ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެޑްރެސްކޮށް ފޮނުވާ ސިޓީ އެމަނިކުފާނު ދިރިއުޅުއްވާ ތަންކަމަށްވާ މާފުށީ ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާވިސް އަށް އެޑްރެސްކޮށް ފޮނުވުމަށް ފިނޭންސް މިނިސްޓްރީގައި އެދެފި އެވެ.
އަދީބުގެ ގާނޫނީ ވަކީލު މަހުފޫޒް ސައީދު އިއްޔެ ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އަދީބު ސަރުކާރަށް ދައްކަން ޖެހޭ ފައިސާތަކެއް ހުރި ކަމަށް ބުނެ އެފައިސާ ދެއްކުމަށް އަންގައި އަދީބުގެ ދާއިމީ އެޑްރެސް ކަމަށްވާ ހ. ސާމަރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ސިޓީގައި ބުނެފައިވަނީ އަދީބު ދިރިއުޅުއްވާ އެޑްރެއަކީ އެއީ ނޫން ކަމަށް މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.
އަދީބަށް ސިޓީ އެޑްރެސް ކުރަންޖެހޭ ތަން މައުލޫމާތަށްޓަކައި ބުނެދޭން ޖެހުނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 144 ވަނަ މާއްދާގެ ދަށުން ކަރެކްޝަންސްއިން އެކުލަވާލާފައިވާ ގަވައިދުގެ ދަށުން ކަމަށެވެ. އެ ގަވައިދަކީ ބަންދުގައި ތިބޭ މީހުންނާއި ބައްދަލު ކުރުމާއި ފޯނު ކުރުމާއި ސިޓީ ފަދަ ތަކެތި ފޮނުވުމާއި ގުޅޭގޮތުން ހަދާފައިވާ ގަވައިދެކެވެ.
މި ގަވައިދުގެ ދަށުން އަދީބަށް އަދިވެސް ފިނޭންސް މިނިސްޓްރީން ފޮނުވި ކަމަށް ބުނާ ސިޓީ ނުލިބޭ ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އުސޫލުގެ ދަށުން އަދީބަށް ސިޓީ ލިބުމުން ނޫނީ ގާނޫނީ ގޮތުން ސިޓީ ލިބުނުކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.
އަދީބަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ނަސަންދުރަ ހިންގަން ބަޔަކަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނަށް މަހުފަހިވާގޮތަށް އަމަލު ކޮށްފައިވާތީ އެކަމުގެ ޒިންމާ އަދީބު ނަންގަވަން ޖެހޭ ކަމަށެވެ. އެހެން 74 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް އަންގާ ކަމަށެވެ.
މިކަމުގެ ޒިންމާ ނަގަން ޖެހެނީ އަދީބު ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ތަހުގީގު ކުރުމަށް ފަހު އަންގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް