އެމްޑީޕީ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓު، މީކާއީލް އަހްމަދު ނަސީމުގެ ޖަގަހައަށް ގެއްލުންދީ އިންޒާރު ދިން އިރު ހަމަ އެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް، އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒް ހަނު ހުންނާތީ ހައިރާންވާކަމުގައި އެމްޑީޕީން ބުނެފިއެވެ.
އެމްޑިޕީން މިހެން ބުނެފައިވަނީ އެކަން ކުށްވެރިކޮށް މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"މިފަދަ ނޭއްދާރު ޢަމަލުތައް، އެމްޑީޕީ ފިޔަވައި މި ދާއިރާއަށް ކުރިމަތިލާފައިވާ އެހެން ޕާޓީތައްކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއި ޖުމްހޫރީ ޕާޓީން، މި ދަނޑިވަޅުގައި ކުށްވެރިކޮށްފައިނުވާތީ އެމްޑީޕީން ޙައިރާންވޭ، ޚާއްޞަކޮށް މި ދާއިރާއަށް ޖުމްހޫރީ ޕާޓީން ކުރިމަތިލައްވާ ކެންޑިޑޭޓު ޢަބްދުﷲ ނަވާޒަކީ ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްކަމުގައިވާއިރު، އޭނާގެ އެއްވެސް ރައްދެއް، މި ނޭއްދާރު ޢަމަލަށް ލިބިފައިނުވާކަން މި ޕާޓީން ފާހަގަކުރަމެވެ" އެމްޑީޕީގެ ނޫސްބަޔާނުގައި ވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ގަލޮޅު ރެހެންދި ހިނގުމުގައި ހުރި، އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް، އަދި ގަލޮޅު ދެކުނު ކެންޑިޑޭޓުގެ ޖަގަހައިގައި ހުރި ބިލްބޯޑުތަކާއި ބެނާތައް ހަލާކުކޮށް، ބިއްލޫރިގަނޑު ތަޅާލައި، ކެންޑިޑޭޓަށް މަރުގެ އިންޒާރުދީ ހަދާފައިވާކަމަށެވެ. އަދި ހަމަ އެރޭ، ގަލޮޅު ރެހެންދި ހިނގުމުގައި ހަރުކޮށްފައި ހުރި ކެންޑިޑޭޓުގެ ބެނާތައް ކަނޑާލައި، ބެނާ ހަރުކުރި ހޮޅިތައް ހަލާކުކޮށް، ކެންޑިޑޭޓުގެ ކެމްޕެއިން ޓީމަށްވެސް ބަޔަކު އިންޒާރު ދީފައިވާކަމަށެވެ.
އެކަން ޕޮލިހަށް ހުށަހަޅާފައިވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި އިތުރަށް ބުނެފައިވަނީ އެމްޑީޕީއަކީ އިންސާނިއްޔަތާ ޚިލާފު ރަހުމުކުޑަ އަމަލުތައް ހުއްޓާލުމަށާއި، އިންސާނީ ކަރާމަތާއި، ޝަރަފަށް އިހުތިރާމްކުރުމަށް އަބަދުވެސް ގޮވާލާ ޕާޓީއަކަށްވީއިރު، މި ފަދަ ޢަމަލުތައް ހުއްޓުވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައިކަން އެ ޕާޓީން ފާހަގަކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް