ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި ދެ މީހުންނާއި ގުޅުން ހުރި އެ ރިސޯޓުގެ މުވައްޒަފުން ރާއްޖޭގެ ހަތް ސަރަހައްދަކަށް ދަތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ފަރާތުުން ޑރ. ފާތްމަތު ނަޒްލާ ރަފީގު ވިދާޅުވީ ވައިރަސްއަށް ޕޮސިޓިވްވި ހަތަރު މީހުންނާއި ގުޅުން ހުރި މީހުން ދެނެގަތުމުގައި އެޗްޕީއޭއިން ބަލަނީ އެމީހުންނާއި ސީދާ މުއާމަލާތް ކޮށްފައިވާ މީހުން ހޯދުމަށެވެ. އެގޮތުން ޖުމްލަ އެ ހަތަރު މީހުންނާއި މުއާމަލާތްކޮށްފައިވާ މީހުންގެ އަދަދަކީ މިހާތަނަށް ބެލި ބެލުމުން191 މީހުން ކަމަށެވެ.
އޭގެ ތެރެއިން11 މީހުންނަކީ ބަތަލާ އައިލެންޑް ރިސޯޓުން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުން ނެވެ. އަނެއް173 މީހުންނަކީ ކުރެއްދޫ ރިސޯޓުން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގެ ހަތް ސަރަހައްދަށް ގުޅުން ހުރި ކުރެއްދޫ މުވައްޒަފުން ދަތުރުކޮށްފައިވާތީ އެ ސަރަހައްދުގެ ހައްސަކޮށް އެ ރަށްރަށުގެ ސިއްހީ ހާލަތު ބަލަމުންދާ ކަމަށެވެ. އެގޮތުން އެ ރަށްރަށުގައި ހުމާ ރޯގާ އިތުރުވޭތޯ އާއި އެމީހުންގެ އާއިލާތަކުގެ ފަރާތުން އަލާމާތެއް ފެނޭތޯ ބަލަމުންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް އެފަދަ ކަމެއް ފާހަގަ ކުރެވުނީ ށ. ފޯކައިދޫންނާއި ޅ. ހިންނަވަރުން ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ ފޮކައިދޫގައި ހުރި ކުރެއްދޫގެ މުވައްޒަފާއި އެކު ޖުމްލަ ނުވަ މީހަކު ގޭގައި އައިސޮލޭޓްކޮށްފައި ބެހެއްޓުމަށް ފަހު ފަރުކޮޅުފުށީ ކަރަންޓީންއަށް ގެނެސްފައިވަނީ އެ މުވައްޒަފު އެކަންޏެވެ. އެހެން މީހުން އަދިވެސް ތިބީ ގޭގައި އައިސޮލޭޓް ކޮށްފައި ކަމަށް ވިދާޅުވި އެވެ.
ހިންނަވަރުން ފަރުކޮޅުފުއްޓަށް ގެންދަން ނިންމާފައިވަނީ އެންމެ މީހެކެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ ރަށުން އިތުރު މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް އަދި ފެނިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ސަމާ އައިލެންޑް ރިސޯޓުން ކޮރޯނާއަށް ދެ ފަތުރުވެރިން ނެގެޓިވް ވިޔަސް ކޮރޮނާ ވައިރަސްގެ އަލާމާތްތައް ފެންނަ ހަތަރު މީހަކު ރޫމް އައިސޮލޭޝަންގައި އެ ރިސޯޓުގައި އެބަ ތިބި ކަމަށެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއިން ކޮރޮނާ ވައިރަސްއަށް ޕޮސިޓިވްވި ހަތަރު މީހުންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް