ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.
އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ. އިއްޔެވެސް ވަނީ މައުމޫންގެ ޝަރީއަތެއް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފައި އެވެ. މައުމޫންގެ ވަކީލުން އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތް ކެންސަލް ކުރަން ޖެހުނީ އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަން ފުލުހުން ކޯޓަށް އަންގާފައިވާތީ އެވެ.
މިއަދުގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ ހެނދުނު 10:00 އަށެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ގުޅިގެން ތާވަލު ކުރި އަޑު އެހުމެކެވެ.
މައުމޫންއާ ދެކޮޅަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން އެ މަނިކުފާނު ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ވަކި ގޮތަކަށް ނެރެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދެއްވުމުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި މައުމޫން ނުފޫޒު ފޯރުވި ކަމަށް ވެސް ދައުވާގައިވެ އެވެ.
މައުމޫންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އިއްޔެ ވަނީ އުއްތަމަ ފަނޑިޔާޜު ސުޕްރީމް ކޯޓުގެ ޖެމްސްގެ ހިދުމަތް ކަނޑާލި ކަމަށް ބުނާ މައްސަލައިގަ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ހަތަރުމަހާއި 24 ދުވަހަށް ޖަލަށް ލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް