އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، އެއް ހެލިކޮޕްޓަރު އަނބުރާ ގެންގޮސް ދޭން އުޅުނު މަތިންދާ ބޯޓުވެސް ދިވެހި ސަރުކާރުން ބޭނުން ނުވާކަމަށް އަންގައިފި އެވެ.
މިދިޔަ ހަފްތާގައި އިންޑިއާގެ ނޫސްތަކުގައި ޖެހި ހަބަރަކީ ރާއްޖެއަށް އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އައްޑޫ ސީޓީ ގަމުގައި އޮންނަ ހެލިކޮޕްޓަރު އަނބުރާ ގެންދަން ރާއްޖެއިން އެންގި ވާހަކަ އެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވަނީ ޑޯނިއާ މަތިންދާބޯޓެއް ކަމަށް ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ ދިވެހި މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.
މި މައްސަލައިގަ އަނެއްކާވެސް މިއަދު އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ވަނީ އާ ވާހަކައެއް ޖަހާފައި އެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ދެ ހެލިކޮޕްޓަރާއި ދޭން އުޅުނު މަތިންދާ ބޯޓުވެސް ރާއްޖެއިން ބޭނުން ނުވި ވާހަކަ އެވެ.
އެ އޮފިޝަލް ވިދާޅުވެފައިވަނީ އައްޑޫގައި އޮންނަ ހެލިކޮޕްޓަރުގެ އެއްބަސްވުން އާ ނުކުރަން ސަރުކާރުން ނިންމާފައިވާއިރު މިމަހުގެ ތެރޭގައި ލ. އަތޮޅުގައި އޮތް ހެލިކޮޕްޓަރުގެ އެއްބަސްވުންވެސް ހަމަވާނެ އެވެ. އެކަމަކު އެއްބަސްވުން އާ ކުރުމަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހުށަހެޅުމުންވެސް ރާއްޖެއިން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އަނބުރާ ގެންދާ ހެލިކޮޕްޓަރުގެ ބަދަލުގައި ދޭ މަތިންދާ ބޯޓު ރާއްޖެއަށް ފޮނުވުން މަޑުޖެހިފައި އޮތީވެސް ރަސްމީ ސިފައެއްގައި ލިޔެކިޔުންތަކުގައި ރާއްޖެއިން ސޮއި ނުކުރާތީ ކަމަށެވެ.
އިތުރަށް އޮފިޝަލް ބުނެފައިވަނީ ބަދަލުގައި މަތިންދާ ބޯޓެއް ބޭނުންވެގެން ރާއްޖެއިން ބުނި އިރު ހެލިކޮޕްޓަރަކާއި މަތިންދާ ބޯޓަކާއި އެއްގޮތް ނުވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުދި ރަށްރަށަށް ބަލިމީހުން ނަގަންށާއި ކުއްލި ހާލަތުގައި އެހީވާ ގޮސް މަތިންދާ ބޯޓަށް ތިރި ނުކުރެވޭނެ ކަމަށާއި، ކަނޑުމަތިން މީހަކު ނަގަންވެސް ހެލިކޮޕްޓަރު ވައިގެ ތެރޭގައި މަޑު ކުރާހެން މަތިންދާ ބޯޓަށް މަޑު ނުކުރެވޭނެ ކަމަށެވެ.
އެ ނޫހުގައި ބުނެފައިވަނީ އިންޑިއާއިން ދީފައިވާ މަތިންދާ ބޯޓު އައްޑޫއިން ގެންދަން އެންގީ ޗައިނާގެ ސިއްރު އެޖެންޑާއެއް އޭގައި ހިމެނޭތީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ރާއްޖެއިން އުޅެނީ އިންޑިއާއިން ދީފައިވާ އަސްކަރީ އެހީތަކުން ބޯދަމައިގެންނަން ކަމަށް އޭނާ އާއި ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.
ދިވެހި ސަރުކާރުން ބުނަމުން ދަނީ، ހެލިހޮޕްޓަރުތައް ފޮނުވާލަނީ އިންޑިއާ ސިފައިން އެކަނި އެ އޮޕަރޭޝަން ހިންގާތީ ކަމަށެވެ. އަދި އެ ހެލިކޮޕްޓަރުތަކާ އެކު އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖޭގައި ތިބޭނީ އެއީ ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ބަލާ ކަމަށް ވެސް މީގެ ކުރިން ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް