މެޑްރިޑް ޑާބީއަށް ހަމަހަމަ ނިމުމެއް. ރެއާލް ދަނޑުގައި އެތުލެޓިކޯ ބަލިނުވެ ޖެހިޖެހިގެން 5 މެޗު

ރެއާލް މެޑްރިޑްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހާފައި ވަނިކޮށް، އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ލަނޑާއެކު ލަލީގާގެ މަޝްހޫރު މެޑްރިޑް ޑާބީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ރޭ ކުޅުނު މި މެ...

09 Apr 2018 | 02:05

ރެއާލް މެޑްރިޑްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހާފައި ވަނިކޮށް، އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ލަނޑާއެކު ލަލީގާގެ މަޝްހޫރު މެޑްރިޑް ޑާބީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ރޭ ކުޅުނު މި މެޗު އެއްވަރު ވުމާއެކު، އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑްއަށް އެތުލެޓިކޯ މެޑްރިޑް ބަލިނުކުރެވި ޖެހިޖެހިގެން 5 މެޗު ހަމަވީއެވެ.

ސްޕެނިޝް ލީގުގައި ކޮންމެ ޓީމަށް ވެސް ބާކީ 7 މެޗު އޮތްއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ އައި ތިން ވަނައިގައި އޮތް ރެއާލް އެއްވަރު ވުމާއެކު، ބާސެލޯނާއަށް ލީގު ތާވަލުގެ އެއް ވަނައިގައި ލިބިފައިވާ ލީޑު ވަނީ 11 ޕޮއިންޓަށް ފުޅާވެފައެވެ. މިއާއެކު ބާސާއަށް ލީގު ކަށަވަރުވުމާ ގާތަށް ގޮސްފައިވާއިރު، އަނެއްކޮޅުން ރޭ އެސްޕަންޔޯ އަތުން ވެލެންސިއާ މޮޅުވުމާއެކު ރެއާލް މެޑްރިޑް ވަނީ ތާވަލުގެ 4 ވަނައަށް ވެއްޓިފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ގޯލަށް ނުރައްކާ ކުރިއިރު، އެތުލެޓިކޯއަށް ކައުންޓާ އެޓޭކްއެއް އުފައްދަން ލިބުނު ފުރުސަތުތައް ވެސް މަދުވެގެން ދިޔައެވެ. އެހެން ނަމަވެސް، ދެ ޓީމުގެ ކީޕަރުން ވެސް ގޯލަށް އަމާޒުވި ނުރައްކާތެރި ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއު ކުރިއިރު، ރެއާލްއަށް ގިނަ ފުރުސަތުތައް ނިންމާނުލެވުނެވެ.

ދެ ވަނަ ހާފު ފެށިގެން 4 ވަނަ މިނިޓު ތެރޭގައި ރެއާލްގެ ފުލްބެކް މާސެލޯ ފޮނުވާލި ހަމަލައެއް ދަނޑިއަށް އަމާޒުވިއިރު، މާކަ ގިނައިރުތަކެއް ނުވެ، މެޗުގެ 53 ވަނަ މިނިޓުގައި ބޭލް ނަގައިދިން ހުރަހަކުން ކުރިސްޓިއާނޯ ރޮނާލްޑޯ ރެއާލްއަށް ލީޑު ނަގައިދިނެވެ. މިއާއެކު ރެއާލް އެންމެ ފަހުން ކުޅުނު 10 މެޗުގައި ވެސް ރޮނާލްޑޯ ލަނޑު ޖަހާފައިވާއިރު، މެޗުގެ 65 ވަނަ މިނިޓުގައި ރޮނާލްޑޯ ބޭލުމަށްފަހު ބެންޒެމާ ކުޅެން އެރުވިއެވެ.

ރޮނާލްޑޯގެ ލަނޑުން ރެއާލްއަށް ލީޑުގައި ހިފަހައްޓާލެވުނީ އެންމެ ހަތަރު މިނިޓުއެވެ. އެތުލެޓިކޯއިން އުފެއްދި އަވަސް އެޓޭކެއްގައި ވިޓޯލޯ ފޮނުވާލި ބާރު ހަމަލާއެއް ރެއާލްގެ ކީޕަރ ނާވަސް ދިފާއުކުރުމުން، ދެ ވަނަ ފަހަރު އެ ބޯޅަ ލިބުމުން އެންޓޮއިން ގްރީޒްމަން ވަނީ އެއް ފަހަރުން ގޯލަށް ބޯޅަ އަމާޒު ކޮށްލާފައެވެ. މި ލަނޑު ވަނީ ބޯޅަ ހުއްޓުވަން މަސައްކަތް ކުރަމުން ދިޔަ ރެއާލްގެ ޑިފެންޑަރ ރަފައެލް ވަރާންގެ ފައިގައި ޖެހިފައެވެ. ގްރީޒްމަން މި މެޗުގައި ލަނޑުޖެހުމާއެކު އޭނާ ވެފައިވަނީ 21 ވަނަ ގަރުނުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ޖެހިޖެހިގެން 3 މެޗުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ނަތީޖާ ހަމަހަމަ ކޮށްލުމަށްފަހު އެތުލެޓިކޯއިން ކުޅުން ރަނގަޅުކޮށް އިތުރު ހަމަލާތަކެއް އުފެއްދި ނަމަވެސް ހުރަހަކަށްވީ ކޭލާ ނާވަސްއެވެ. މެޗުގެ ފަހުކޮޅުގައި ރެއާލްއިން ކުރިއަށްޖެހި އެތުލެޓިކޯގެ ގޯލަށް ނުރައްކާކުރި ނަމަވެސް ވަރަށް ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ އެތުލެޓިކޯ ކޮޅަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް