ކިހިނެއްވެފަ ފާރަށް ބަލަން ތިހުރީ؟" ފަހަތުން ޒިއަން އައިސް  ބުނެލިއެވެ. މޫނު މަތީގެ ހާސްކަން ފޮރުވަމުން ޒިއަން އަށް ގަމީސް ދައްކައިލިއެވެ. އަދި ފަހަތަށް އެނބުރި ބަލައިލިއެވެ. އެއްވެސް ނުރައްކަލެއް ފެންނަން ނެތުމުން މިތަނުން އަވަހަށް ނިކުންނަން ހިނގާށޭ ރާނީ އަށް ބުނެވުނީ ވަރަށް ހާސްކަންމަތީއެވެ.

"ކަމެއްވީތަ؟ ހާދަ ފާޑަކަށް ތިއުޅެނީ؟" ރާނީ މީހަކަށް ފިލަން އުޅޭހެން ޒިއަން އަށް ހީވިއެވެ. ރާނީ ކަމެއް ނުވާކަމަށް ބުނެ، ފައިސާ ދައްކަން ހިނގައިގަތެވެ. ޒިއަން އާއި ރާނީ ކައުންޓަރު ކައިރިން ދާން އެނބުރުން ވަގުތު ރާނީ މީހެއްގެ ގައިގައި ލައިގަތެވެ.

"ސޮރީ" އެކުއްޖާ ބުނެލިއެވެ. އެކުއްޖާ އާއި ދުރުވެލުމަށްފަހު ރާނީ ބަލައިލިއެވެ.

"ރާނީ؟" ސިއްސައިގެން ދިޔަވަރުން ޝިޔާ އަށް ރާނީގެ ނަން ކިޔައިލެވުނީ ވަރަށް ބާރަށެވެ.

ރާނީ ކުޑަކޮށް ހީލުމަށްފަހު ދާން ހިނގައިގަތެވެ. ދުވަހެއްގެ ކޮޅުން ވެސް ދެކެން ބޭނުން ނުވާ މީހަކު ފެނުމުން ރާނީ ހުރީ ނޭވާ އަވަސްވެފައެވެ. ނަމަވެސް ޝިޔާ ރާނީގެ އަތުގެ މުލައްދަނޑީގައި ހިފައި އަނބުރައިލިއެވެ. ޒިއަން ވެސް އައިސް ކައިރީގައި މަޑުކޮށްލިއެވެ.

"ފިލައިގެން ކަލޭ ތިއުޅެނީ މަންމަ މިހާރު ފުލުހަށް އަންގައިފި" ޝިޔާ ބުނެލިއެވެ. މިހެން ބުނުމަށްފަހު ރާނީގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގައިލިއެވެ.

"އޭ ހެލޯ... ޝީ އިޒް މައި ވައިފް... މިތާކު މީހަކު ނޫޅޭ ޒުވާބު ކުރާކަށް ސޯ އެކްސްކިއުސް އަސް" ރާނީ ފަހަތައް ޖައްސައިލައި، ޝިޔާގެ ކުރިމައްޗަށް އަރަމުން ޒިއަން ބުނެލިއެވެ. އަދި ހީލުމަށްފަހު ރާނީގެ އަތުގައި ހިފައިގެން ފިހާރައިން ނިކުންނަން ދިޔައެވެ.

ރާނީ އާއި ޒިއަން ސައިކަލުގައި ދިޔަ މަންޒަރު ބަލަން ޝިޔާ ހުރީ ފިހާރައިގެ ދޮރުމަތީގައެވެ. ވަގުތުން ޝަމީމާ އަށް ގުޅުމަށްފަހު ރާނީގެ ހަބަރު ދިނެވެ. ޝަމީމާ ރާނީ ހޯދަން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. މާލޭގެ މުއްސަންޖަކާ އިނދެގެން އުޅޭކަމުގެ ފައިދާ އެމީހުނަށްވެސް ލިބެންވާނެއެވެ. ގޭގެ އެއްފަޅި ރާނީގެ ނަން މަތީގައި އޮތުމުން އެކަމާވެސް ހިރުވާވަރުން ޝަމީމާއަށް ލޮލުފިޔައެއް ނުޖެހެއެވެ. ކޮންމެވެސް ގޮތަކުން ގެ އެއްކޮށް އޭނާގެ ނަން މައްޗަށް ރަޖިސްޓްރީ ކުރަން ޝަމީމާ ބޭނުމެވެ. އެކަން ވާނީ ރާނީ އުޅޭ ތަނެއް ހޯދައިގެންނެވެ.

"ބިރުންތަ ތީނީ؟ އަދިވެސް ބިރުގަނޭތަ؟" ޒިއަންގެ އުނަގަނޑުގައި ވަށާލެވިފައިވާ ރާނީގެ އަތުގައި ހިފައިލަމުން ޒިއަން އަހައިލިއެވެ. ރާނީ ޒިއަންގެ ކޮނޑުގައި ބޯ އަޅައިގެން އޮތީއެވެ.

"ރާނީ؟" ރާނީ އަނގައިން ނުބުނުމުން ޒިއަން އަނެއްކާވެސް ގޮވައިލިއެވެ.

"ދެން އެހެން ގޮތެއް ވަނީ.. އެހާ ދުވަސްކޮށްފަ ފެނުނީމަ" ރާނީ ބުނެލިއެވެ. ޒިއަން ހީލުމަށްފަހު އިތުރު އެއްޗެއް ނުބުނެއެވެ.

ޒިއަން އާއި ރާނީ ގެއަށް އައިސް ވަތްއިރު ޝާހިދު އާއި ޒާހިދާ ތިބީ ޓީވީ ބަލާށެވެ.

"ތި ދެކުދިން ނުފެނިގެން ބައްޕަ މިއުޅެނީ..." ޝާހިދު ބުނެލިއެވެ.

"ކިހިނެއް ހަދާފަ ހުރި ކާއެއްޗިއްސެއް ޑަސްބިނުގަ އެހުރީ؟ ކީއްވެ އުކާލީ؟ މަންމަ އެ ޖެހުނީ އަލުން ކައްކަން" ޒިއަން އާއި ރާނީ ސޯފާގައި އިށީނުމުން ޒާހިދާ އަހައިލިއެވެ. ޒިއަން ބުނީ ތަޅަންމައްޗަށް ވެރުނީ ކަމަށެވެ. ޒާހިދާ ވަރަށް ފަސޭހައިން އެކަން ގަބޫލުކުރިއެވެ.

އޭރުވެސް މާޒިން އާއި އީމާން މަތީގައި އުޅެއެވެ. އެހެން ކަމުން ދެމަފިރިން ދެން ދިޔައީ މައްޗަށެވެ. އީމާން އަށް ގެނަ ހަދިޔާ ވަރަށް ކަމުދިޔައެވެ. ހާއްސަކޮށް ގަމީސް އީމާން އަށް ވަރަށް ރީތި ވިއެވެ.

"މަށަށް ކޯންޗެއް؟" މާޒިން ކުސްތަޅައިލިއެވެ. ޒިއަން ނެގީ ޖީބުން ލޮލީޕޮޕެކެވެ. މާޒިން ޒިއަން އަށް ލޯ އަޅައިލިއެވެ.

****

ޒިއަން އަށް އިމްތިހާނު ނިމިއްޖެއެވެ. އެހެންކަމުން ތިން އެކުވެރިން ރާވަމުން ދިޔައީ އަނެއްކާވެސް ދަތުރެއް ދާށެވެ. މިހާރު އެމީހުން އެ ވިސްނަނީ މި ދަތުރު ދާނެ ރަށަކާއި ދޭތެރޭގައެވެ.

"ރާނީ ގެންދަންވާނެ އެއްނު؟" އީމާން ބުނެލިއެވެ. ނަމަވެސް ޒިއަން އަކަށް އެ ގޮތެއް ކަމަކު ނުދިޔައެވެ.

"ދެން އަހަރެމެން ދާ ތަނަކަށް އޭނަ ގެންދާނެ ކަމެއް ނެތް... ރާނީ ގޮވައިގެން މަ އެކަނި ދާނަން ތަންކޮޅެއް ފަހުން" ޒިއަން ބުނެލިއެވެ. އެގޮތް އީމާން އާއި މާޒިން އަށް ވެސް މާ ކަމުދިޔައެވެ. ރާނީ ހިނގައްޖެ ނަމަ އެމީހުން އުޅެން ބޭނުންވާހާ ގޮތަކަށް ނޫޅެވިދާނެއެވެ.

މިފަހަރު އެމީހުން ނިންމީ މާޒިންގެ ބައްޕަގެ ރަށް ކަމަށްވާ ލ.ގަމަށް ދާށެވެ. ލާމަކީ ޒިއަން އާއި އީމާން ވެސް ވަރަށް ދާން ބޭނުންވާ އަތޮޅެއް ކަމުން ތިން އެކުވެރިންވެސް ތިބީ ވަރަށް ފޮނިވެފައެވެ. އެހެން ކަމުން ޓިކެޓް ވެސް ނެގީ ދަތުރު ދާން އޮތް ދުވަހަށްވުރެ ތިން ދުވަސް ކުރިންނެވެ.

ޒިއަން ދާން އުޅޭތީ ރާނީ ހުރީ ވަރަށް ދެރަވެފައެވެ. އެންމެ މިނެޓަކުވެސް ޒިއަން ފެންނަން ނެތިއްޔާ ރާނީ ހުންނަނީ ހާސްވެފައެވެ. މިގޭގައި ޒިއަން ހިނގައްޖެ ނަމަ ދެން ހުންނާނީ މަންހާ އެވެ. އަނެއްކާ އަނެއް މުސީބާތެވެ. ޒިއަން ވެސް އެކަމާ ހުރީ ޖެހިލުންވެފައެވެ. މަންހާ ކޮންމެ ފަދަ ކަމެއް ކުރިޔަސް ރާނީ ހުންނާނީ މަޑުންކަން ޒިއަން އަށް އިނގެއެވެ. ނަމަވެސް މި ދަތުރު ޒިއަންވެސް ވަރަށް ދާން ބޭނުމެވެ. ޒިއަން ފުރައިގެން ދިޔައީ ރާނީ އަށް ވަރަށް ވިސްނައިދީފައެވެ. ކިރިޔާ ކަމެއް ވިޔަސް ޒިއަން ކައިރީގައި ބުނުމަށް ފަށްފަށުން އެދުނެވެ.

ޒިއަން ފުރައިގެން ދިޔަ ދުވަހު ރާނީ ކޮޓަރިން ނުވެސް ނިކުމެއެވެ. ޒާހިދާ ވެސް މިއަދު ހުޅުމާލެއަށް ރައްޓިއްސަކާ ބައްދަލު ކުރަން ދިޔަ ގޮތަށް އަދިވެސް ނާދެއެވެ. ބަނޑުވެސް ހައިވެއްޖެއެވެ. ވަރަށް ހިތްވަރުކޮށްފައި ރާނީ ބޭރަށް ނިކުތެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނަން ނެތުމުން ރާނީ ބޮލަށް ހުޅިއެއް ޖަހައިލިއެވެ. އަދި އުނދުން ކައިރީ ހުއްޓިލައިގެން ހުރެ ތައްޓަށް ނޫޑުލްސް އަޅަމުން ދިޔައެވެ. އެވަގުތު ކޮންމެވެސް މީހަކު ފަހަތުގައި ހުރިހެން ރާނީ އަށް ހީވިއެވެ. ހިންދިރުވައިލުމަށްފަހު ރާނީ ފަހަތަށް ބަލައިލިއެވެ. ރާނީ ސިއްސައިގެން ދިޔައީ ފުރަގަހުގައި ހުރި މަންހާ ފެނުމުންނެވެ.

ރާނީ ބިރުގަންނަވާލަން ތައްޔާރަށް ހުރި މަންހާ ސިހުނެވެ. ކުއްލިއަކަށް ރާނީގެ މޫނު ފެނުމުން ފަހަތަށް ޖެހިލެވުނެވެ. ދެ ލޯ ތަންމިނަށް ބޮޑުވެގެން ދިޔައެވެ. ރާނީ ވަގުތުން ފަހަތަށް އެނބުރުނެވެ. އަދި އިސްތަށިގަނޑު ނިއުޅައިލުމަށްފަހު މޫނުގެ އެއްފަޅި ފޮރުވައިލިއެވެ.

މާންހާގެ ކައިރިން އަޅާފައި ރާނީ ދިޔައިރުވެސް މަންހާ އަށް ހުރެވުނީ ރާނީ އަށް ބަލާށެވެ. ރާނީ ކާން އިންދައި މަންހާ ބާރު ބާރަށް އެތަނުން ނިކުމެގެން ދިއުމުން ރާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް