އުސޫލާއި ހިލާފުވުމުން އައިލެންޑް ސަފާރީގެ ފަޅުވެރިން އަނެއްކާވެސް ކަރަންޓީނަށް!

ކަރަންޓީން ކުރުމުގެ އުސޫލުތަކާއި ހިލާފުވެގެން އައިލެންޑް ސަފާރީގެ ބައެއް ފަޅުވެރިން އަނެއްކާވެސް14 ދުވަހުގެ ކަރަންޓީން މުއްދަތު ފަށަން ޖެހިއްޖެ އެވެ. އައިލެންޑް ސަފާރީ އާއި އޭގައި ތިބި30 މީހަކު ކަރަން...

09 Apr 2020 | 17:15

ކަރަންޓީން ކުރުމުގެ އުސޫލުތަކާއި ހިލާފުވެގެން އައިލެންޑް ސަފާރީގެ ބައެއް ފަޅުވެރިން އަނެއްކާވެސް14 ދުވަހުގެ ކަރަންޓީން މުއްދަތު ފަށަން ޖެހިއްޖެ އެވެ.

އައިލެންޑް ސަފާރީ އާއި އޭގައި ތިބި30 މީހަކު ކަރަންޓީން ކުރީ އެ ސަފާރީގައި ތިބި އިޓަލީގެ ދެ ޓޫރިސްޓަކު ކޯވިޑް-19 އަށް ޕޮސިޓިވް ވުމުންނެވެ. އޭގެ ތެރެއިން ބައެއް ޓޫރިސްޓުން މިހާރު ވަނީ ކަރަންޓީން މުއްދަތު ހަމަކޮށް ރާއްޖެއިން ފުރައިގެން ގޮސްފައި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ މެންބަރު ޑރ އަލީ ލަތީފު ވިދާޅުވީ އެމީހުންގެ ތެރެއިން ބައެއް މީހުން އުސޫލުތަކާއި ހިލާފުވެފައިވާ ކަމަށެވެ. ކަރަންޓީން ކުރުމުގެ ބޭނުމަކީ14 ދުވަސް ވަންދެން އެކަހެރިކޮށް ހުރެގެން ފުރިހަމަ ކުރަން ޖެހޭ އެއްޗެއް ކަމަށެވެ.

އެކަމަކު އެމީހުން ވިލިވަރުގައި ބޭރަށް ނުކުމެ އެހެން މީހުންނާއި ގުޅިގެން އުޅެފައިވާ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިގޮތަށް އަމަލު ކުރުމުން ކަރަންޓީންގެ މަގުސަދު ހާސިލް ނުވާ ކަމަށެވެ.

ޑރ އަލީ ލަތީފު ވިދާޅުވީ އެނޫން ބައެއް މީހުންވެސް އުސޫލުތަކާއި ހިލާފުވެގެން އަލުން ކަރަންޓީން މުއްދަތު ފަށާފައި އެބަތިބި ކަމަށެވެ.

އައިލެންޑް ސަފާރީ ކަރަންޓީން ކޮށްފައި އޮތީ ވިލިވަރު ފަޅުތެރޭގައި އެވެ. އޭގައި ތިބި ދެ ފަޅުވެރިން ފިޔަވާ ދެން ތިބި އެންމެން ކަރަންޓީން ކުރީ ވިލިވަރުގައި އެވެ. ސަފާރީ ހުސްކޮށް ނުބާއްވަން ވެގެން ދެ ފަޅުވެރިން ކަރަންޓީން ކޮށްފައި ތިބީ ސަފާރީގައި އެވެ.

މީގެ ތެރެއިން އަލުން ކަރަންޓީން މުއްދަތު ފަށަން ޖެހުނީ ކިތަން މީހުން ކަމެއް ނުވަތަ ކޮން ބައެއް ކަމެއް ނޭނގެ އެވެ. މީގެ ކުރިން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ސަފާރީގައި ކަރަންޓީން ކޮށްފައި ތިބި ދެ ފަޅުވެރިން ތިބޭނީ އޭގައި ވަކިން ކަމަށެވެ. އެމީހުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތަކާއި ކާއެއްޗިހި އަދި އެމީހުންގެ ހާލު ބެލުމަށް ބަރާބަރަށް ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ސަފާރީއަށް ދާ ކަމަށެވެ.

ސޯޝަލް މީޑިއާގައިވެސް ވަނީ ވިލިވަރު ކަރަންޓީން ފެސިލިޓީގައި ކަރަންޓީން ކޮށްފައި ތިބި މީހުން ކޮޓަރިތަކުން ނުކުމެ ރަށު ތެރޭގައި ކުޅެ މަޖާކޮށް ހަދާ ކަމަށް ބުނެ ވާހަކަތަކެއް ފެތުރިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް