ބަރުދަން ލުއި ކުރުމަށް ތަފާތު ވައްތަރުގެ ބުއިންތަކަކީ ރަނގަޅު އެއްޗެއް ކަމަށް ބުނެ ވާހަކަ ދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ވާހަކަތަކުގައި ބުނަނީ ބަރުދަން ލުއި ކުރުމަށް ހަމައެކަނި އެފަދަ މޭވާ ނުވަތަ ތަރުކާރީގައި ޖޫސް ގިރައިގެން އެކަނި ބޯކަށް ނޫނެވެ.
ކޮންމެ ދުވަހެއްގެ ކެއުމުގައި އޭގެން ކޮންމެސް ވައްތަރެއްގެ ބުއިމެއް ހިމަނާލުމުން ފުދޭނެ އެވެ. ތާޒާ މޭވާ އާއި ތަރުކާރީން ތައްޔާރު ކުރާ ބުއިންތަކަކީ އޭގެން ވިޓަމިން އާއި މިނަރަލްގެ އިތުރުން ފައިބާ އާއި އެންޓި އޮކްސިޑަންޓް ލިބޭ ބުއިންތަކެވެ.
އެފަދަ ބުއިންތަކުން އެހީތެރިކަން ލިބެނީ ހަމައެކަނި ބަރުދަން ލުއި ކުރާކަށް ނޫނެވެ. އެއީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ބުއިންތަކެވެ.
ކެރެޓު ޖޫސް:
ކެރެޓު ޖޫހުގައި ފައިބާ ގެ ބައި ގިނަވެފައި، ކެލޮރީސްގެ ބައި ވަރަށް ދައްވާނެ އެވެ. ހެނދުނު ސައިބޯ ގަޑީގައި ކެރެޓު ޖޫސް ތަށްޓެއް ބޯލުމުން މެންދުރު ކެއުމާއި ހަމައަށް ބަނޑުހައިވުމުގެ އިހުސާސެއް ނުވާނެ އެވެ. އޭރުން އިތުރު އެއްޗެއް ނުވަގަޑީގައި ކާކަށް ނުޖެހޭނެ އެވެ.
ކެރެޓަކީ ސަރުބީ ވިރުވާލުމަށް ރަނގަޅު ތަރުކާރީއަކަށް ވާއިރު ކެރެޓު ކެއުން އެންމެ ރަނގަޅީ ރޮލާއި އެވެ. އެހެންވެ ތަޖުރިބާކާރުން ބުނަނީ ހަފައިގެން ރޮލާ ކެރެޓު ކެއުމަށްވުރެ ޖޫސް ގިރައިގެން ބުއިން މާ ރަނގަޅުވާނެ ކަމަށެވެ.
ފާގަ ދިޔަ:
ފާގަ އަކީ ޖޫސް ގިރައިގެން ބޯން އެހާ ފަސޭހަ އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު ފާގަ އަކީވެސް ކެލޮރީސްގެ ބައި ވަރަށް މަދު މޭވާ އެކެވެ. އަދި ސަރުބީ ވަރަށް އަވަހަށް ވިރުވައިދޭ އެއްޗެކެވެ. އާންމުކޮށް ފާގަ ދިޔަ ބޯނަމަ މެއާއި ބަނޑާއި ދެމެދު އުފެދިފައި ހުންނަ ސަރުބީތައް ވިރޭލެއް އަވަސްވެ އެވެ.
އަންނާރު ޖޫސް:
އަންނާރު ޖޫހަކީ ވަރަށް ބޮޑަށް ހަންގަނޑަށް ފައިދާ ކުރާ އެއްޗެކެވެ. އަންނާރު ޖޫސް އާންމުކޮށް ބޯނަމަ ހަންގަނޑަށް ވިދުން ގެނެސްދޭނެ އެވެ. އެކަމަކު މިއީ ސަރުބީ ވިރުވާލައި، ބަރުދަން ލުއި ކުރުމަށްވެސް މުހިންމު ޖޫހެކެވެ.
އަންނާރު ޖޫސް ބުއިމުން ސަރުބީ ވިރުވައި ދިނުމުގެ އިތުރުން ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކަށްވެސް ވަރަށް އަވަހަށް ހަކަތަ ފޯރުކޮށްދެ އެވެ.
ކެބެޖު ޖޫސް:
ކެބެޖު ޖޫހަކީ ބަނޑު ކެއްކުމާއި، ބަނޑަށް އުނދަގޫވުމާއި، ރިއްސުމުގެ އިތުރުން ބޮޑުކަމު ދިޔުމަށް ވަރަށް ފަސޭހަ ބުއިމެކެވެ. ދިރާސާތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނައިން ފައިބާ އެކުލެވޭ ކާނާ އަކީ އަވަހަށް ސަރުބީ ވިރުވާ ދޭނެ އެއްޗެކެވެ. ކެބެޖަކީ ވަރަށް ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ތަރުކާރީ އެކެވެ.
ހާއްސަކޮށް ފައިބާ އެކުލެވޭ ތަރުކާރީ ކެއުމުން ހަށިގަނޑުން ބޭރު ކުރަން ބޭނުންވާ ފެން ބޮޑު ކަމުދާއިރު ބޭރުވެގެން ދިއުން އަވަސްވާނެ އެވެ. ކެބެޖު ޖޫހަކީ މިކަންކަމަށް ރަނގަޅު ބުއިމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް