87 ދާއިރާގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބުމަކީ ހިތާމައެއް – މިނިސްޓަރ ޝިދާތާ

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބުމަކީ ހިތާމައެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއ...

09 Apr 2019 | 09:18

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބުމަކީ ހިތާމައެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ތަކުގެ ތެރޭގައި ސަރުކާރު ޖަވާބު ދާރީ ކުރުވުމާއި، ގާނޫނު ހެދުމާއި، ރައްޔިތުންގެ މަސަލަހަތު ހިމެނޭ ކަންކަމުގައި ވަކާލާތު ކުރުން ހިމެނޭއިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގައުމީ ސިޔާސަތުތައް ކަނޑައެޅިގެން ދާނީ އަންހެނުންގެ އެކަށީގެންވާ މިންވަރެއްގެ ބައިވެރި ވުމެއް ނެތި ކަމަށް، މިއަދު ކުރިއަށް ގެންދިޔަ "ވޯކްޝޮޕް އޮން އެޑްރެސިންގ ޖެންޑަރ ސްޓެޓިސްޓިކްސް ގެޕްސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ނަމަވެސް، މި ގޮންޖެހުންތަކާއެކު ވެސް މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ވަކިން ޚާއްޞަ ގޮތެއްގައި ހައިހޫނުކަން ނައްތައިލުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއި، އަންހެނުން ވިޔަފާރިއާއި ސިޔާސީ މައިދާނުގައި ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމަށްވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މީގެއިތުރުން، ޓްރެންޑްސްތައް ދެނެގަނެވި، މިންތީގެ ނަޒަރިއްޔާތުން ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވެދީ، މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ބަދަލުވަމުން ދާ ޙާލަތު އެނގިގެން ދާ ކަމަށާއި، ދިވެހިރާއްޖޭގައި ގައުމީ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވައިލުމުގައި ތަފާސްހިސާބުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިގެން ނުދާ ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ. އަދި މިއީ ބައެއް ދާއިރާތަކުން އެންމެ އެކަށީގެން ވާ މިންވަރަށް މުޖުތަމަޢު ކުރިއަރައި ނުދިޔުމުގެ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ކަމަށްވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

އަދި މިންތީގެ ތަފާސްހިސާބުގެ ބޭނުން ހިފާ ފަރާތްތަކުގެ ދެމެދުގައި ބަދަހި ގުޅުމެއް އުފައްދަން ޖެހެއެވެ. އަދި އެ ފަރާތްތަކުގެ ދައުރު ކަނޑައެޅި ބަޔާންކުރެވިގެން މެނުވީ މިންތީގެ ތަފާތުކުރުންތައް ނައްތައިނުލެވޭނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް