ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ވަޅުލައިފި އެވެ.
ޝާހިދާ މަރުވެފައި ހުއްޓާ ފެނުނީ މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެންމެ ފުރަތަމަ މަންޒަރު ފެނުނު ކަމަށް ވަނީ އޭނާގެ ފިރިމީހާ އަށެވެ.
ޝާހިދާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވަންޑްރަމްއަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ. ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސް ވަޅުލީ ރޭގަ އެވެ.
އެކަމަކު ފުލުހުން މިކަމާ ގުޅޭގޮތުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ޝާހިދާގެ މަރާ ގުޅިގެން އާއިލާގެ މީހުންނާއި އެ ރަށު މީހުން މީޑީއާގައި ބުނެފައިވަނީ ޝާހިދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ފުލުހުން ވަނީ އެ މައްސަލައިގަ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޝާހިދާގެ ފިރިމީހާ ހައްޔަރު ކޮށްފައި އެވެ.
އެ ރަށު ބައެއް މީހުން މީޑިއާގައި ބުނެފައިވަނީ ޝާހިދާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކަށް ވިޔަސް އޭނާ ދަންޖެހިފައިވާ ވާ އައްސާފައި ހުރި ހިސާބަށް އޭނާއަށް ނޭރޭނެ ކަމަށެވެ. އަދި އެ ވަލުގައި ޖަހާފައިވާ ގޮށްވެސް ޖަހަން ނޭނގޭނެ ކަމަށެވެ.
ޝާހިދާ ވަނީ މީގެ ދެތިން މަސް ކުރިން ގެއްލިގެން ހޯދާފަ އެވެ. އެ ފަހަރު އޭނާ ފެނިފައިވަނީ ދެ ދުވަސް ފަހުން އެ ރަށު ވަލު ތެރޭގައި ހޭނެތިފައި އޮއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް