ދ. ވާނީގައި ގާއިމްކޮށްފައިވާ ޕޮލިސް ޓްރެއިނިން ސްކޫލްގައި ތަމްރީން ހަދަމުންދަނިކޮށް ރޭ ކުއްލިއަކަށް މަރުވި އަހުމަދު ވިފާގު، އަސަރީގެ ށ. ކޮމަންޑޫގެ ޖަނާޒާ ބާއްވައިފި އެވެ.
އޭނާގެ މައްޗަށް އިސްލާމީ މަރުކަޒުގައި ކަށުނަމާދު ކުރުމަށް ފަހު ޖަނާޒާ ބާއްވާފައިވަނީ އާސަރާގައި މިއަދު މެންދުރު ނަމާދަށް ފަހު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވިފާގު ކުއްލިއަކަށް ހޭނެތިގެން ވެއްޓުނީ އިއްޔެ މެންދުރު ޑްރިލް ކްލާހެއްގައި ހުއްޓަ އެވެ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލުން މީޑީއާގައި ބުނެފައިވަނީ އޭނާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ކޯމާއެއްގައި ކަމަށެވެ.
އަދި އެހެން ދިމާވެފައިވަނީ ވަރަށް ގަދަޔަށް ހުން އައިސް ހުރުމުގެ އިތުރުން ބޮލުގައި އިންފެކްޝަނެއް އުފެދިފައިވާތީ ކަމަށް އެ ހޮސްޕިޓަލުން މީޑީއާގައި ބުނެފައިވެ އެވެ. ކުޑަހުވަދޫ ހޮސްޕިޓަލުން ވަނީ އޭނާ ވަގުތުން މާލެ ގެނައުމަށް އަންގާފަ އެވެ.
ވިފާގު މަރުވީ މާލެ ގެނައުމުގެ ދަތުރު މަތީގައި ރޭ 11:48 ހާއިރު އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ހާމަކޮށްފައިވަނީ އޭނާ މަރުވިކަމުގެ މައުލޫމާތު އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް