ފޮޓޯ: އެމްއެންޑީއެފް
ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ނިލަންދޫ އަދި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ނިލަންދޫ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގައި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ޓީމުން ވެސް ބައިވެރިވެފައިވާއިރު، ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު 10:35 ހާއިރުއެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކު ވަރަށް ބޮޑަށް ފިހިފައިވާތީ، އޭނާއަށް މިހާރު ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.
އަލިފާނުގެ މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި، ކައިރީގައި އޮތް ތިން ދޯންޏަކާއި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް ވެސް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް