ފްރާންސްގެ ތިން ވަނަ ޑިވިޝަންގެ ލެސް ހާބިއޭސް 2-0 އިން ބަލިކޮށް ފްރެންޗް ކަޕް (ކޫޕޭ ޑި ފްރާންސް) ގެ ޗެމްޕިއަންކަން ހޯދާ، އެއް ސީޒަނެއްގެ ތެރޭގައި އަމިއްލަ ގައުމުގެ (ޑޮމެސްޓިކް) ތިން މުބާރާތުގެ ތަށި ޕީއެސްޖީ އިން އުފުލާލައިފިއެވެ. ރޭގައި ފްރެންޗް ކަޕްގެ ތަށި އުފުލާލިއިރު، ޕީއެސްޖީން ވަނީ ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށް އަދި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ވެސް ކަށަވަރު ކޮށްފައެވެ.
އެންމެނަށް ގޮންޖަހައި، ފްރާންސްގެ ފުޓްބޯޅައިގެ ތާރީޚްގެ ވެސް އެންމެ ހައިރާން ކުރަނިވި ނަތީޖާގެ ގޮތުގައި ތިން ވަނަ ޑިވިޝަންގެ ލެސް ހާބިއޭސް ފްރެންޗް ކަޕްގެ ފައިނަލަށް ދަތުރު ކުރިއިރު، ފައިނަލްގައި ޕީއެސްޖީއާ ދެކޮޅަށް އެ ޓީމަށް މާބޮޑުކަމެއް ނުކުރެވުނެވެ. އަނެއްކޮޅުން އެ ޓީމަށް މިހާރު އޮތީ 4 ވަނަ ޑިވިޝަނަށް ރެލިގޭޓް ވުމުގެ ބިރާ ކުރިމަތިވެފައެވެ.
ލެސް ހާބިއޭސް ބަލިކޮށް ރޭގައި ތަށި އުފުލާލިއިރު، ތިން ވަނަ ޑިވިޝަންގެ މި ކްލަބުން ދެއްކި ހިތްވަރަށް ޕީއެސްޖީން ވަނީ ތަފާތު ގޮތަކަށް މަރުހަބާ ކިޔާފައެވެ. ޕީއެސްޖީ އިން ވަނީ ކެޕްޓަން ތިއާގޯ ސިލްވާ އާއެކު ތަށި އުފުލާލުމަށް ލެސް ހާބިއޭސްގެ ސެބާސްޓިއަން ފްލޮޗޮން އަށް ދައުވަތު ދީފައެވެ.
ރޭގެ މެޗުގައި މުޅި ގޭމް ކޮންޓްރޯލް ކޮށްގެން ޕީއެސްޖީން ކުޅުނުއިރު، އެ ޓީމަށް ފުރަތަމަ ހާފުގެ މެދެއްކަންހާ ހިސާބުގައި ގޯލު ހުޅުވާލަދިނީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. މިއީ 25 ޔާޑު ބޭރުން އޭނާ ގޯލަށް ފޮނުވާލި ބާރު ހަމަލާއެކެވެ.
ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗު ނިމެން 15 މިނިޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ އެޑިންސަން ކަވާނީ އެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ.
މި ކާމިޔާބާއެކު ޕީއެސްޖީ އިން މި ވަނީ ފްރެންޗް ކަޕް ޖެހިޖެހިގެން 4 ވަނަ ފަހަރަށް ކާމިޔާބު ކޮށްފައެވެ. ޕީއެސްޖީން ވަނީ މި މުބާރާތް ޖުމްލަ 12 ފަހަރު ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް