އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް ކުރުން މިރެއަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.
ދެ ފަނޑިޔާރުންގެ މައްޗަށް މިރޭ ހުކުމް ކުރުމަށް ހަމަޖެހިފައި އޮތީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވިކަމަށް ބުނެ އުފުލާފައިވާ ދައުވާގެ އެވެ. މިރޭ ބާއްވަން ތާވަލު ކުރި ހުކުމް ކުރުން ކެންސަލް ކުރީ ކީއްވެ ކަމެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
މިރޭގެ ޝަރީއަތް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ 7:00 ގައި އެވެ. ޝަރީއަތަށް ދެ ފަނޑިޔާރުން ކޯޓަށް ހާޒިރު ކުރި ފަހުން އަލީ ހަމީދަށް ނޭވާލާން އުނދަގޫވެގެން އެމަޖެންސީކޮށް ކަރެކްޝަންސްގެ ބެލުމުގެ ދަށުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަލީ ހަމީދަށް ދަނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.
އެހެންވެ ޝަރީއަތް ފަހުން ބާއްވާގޮތަށް ހަމަޖެހިފައި އޮތީ މިރޭ 9:30 ގައި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ތަހުގީގަށް ބަންދުކޮށްފައި ހުއްޓައި ވެސް އަލީ ހަމީދުގެ ހާލު ދެރަވެ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް