ބަރަކާތްތެރި ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަސް ފެށުމުގެ ކުރިން ކެއުން ބުއިމަށް ބޭނުންވާ ސާމާނު ގަނޑުކޮށް ގަނެ ގެއަށް ވެއްދުން ވެފައި އޮންނަނީ ދިވެހިންގެ އާދަ އަކަށެވެ.ގަނޑުކޮށް ގަންނަނީ އަގު ހެޔޮ ވާނެތީ އެވެ.
ކާޑުގެ ބާވަތްތަކުގެ ބަސްތާ ބަސްތާ އާއި ބިހާއި ގެރިކިރު އަދި އަލަނާސި ކޭހުން ގަނެ ގެއަށް ވައްދާއިރު މިފަހަރު ދިވެހިންނާއި މިވަނީ ތަފާތު ކަމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ ގަންނަން ލިބެންހުރި ބިސްކޭސްތަކުގެ މުއްދަތު ހަމަވާލެއް އަވަސް ކަމުގެ މައްސަލަ އެވެ.
އެސްޓީއޯގެ ގުދަން ތަކުން މިހާރު ވިއްކަން ހުރި ބިސްކޭސްތަކުގައި މުއްދަތު ހަމަވާނެ ތާރީހު ކަމަށް ބުނެފައިވަނީ 20 މެއި 2018 އެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވިއްކާ ބިސް މި މަހުގެ 16ގައި މުއްދަތު ހަމަވާނެ ކަމަށްވެސް ބުނެފައި ވެ އެވެ. މެއި 15ގައި ރަމަޟާން މަސް ފެށޭއިރު 20 ގައި ބިސްކޭސް މުއްދަތު ހަމަވާނަމަ އެ ކޭސް ބޭނުން ކުރެވޭނީ ރޯދަ މަހުގެ އެންމެ ފަސް ދުވަހު އެވެ. އަނެއްކާ ވީ އަނެއްކޭސް ގަންނާށެވެ. ދެން ގަންނަ ބިސްކޭހަކުންވެސް ރޯދަ މަސް ނިމެންދެން ހިފަހައްޓާލެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
އެއީ މިކަމާއި ގުޅިގެން އިއްޔެ އެސްޓީއޯއިން ހާމަކޮށްފައިވާގޮތުގައި ބިސް ރާއްޖެ އެތެރެކޮށް ސްޓޯރޭޖް ކުރަން ހަތް ދުވަސް ނަގަ އެވެ. އަދި މިނިސްޓްރީ އޮފް ހެލްތުން ނެރެފައިވާ ސާކިއުލާގައިވާގޮތުން ނަމަ ޓްރީޓްމެންޓް ނުދީ ބިސް ވިއްކަން އެސްޓީއޯއަށް ލިބެނީ އެންމެ 21 ދުވަހެވެ. ބިހުގެ އައު ޝިޕްމެންޓެއް 20 ވަނަ ދުވަހު ވިއްކަން ފެށޭވަރަށް ގެނެސް ގުދަން ކުރި ނަމަވެސް 20 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮންނަ 21 ދުވަހު މުއްދަތު ހަމަވާގޮތަށް ބިސް ވިއްކި ނަމަވެސް ރޯދަ މަސް ނިމެންދެން އެ ޝިޕްމެންޓުގެ ބިސް ކޭހަކުންވެސް ނުވާނެ އެވެ. ރޯދަ މަހުގެ ފަހު ހަތަރު ދުވަހު އަނެއްކާ އަނެއް ކޭސް ގަންނަން ވީއެވެ.
އެސްޓީއޯއިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި މިކަމާއި ބެހޭގޮތުން އެސްޓީއޯގެ ބަސް ވަނީ ބަޔާން ކޮށްފަ އެވެ. އެސްޓީއޯއިން ބުނެފައިވަނީ އެސްޓީއޯއިން މިއަހަރު ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބިހަކީ މިނިސްޓްރީ އޮފް ހެލްތް އިން 2017 ނޮވެމްބަރ 13 ވަނަ ދުވަހު ޢާއްމުކޮށްފައިވާ އިއުލާން ނަންބަރ (IUL)182/FCD/2017/18 އާއި އެއްގޮތަށް އެތެރެ ކުރެވިފައިވާ ބިސް ކަމުގައި ދަންނަވާ ކަމަށެވެ.
"އެއިއުލާންގައިވާ ގޮތުން 2018 ޖަނަވަރީ 15 އިން ފެށިގެން ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ، ފިނި ނުކޮށް، އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށެވެ. މިދެންނެވި 28 ދުވަހުގެ ތެރެއިން ބިސް އެތެރެކޮށް ގުދަންކުރުމަށް 7 ދުވަސް ނަގާނެއެވެ. ބާކީ އޮންނަ 21 ދުވަހަކީ ބިސް ވިއްކުމަށް ބަހައްޓަންލިބޭ ދުވަސްތަކެވެ." އެސްޓީއޯގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.
މީގެ ކުރީގައި ނަމަ ބިސް ވިއްކަމުން ގޮސްފައިވަނީ މުއްދަތު ހަމަވާ ތާރީހު ކޭހުގައި ޖެހުމެއް ނެތި އެވެ. ނުވަތަ ދިގު މުއްދަތެއް ދީފައި ހުރެ އެވެ. ގޯސް ބިސް ދެނެގަތުމަށް ބަދިގެ ތެރޭގައި ދިވެހިން ބޭނުންކުރާ ބައެއް ކަހަލަ "ލައިފް ހެކްސް" ބޭނުންކޮށްގެން ބިސް ހުރީ ގޯސްވެފައިތޯ، މުއްދަތު ވަނީ ހަމަވެފައިތޯ، ބޭނުންކުރަން ރަނގަޅުތޯ ނުވަތަ ނޫންތޯ ދިޔައީ ބަލަމުންނެވެ.
ކޮންމެ އަކަސް ބާޒާރުގައި "ޕްލާސްޓިކް ބިހާއި" ބޭރު ތޮށީގައި ނަޖިސް އެކުލެވޭ ބިސް ގިނަވެ އެކަމުގެ ޝަކުވާތައް ފުނިޖެހުމުންނާއި އިތުރު ސިއްހީ ކަންކަމަށް ރިއާޔަތްކޮށް ބިހާއި ބެހޭގޮތުން ހެލްތުން ނެރުނު ސާކިއުލާގައިވާގޮތުން ނަމަ ގިނަ ދުވަހު ބާޒާރުގައި ބިސް ވިއްކޭނެ އެހެން ހަމައެއް ބަޔާން ކޮށްފައި ވެ އެވެ. އެއީ ޓްރީޓްމެންޓް ދީގެންނާއި ފަސް ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބިސް ބަހައްޓައިގެން ވިއްކުމެވެ. އެގޮތައް ވިއްކާނަމަ އެތެރެކުރާ މުއްދަތާއި ހަމައިން ތިން މަސް ދުވަހު ބިހުގެ އެ ޝިޕްމެންޓެއް ވިއްކުމުގެ ހުއްދަ ލިބެ އެވެ.
ކޮންމެއަކަސް ބެލެވޭގޮތުގައި މި އަހަރު ދިވެހިންނެއް މި ދިމާވި ގޮތުން މަދުވެގެން ދެ ބުރަސް ބިސް ނުގަނެ ވާކަށް ނެތެވެ. އެއީ މުއްދަތު ހަމަވާނެ ކަމަށް ކެއިން ބުއިމަށް ބޭނުންކުރާ އެއްވެސް އެއްޗެއްގައި ތާރީހެއް ޖަހާފައިވާނަމަ އެ އެއްޗެއް އެ ތާރީހެއްގެ ފަހުން ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާނެތީ އެވެ. ހެލްތުން ބުނެފައިވާ އެ ކޮލިޓީގައި ބިސް ވިއްކިދާނެތޯ އުފެދޭ ސުވާލަށް ޖަވާބު ދެވޭނީ އެސްޓީއޯއަށް ކަމުގައި ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް