ކެންދޫ ދާއިރާގެ ވޯޓް ފޮއްޓެއް ބާތިލުކުރުމަށް އެމްޑީޕީއިން އެދެފި

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ.ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓް ފޮއްޓެއް ބާތިލު ކޮށް، އަލުން އެފޮއްޓަށް ވޯޓުލުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިފި އ...

09 Apr 2019 | 06:16

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ.ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓް ފޮއްޓެއް ބާތިލު ކޮށް، އަލުން އެފޮއްޓަށް ވޯޓުލުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިފި އެވެ.

އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކީ ކެންދޫ ވޯޓުލާ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށި ނަމްބަރު F03.03.1، ވޯޓު ފޮއްޓާ ގުޅޭ ޝަކުވާތަކެކެވެ.

ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި، ގަޑިއަކު އެއްފަހަރު ވޯޓު ލަމުންދާ މީހުންގެ ތަފްސީލް ހާމަކުރަން އޮންނަ އުސޫލުގެ ދަށުން މެންދުރު 02:00 ގައި ވޯޓް ފޮއްޓަށް ވޯޓްލި ކަމަށް އިއުލާން ކުރީ 377 މީހުން ކަމަށާއި ނަމަވެސް އޭރު ކިއު ނަމްބަރު 377 ވޯޓުލާފައި ނުވާކަމަށެވެ. އަދި ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށްވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަމަށް އެވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ނަމަވެސް ވޯޓުލުން ކުރިއަށް ގެންދިއުން ހިމެނެ އެވެ.

އަދި މި ޝަކުވާގެ ތެރޭގައި އެ ވޯޓު ފޮށި ކައިރީ އޮންނަ ޝީޓާއި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަޖަހާފައި މާކުކުރާ ލިސްޓާއި ކިޔު ނަމްބަރު ދޫކުރި ލިސްޓާއި އެއްޝީޓް އަނެއް ޝީޓާ ދިމާ ނުވާކަމަށްވެސް ބުނެފައިވެއެވެ.

ހަމައެއާއެކު، ވޯޓްލާން ގޮސްފައިނުވާ މީހުންގެ ނަމާ ދިމާލުގައި މާކު ކޮއްފައި ހުރުމާއި، 18:00 ގައި ވޯޓުލުން ބަންދުކުރިފަހުން ވޯޓްލާ މަރުކަޒުގެ އޮފިޝަލެއް 18:03ގައި ވޯޓުލާފައި ވުން ވެސް ހިމެނެއެވެ. އަދި ވޯޓު ކަރުދާސްކޮޅުތަކުގެ ކައުންޓާ ފޮއިލްކޮޅުތަކާއި ބާކީ ހުރި ވޯޓު ކަރުދާސްތައް ދައްކާފައިނުވާ ކަމަށްވެސް އެމްޑީޕީން ހުށަހަޅާފައިވާ ޝަކުވާގައި ވެއެވެ.

މީގެ އިތުރުން، އެ ޝަކުވާގައި ބުނެފައިވަނީ އެ ވޯޓު ފޮށީގެ މައްސަލަ ދިމާވަން ފެށީ، ކެންޑީޑޭޓް އަލީ ހުސައިން ވޯޓްލުމަށް ވޯޓްލާ މަރުކަޒަށް ވަތްފަހުން ކަމަށެވެ.

މި މައްސަލަ އެމްޑީޕީއިން ހުށަހަޅާފައިވަނީ އިއްޔެއެވެ. ނަމަވެސް އަދި ކޮމިޝަނުން ވަކި ގޮތެއް ނުނިންމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް