ކުރީގެ އަދަދާ ގުޅޭ...
"ޝިޓް ޒިއަން ހިނގާ ހޮސްޕިޓަލަށް ދާން" ޒައިނާ ވެސް ރާނީ ގައިގައި ހިފަހައްޓައިލިއެވެ. ރާނީ ކާރަށް ލައިގެން ދިޔައީ ހޮސްޕިޓަލަށެވެ. އެމެޖެންސީ ވޯޑުގައި ރާނީ ޖެހުނީ އެޑްމިޓް ކުރާށެވެ.
"ވަރު ހުސްވެގެން ފެއިންޓް ވީ... އެއްޗެއް ކައިގެންތަ ހުރީ މިއަދު؟" ރާނީ ބެލި ޑޮކްޓަރު އައިސް އަހައިލިއެވެ. ދެންމެ ދަތުރެއް ކޮށްފައި އައި ވާހަކަ ޒައިނާ ކިޔައިދިނެވެ. ޑޮކްޓަރު ބުނީ އިރުކޮޅަކުން ހޭ އަރާނެކަމަށެވެ. އައިވީ ހުސްވަންދެން އެޑްމިޓް ކޮށްފައި ބާއްވާނެކަމަށްވެސް ޑޮކްޓަރު ބުންޏެވެ.
"ހިއެއް ނުވޭ އެއްޗެއް ކެއި ހެންނެއްވެސް... އޭނަ ހުރީ ގިފިލީގަ ބަންދުކޮށްފަ ކުޑޫ ދިޔައިރު... އެންޑް އެއްވެސް އެއްޗެއް ވެސް ނުގެންނަން ހަމަ ހުރި ގޮތަށް އެއައީ" ޒައިނާ ކަންތައް ވީ ގޮތް ކިޔައިދިނެވެ. އަދި ލޯންޗުގައި ކަންތައް ދިމާވި ގޮތް ވެސް ޒައިނާ ކިޔައިދިނެވެ. އޭގެ ފަހުން ޝަމީމާ ކަންތައްކުރި ގޮތް ޒިއަން ކިޔައިދިނެވެ.
އެރޭ ރާނީ ހޭ އެރީ ބާރަ ޖަހަން އުޅެނިކޮށެވެ. އޭގެ ކުރިން ޒިއަން ވަނީ ޒައިނާ ގެއަށް ފޮނުވާލައިފައެވެ. ރާނީ ހޮސްޕިޓަލުން ދޫކޮށްލުމުން ޒިއަން ފުރަތަމަ ދިޔައީ ރާނީ ބަހައްޓަން ހަމަޖައްސާފައިވާ ތަނަށެވެ.
"ފެންވަރަށް ބޭނުންތަ؟" ޒިއަން އަހައިލުމުން ރާނީ ބޯ ޖަހައިލިއެވެ.
"ފެންވަރަން ވަދެބަ... އެބަ އަންނަން ކުޑޫ ތަނުން ހެދުމަކާ ކާ އެއްޗެއް ހިފައިގެން އިނގޭ" ރާނީގެ ނިތްކުރިއަށް ބޮސްދެމުން ޒިއަން ބުނެލިއެވެ. ދެން ޒިއަން ދިޔައީ ރާނީ ފެންވަރައިގެން ނިކުންނަން ވާއިރަށް ހެދުމަކާއި ކާ އެއްޗެއް ހިފައިގެން އަންނާށެވެ.
ޒިއަން ނިކުމެގެން ދިއުމުން ރާނީ ފާހާނާއަށް ވަނެވެ. އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަށްފަހު މާގަނޑު ދޮށުގައި މަޑުކޮށްލިއެވެ. ރާނީ ހުރީ ހަދާނެ ގޮތެއް ނޭންގިފައެވެ. ދުވަހަކުވެސް މިކަހަލަ އެއްޗަކުން ފެނެއް ނުވަރައެވެ. މުޅި އުމުރުގައިވެސް ފެންވެރީ ވަޅުން ފެން ނަގައިގެން ދާނިންނެވެ. ނަސީބަކުން އެގޭ ގިފިލީގައި ހުންނަނީ މިތާ ހުރި ކަހަލަ ފާހާނަ ތައްޓެއް ކަމުން އެޔާ ކުޅެން ރާނީއަށް އިނގެއެވެ. މާގަނޑު އަތަށް ނެގުމަށްފަހު ރާނީ ކުޑަކޮށް ހަލުވައިލިއެވެ. އެވަގުތު ދެތިން ފެންތިކި ބުރައިގެން ދިޔައެވެ. ރާނީ އެޔަށްވުރެ ބާރަށް ތަޅުވައިލިއެވެ. ފެނެއް ނާދެއެވެ. އަނެއްކާ މީ ހަލާކުވެފައި ހުރި އެއްޗެއް ހެއްޔެވެ. ދެން ރާނީ އޭގައި ދެތިން ފަހަރު ޖަހައިލިއެވެ. ދެންވެސް ފެނެއް ނައެވެ. ރާނީ ހަދާނެ ގޮތެއް ނޭންގިފައި ހުރީއެވެ. ދެން އޭނާގެ ލޮލުގައި އަޅައިގަތީ ބާލިދީއެވެ. ތިރީގައި ހުރި އިސްކުރުން ބާލިދީ އަށް ފެން އެޅިއެވެ. ނަމަވެސް ކުޑަ ޖަގެއް ނެތުމުން ފެން ވަރާނެ ގޮތެއް ނޭންގުނެވެ. އެންމެފަހުން ބާލިދީ އުފުއްލައިގެން ގަޔަށް ފެން އެޅިއެވެ. އޭނާ އުޅެމުން ދިޔަ ގޮތް ފެނިފައި އޭނާ ކައިރިޔަށްވެސް ހިނިއައެވެ. މީހަކަށް އެނގިއްޖިއްޔާ އޭނާ ވަރަށް ލަދު ގަންނާނެއެވެ. ޒިއަން އަންނަން ވާއިރަށް އަވަހަށް ފާހާނާއިން ނިކުންނަން ވީއެވެ.
ތުވާލި އޮޅާލައިގެން ރާނީ ބޭރަށް ނިކުންނަން ދޮރު ހުޅުވައިލިއިރު ޒިއަން ކޮޓަރިއަށް ވަންނަނީއެވެ. ޒިއަން ހަމަ ފެނުނާއި އެކު ރާނީ ފާހާނާ ތެރެއަށް ދެމިގަތެވެ. އެމަންޒަރު ފެނިފައި ޒިއަން ކައިރިޔަށް ހިނި އައެވެ.
"ރާނީ ހުޅުވަބަލަ އަން ހެދުން" ޒިއަން ގޮވައިލިއެވެ. ރާނީ ހުރީ ހަދާނެ ގޮތް ހުސްވެފައި ދޮރުގައި ލެނގިލައިގެންނެވެ. އޭނާ ކުޑަކޮށް ދޮރު ހުޅުވައިލުމަށްފަހު އަތް ދިއްކޮށްލިއެވެ. ޒިއަން ފުރަތަމަ އެ އަތުގައި ހިފީ އެވެ.
"އާދެބަލަ ތި ހުރިގޮތަށް ބޭރަށް" ޖެއްސުން ކޮށްލުމުގެ ގޮތުން ޒިއަން ބުނެލިއެވެ. އޭރު ރާނީ މަސައްކަތް ކުރަމުން ދިޔައީ ޒިއަންގެ އަތުން ދޫކޮށްލެވޭތޯއެވެ. ރާނީ ހުރީ ޒިއަން އުޅޭ ގޮތުން ހާސްވެފައެވެ. އެންމެފަހު ރާނީގެ އަތައް ޒިއަން ހެދުން ލައިދިނެވެ.
ޒައިނާ ނިދާންލާ ތަނުން ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ރާނީ ފާހާނާއިން ނިކުތެވެ. އޭރު ޒިއަން އިނީ އެނދުމަތީ ފޯނާ ކުޅޭށެވެ. ރާނީ ނިކުތުމުން ޒިއަން ވަރަށް ފުންކޮށް ރާނީއަށް ބަލައިލިއެވެ. ބޮލަށް ހުޅިއެއް ޖަހައިގެން ހުރި އިރު އެ މޫނު ރީއްޗަށް ފެންނަމުން ދިޔައެވެ. މޫނުމަތީގައި ކިތަންމެ ބޮޑު ލަފެއް ހުއްޓެއްކަމަކު އެއީ ރީތި ހުސްކޮށްގެން ހުރި ކުއްޖެކެވެ. އެ އަޅި ކުލައިގެ ދެ ލޮލުން އެ މޫނުގެ މައުސޫމްކަން ދައްކުވައިދެއެވެ. ހަމުގެ ކުލަ އަލިވެފައި އެ ބުރުސޫރައަކީ މުޅި ހަޔާތުގައިވެސް ޒިއަންއަށް ފެނުން އެންމެ ރީތި ސޫރައެވެ. ޒިއަން އަށް އިނދެވުނީ ކަޅި ޖަހައިނުލައި ބަލާށެވެ.
"ޒިއަން" ރާނީ ގޮވައިލިއެވެ. ޒިއަން ދިޔައީ ސިއްސައިގެންނެވެ. ޒިއަން ގެނަ ސޭންޑްވިޗް ރާނީއަށް ދިނެވެ. އަދި ކައިގެން އަވަހަށް ނިދުމަށްވެސް ޒިއަން އެދުނެވެ.
"ޒިއަން ދަނީތަ ދެން؟" ނިދާ ވާހަކަ ބުނުމުން ރާނީ އަހައިލިއެވެ. ޒިއަން ހީލުމަށްފަހު ރާނީ ބޭނުންވަނީ ކޮން ގޮތެއްތޯ އަހައިލިއެވެ.
"މަޑުކޮށްބަލަ" ރާނީ އެދުނެވެ. ޒިއަން ބޯ ޖަހައިލިއެވެ. ރާނީ އެނދުގައި ނިދުމުން ޒިއަން ސޯފާގައި އޮށޯވެ ނިދީއެވެ.
ޒިއަން އަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. އެ އޮތް ގޮތަށް ފޯނު ކަންފަތުގައި ޖެހުމުން އިވުނީ ޒައިނާގެ އަޑެވެ. އަވަހަށް ގެއަށް އައުމަށް ޒައިނާ އެދުނެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަނޑައިލީއެވެ. ޒިއަން ގަޑި ބަލައިލިއިރު ހެނދުނު ދިހައެއް ޖަހަނީއެވެ. ޒިއަން ބަލައިލިއިރު ރާނީ އޮތީ އަދިވެސް ގަދަޔަށް ނިދާފައެވެ. ޒިއަން ފާހާނާ ކޮށްލައިގެން އަވަހަށް ދިޔައީ ޒައިނާ ގުޅީ ކީއްވެގެން ތޯ ބަލާށެވެ.
ޒިއަން ގެއަށް ވަތް އިރު ގޭތެރޭގައި އިތުރު ބަޔަކު އުޅޭކަން ކަށަވަރުވިއެވެ. ޒިއަން ކާ ކޮޓަރިއަށް ވަތްއިރު އެތާންގައި ތިބީ މަންހާއާއި އޭނާގެ ބައްޕަ އާއި ޒިއަންގެ މަންމައާއި ކުޑޫއެވެ. ޒިއަން ވަނުމުން ޒާހިދާ ފުރަތަމަ ޒިއަންއަށް ސައި ބޯން ގޮވިއެވެ. މިމީހުން ހެނދުނާ އައިސްގެން މިއުޅެނީ ކޮންމެވެސް ކަމެއް ވެގެންނޭ ޒިއަންގެ ހަވަނަ ހިއްސު އިޝާރާތްކުރަމުން ދިޔައެވެ.
"ޒިއަން ކިހިނެއް" އަލީ އަހައިލިއެވެ. ޒިއަން ރަގަޅު ކަމަށް ބުނެލިއެވެ. މަންހާ އިންނަނީ ވަރަށް ހެވިފައެވެ. ކޮންމެވެސް ނުބަޔެއް އެބައުޅެއެވެ.
"ޒިއަން ކައިވެނި އަވަސްކުރަން ޖެހިއްޖެ... މަން ގެ މަންމަ ވަރަށް ބަލިވެގެން އެންމެން އިންޑިއާ އަށް ބަދަލުވާން މިއުޅެނީ... ފަސޭހަވާނީ ފުރުމުގެ ކުރިން ކައިވެނި ކުރީއާ" އަލީ ވީ ގޮތް ކިޔައިދިނުމުން ޒިއަންގެ މޭ ނުބައިކުރާގޮތް ވިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ޒިއަން މަޑުޖެހުނީ އަލީގެ މޫނުމަތިން ފެނުން ސީރިއަސްކަމުގެ ސަބަބުންނެވެ.
"މަންހާގެ މަންމައަށް ކިހިނެއްވީ" އެންމެ ފަހުން ޒިއަން އަހައިލިއެވެ.
"މަންމައަށް ކެންސަރު ޖެހިފަ... މެޔަށް... ލާސްޓް ސްޓޭޖް" މަންހާ ބުނެލިއެވެ. ޒިއަން ހިންދިރުވައިލިއެވެ.
"އަހަރެމެން ދިއުމުގެ ކުރިން މަންހާ މިގޭ މީހުންނާ ހަވާލުކޮށްފަ ދާން ކަމަށް... ކިޔެވުންވެސް އެހެން ނޫނީ މެދުކެނޑޭނީ" އަލީ އަނެއްކާވެސް އިތުރުކޮށްލިއެވެ.
"މެރީ ނުކުރިޔަސް މަންހާ އަށް މިގޭގަ އުޅެވޭނެ" ޒިއަން ބުނެލިއެވެ. ޒިއަން އެހެން ބުނުމުން ޒާހިދާވެސް ޒިއަންއަށް ބަލައިލިއެވެ. ހީވާ ގޮތުން ޒިއަން އެހެން ބުނުމުން އޭނާ ހިތްހަމަނުޖެހުނީއެވެ.
"ނޫނޭ އަންހެން ކުއްޖަކު އެހެން ދޫކޮށްލާފަ ދާކަށް ނުކެރޭނެ... ޒިއަން ބައްޕަ ބުނި ކައިވެނި ކުރާށޯ ދެން ބައްޕަ އައިއްސަ ވަލީމާ އެއް ދޭނީޔޯ" އަލީ ކިޔައިދިނެވެ. ޒިއަން އިނީ ނޫނެކޭ ބުނަން ވަރަށް ބޭނުންވެފައެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ.
އަލީ އާއި މަންހާ ނިކުމެގެން ދިއުމުން ޒިއަން ކާންއިން ތަށި ދުރަށް ކޮށްޕައިލިއެވެ. ޒައިނާ ވެސް ހުރީ ދެން ހަދާނީ ކިހިނެއްކަން ނޭންގިފައެވެ. ޒާހިދާވެސް ހުރީ އިތުރަށް ބުނާނެ އެއްޗެއް ނޭންގިފައެވެ. އިސާހިތަކު ޒިއަންގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. އެ މަންޒަރު ފެނުމުން ޒައިނާ ޒިއަންގެ އަތުގައި ހިފައިގެން ވަނީ އޭނާގެ ކޮޓަރިއަށެވެ. މީ ފިނޑިއެއްހެން ޒިއަންއަށް ރޮވުނު ފުރަތަމަ ފަހަރެވެ. ޒިއަންގެ ލޮލުގައި ޖަމާވެފައިވާ ހުރިހާ ކަރުނައެއް ބޭރުވާން ފެށިއެވެ.
"ޒިއަން މި ދަނޑިވަޅުގަ އެމީހުންނަށް ނޫނެކޭ ބުނެފިނަމަ އެ އާއިލާއަށްވެސް ވަރަށް ބޮޑު ދެރައެއް ދެވޭނީ..." ޒިއަންގެ ކަރުނަތައް ފުހެލަމުން ޒައިނާ ބުނެލިއެވެ.
"ދެން ކިހިނެއްތަ އަހަރެން ހަދާނީ" ޒައިނާގެ އަތުގައި ހިފައިލަމުން ޒިއަން ބުނެލިއެވެ. ޒައިނާ ބޯ ހޫރައިލިއެވެ. ހަދާނެ ގޮތެއް އޭނާއަކަށްވެސް ނޭންގެއެވެ. ރާނީ މާލެ ގެނެވެއްޖެއެވެ. އަލުން ރާނީ ފޮނުވައިލައިފި ނަމަ އޭނާ އަށްވެސް އެ ދެވުނީ ވަރަށް ބޮޑު ދެރައެކެވެ. އަނެއްކޮޅުން އެ ކުއްޖާ މި ގެނައީ އެގޭ މީހުންގެ ނުގަބޫލުގައެވެ. ކިތަންމެ ބޮޑު ލަދަކުވެސް އެމީހުން ރާނީ ބައްދައިލަފާނެއެވެ. ކަންތައްތައް ވަމުންދާގޮތް އަވަސްކަމުން ދެބެއިން ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ.
އެވަގުތު ޒިއަންގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ ރާނީއެވެ.
"ކުޑޫ ދޭބަ ޕްލީސް... އައި ކާންޓް ފޭސް ހާ" ޒިއަން އެދުނެވެ. ޒައިނާ ބޯ ޖަހައިލުމަށްފަހު ނިކުމެގެން ދިޔައީ ހެދުމަކާއި ކާ އެއްޗެހި ހިފައިގެންނެވެ. ޒައިނާ ދިއުމުން ޒިއަން ގުޅީ އޭނާގެ އެކުވެރިންނަށެވެ. އެމީހުން އަންނަންދެން ޒިއަން އިނީ އޭނާގެ މިއުޒިކް ރޫމްގައި ގިޓާ ކުޅޭށެވެ.
"ހާދަ ސޭޑް ވެފަ" ޒިއަންގެ މޫނު ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަން މާޒިންއަށް އިނގުނެވެ. އޭނާ އައި ގޮތަށް އައިސް ފެށީ ޑްރަމް ކުޅޭށެވެ. ބޮލަށް އުދަނގޫ ވެގެން ޒިއަން ކަންފަތުގައި އަތް އެޅިއެވެ.
"ބްރޯ ޔޫ އޯކޭ؟" އެވަގުތު އީމާންވެސް އައިސް ވަނެވެ. ޒިއަން ވީގޮތް ކިޔައިދިނުމުން އެންމެ ހާސްވީ އީމާންއެވެ. އީމާންގެ އަތް ފައި ތުރުތުރު އަޅާހެންވެސް ހީވާން ފެށިއެވެ. އެހެން ކަމުން އޭނާ އަވަހަށް ގޮނޑިއަކު އިށީނެވެ.
"ކައިވެނި އަވަސްކުރަން މަންހާ ގޭމެއް ކުޅެނީތަ އަނެއްކާ؟" މާޒިން ބުނެލިއެވެ. ނަމަވެސް މަންހާ މަންމަ ހަގީގަތުގައިވެސް ވަރަށް ބަލި ކަމަށް އީމާން ކަށަވަރުކޮށްދިނެވެ.
"ޝިޓް ދެން ރާނީ އޯ؟ ޝީ އިޒް ސޯ އިނޮސެންޓް" މާޒިން ބުނެލިއެވެ. ޒިއަން ނޭންގެއޭ ބުނެ ބޯ ހޫރައިލިއެވެ.
"ހިނގާ ރާނީ އަށް ހުރިހާ ވާހަކައެއް ކިޔާދެން.. އޭނަ އަންޑަސްޓޭންޑް ވާނެ" އީމާން ހިޔާލެއް ދިނެވެ. ނަމަވެސް އެގޮތެއް ޒިއަން އަކަށް ކަމަކު ނުދިޔައެވެ.
"ދެ މީހުންނާ އިނދެ ކަލޭ... ބޯ ހަލާކު" މާޒިން އެންމެ ފަހުން ބުނެލިއެވެ. ޒިއަން މާޒިން އަށް ބަލައިލުމަށްފަހު ލޯ އަޅައިލިއެވެ.
****
ހަވީރުގެ ފިނި ވަގުތެވެ. ޒައިނާ އާއި ރާނީ މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވަމުން ދިޔައީ ރާނީއަށް ހެދުންކޮޅެއް ގަތުމަށެވެ. މަޖީދީ މަގުގައި ހުރި ބޮޑު ފިހާރައަކަށް ދެމީހުން ވަނެވެ.
"ކޮންކަހަލަ ހެދުމެއް ރީތީ؟" ޒައިނާ އަހައިލިއެވެ. ކޮންމެ ކަހަލަ ހެދުމެއްވެސް ރީތިކަމަށް ރާނީ ބުނެލިއެވެ. ހަގީގަތުގައި ރާނީ މިއަދު އެހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ޒިއަން މިއަދު އޭނަ ކައިރިޔަށް ނުވެސް އާދެއެވެ. ގުޅާވެސް ނުލައެވެ. ޒައިނާ ބުނިގޮތުގައި ޒިއަން ވީ ކްލާހުގައެވެ. ރާނީއަށް ޒައިނާ ގަނެދިނީ ޒައިނާ އަށް ކަމުދިޔަ ހެދުމެވެ. ޒައިނާ ދެކޭ ގޮތުގައި ރާނީ އާ ވަރަށް ގުޅޭނެއެވެ. ރާނީ އެކަމަކާ ފާޑެއް ނުކިޔައެވެ.
"ދެން ހިނގާ އެއްޗެއް ބޯލަން ދާން ދޯ؟" އެއްޗެހި ގަނެ ނިންމާލި އިރު އިރުއޮއްސެނީއެވެ. ދެމީހުން ދެން ދިޔައީ ކައިރީ ހުރި ސްކޫޕްއަށެވެ. ރާނީއަށް މިހުރިހާ ތަނެއްވެސް އަދި ވަރަށް އަލެވެ. މިތަނުގައި އުޅޭ މީހުންވެސް އެމީހުންގެ ރަށު މީހުންނާ ވަރަށް ތަފާތެވެ. އެމީހުން އިށީންދެތިބި އިރު ޒައިނާ ކިޔައިދެމުން ދިޔައީ ޒިއަންގެ އެކި އެކި ވާހަކައެވެ.
"ކުޑޫ" ކައިރިން މީހަކު ގޮވައިލުމުން ދެމީހުންނަށްވެސް ބަލައިލެވުނެވެ. އޭރު ކައިރީގައި ހުރީ މަންހާއެވެ. އެމީހުން އައިސް އިށީނީ ޒައިނާމެން ތިބި މޭޒުގައެވެ. މަންހާ އާއި މާޔާ އައިސް އިށީނުމުން ހަގީގަތުގައި ޒައިނާ އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ.
"މީ ކޮން ކުއްޖެއް؟" މަންހާ ފުރަތަމަ ވެސް އަހައިލީ މިހެންނެވެ. ޒައިނާ ބުނީ އެއީ ރައްޓެހި ކުއްޖެއް ކަމަށެވެ.
"ވާއު މީ ހަމަ އަސްލު އިސްތަށިގަނޑެއްތަ؟" ރާނީގެ އިސްތަށިގަނޑުގައި އަތް ހާކައިލަމުން މަންހާ އަހައިލިއެވެ. ރާނީ އިނީ އިސްޖަހައިގެންނެވެ. ރާނީ އިނީ މީހަކަށް އޭނާގެ މޫނު ފެނިދާނެތީ ބިރުންނެވެ. މިއީ ހުސް ޝާހީ މީހުން އުޅޭ ތަނެކެވެ. އޭނާގެ މޫނު ފެނުމުން މީހުން ވަރަށް މަލާމާތްކުރާނެއޭ ރާނީގެ ހިތައް އަރަމުން ދިޔައެވެ.
"ކޮބާ ޒިއަން ފޯނުވެސް ނުނަގަ" މަންހާ ޒިއަންގެ ވާހަކަ އެހުމުން ޒައިނާ އަށް ވަރަށް އުނދަގޫވިއެވެ. ރާނީވެސް ވަށްކަޅިން މަންހާއަށް ބަލައިލިއެވެ. އަދި އައިސްކްރީމް ކޮޅެއް ބޯލިއެވެ.
"އައިމް ސޯ އެކްސައިޓެޑް... އަސްލު ޒިއަންވެސް ބޭނުމޭ މެރީ ކުރަން ނޫން ކަމަށް ހެދުނަސް...." މަންހާ މިހެން ބުނުމުން ރާނީ އާއި ޒައިނާއަށް މަންހާ އަށް ބަލައިލެވުނެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް