ސީރިއާގައި ދިން ކެމިކަލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ސީރިއާގެ އިރުމަތީ ޣޫތާއަށް ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ކުށެއް ނެތް އެތައް ކުޑަކުދި...

09 Apr 2018 | 02:50

ސީރިއާގެ އިރުމަތީ ޣޫތާއަށް ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުށެއް ނެތް އެތައް ކުޑަކުދިންނާއި އަންހެނުން އެ ހަމަލާގައި މަރުވެފައިވާތީ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރާ ކަމަށެވެ. އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށާއި އާންމުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ބައިނަލް އަގުވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި ރާއްޖޭން ބައިވެރިވާ ކަަމަަށް ބުނެފައިވެ އެވެ.

https://twitter.com/MDVForeign/status/982906468499247106

ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ކަމަށްވާ ސެރިން ގޭސް ބޭނުންކޮށްގެން ޣޫތާގެ އަވަށަށް ދިން މި ހަމަލާގައި 70 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އަދި ހާހަކަށްވުރެ ގިނަ މީހުންނަށް ކެމިކަލްގެ އަސަރުކޮށްފައި ވެ އެވެ. މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހުކުރު ދުވަހުން ފެށިގެން ސީރިއާ ސިފައިން ދަނީ އުރުމަތީ ޣޫތާ އަށް ވައިގެ ހަމަލާ ދެމުން ކަމަށެވެ. އެކަމަކު ސީރިއާގެ ރަސްމީ ނޫސް އެޖެންސީން ވަނީ އިރުމަތީ ޣޫތާ އަށް ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.

ޣޫތާގެ އެ އަވަށަކީ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމަ އެކަނި އަވަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް