އީގަލް ކިނަބަލޫ ނަމަކަށްކިޔާ ތެޔޮ ޓޭންކަރެއް އެމެރިކާގެ ޕޯޓް އާރްތޫރް ކައިރީގައި -
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރު ހަލަބޮލިވެ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރު ފަހަނައަޅައި ގޮސް، ބައިނަލްއަޤުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް 20 އިންސައްތައަށް ވުރެ ބޮޑަށް އުފުލި، 114 ޑޮލަރަށް އުފުލިއްޖެއެވެ.
ފެބުރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާދޭން ފެށީއްސުރެ ތެލުގެ އަގު ގާތްގަނޑަކަށް 50 އިންސައްތަ އުފުލިފައިވެއެވެ. ޑަބްލިޔުޓީއައި ކްރޫޑް ތެލުގެ އަގު ފެބުރުއަރީ 20 ގައި ފީފާއަކަށް 66 ޑޮލަރުގައި ހުރެފައި 90.90 ޑޮލަރަށް ވެސް އެރިއެވެ. 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރީއްސުރެ ތެލުގެ އަގު 110 ޑޮލަރަށް ވުރެ މައްޗަށް ނާރައެވެ.
މި ހާލަތު ކުރިމަތިވީ އީރާނުން ރައްދު ޙަމަލާގެ ގޮތުގައި ސްޓްރެއިޓް އޮފް ހޯމުޒް ކަނޑުއޮޅީގައި ބޯޓުފަހަރު ދަތުރުކުރުން ހުއްޓުވައި، ދުނިޔޭގެ ތެޔޮ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ބަންދުކުރުމާ ގުޅިގެންނެވެ. ހަނގުރާމަ ފެށީއްސުރެ ގަލްފު ކަނޑުގައި ހަތަރު އުޅަނދަކަށް ޙަމަލާ ދީފައިވާއިރު، ޝިޕިންގ ކުންފުނިތަކާއި އިންޝުއަރެންސް ކުންފުނިތަކުން ކަނޑުއޮޅި ހުރަސްކުރުމުގެ ރިސްކު ނެގުމަށް ދެކޮޅު ހަދަމުން ދެއެވެ.
ތެޔޮ އުފެއްދުމުގައި އޯޕެކްގެ އެންމެ ވަރުގަދަ ގައުމުތަކުގެތެރޭގައި ހިމެނޭ ޢިރާޤާއި، ޔޫއޭއީ އާއި ކުވައިތުން ވެސް ތެޔޮ އެކްސްޕޯޓު ނުކުރެވި ގުދަންތައް ފުރެމުންދާތީ އުފެއްދުން މަދުކޮށްފައިވެއެވެ. ޢިރާޤުގެ ތެޔޮ އުފެއްދުން ވަރަށް ބޮޑަށް މަދުކޮށްފައިވެއެވެ.
އެމެރިކާއަށްވެސް މިކަމުގެ އަސަރު ކުރަމުން އަންނައިރު ގޭހުގެ އެވެރެޖް އަގު ޙަމަލާތައް ފެށުމުގެ ކުރިން ގެލަނެއް 3 ޑޮލަރުގައި ހުރެފައި 3.45 ޑޮލަރަށް އުފުލިފައިވެއެވެ. ތެލުގެ އަގު ދިގު މުއްދަތަކަށް މައްޗެއްގައި ހިފެހެއްޓިއްޖެ ނަމަ، އިންފްލޭޝަން މައްޗަށް ގޮސް، އެއާ އެކު އިންޓަރެސްޓް ރޭޓުތައް ވެސް މައްޗަށް ގޮސް، ދަރަނި ނަގާ ފަރާތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެއެވެ.
ތެލަށް ބަރޯސާވާ ކުދި ޖަޒީރާ ޤައުމެއް ކަމުގައިވާ ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް މި ހާލަތުގެ ސީދާ އަސަރު ކުރާނެއެވެ. ފިޗް ސޮލިއުޝަންސްގެ ގޮތްޕެއް ކަމުގައިވާ ބީއެމްއައި އިން ލަފާކުރާ ގޮތުގައި، މި ހަމަނުޖެހުމުގެ ސަބަބުން އޭޝިޔާ ސަރަޙައްދުގެ ކޮންސިއުމަރ އިންފްލޭޝަނަށް 7 އާއި 27 ބެސިސް ޕޮއިންޓާ ދެމެދުގެ މިންވަރެއް އިތުރުވާނެއެވެ. ޓްރަމްޕް ސަރުކާރުގެ އޮފިޝަލުން ހަނގުރާމަ ހަފުތާތަކެއްގެ ތެރޭގައި ނިމޭނެ ކަމަށް ބުނި ނަމަވެސް، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ދިގު މުއްދަތަކަށް ބުރޫ އެރުމުގެ ބިރު ބޮޑުވެ، އިންފްލޭޝަނާއި އިޤުތިޞާދީ ދުވެލި މަޑުޖެހިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް