ގައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި 41 ގައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި ހުރީ ހަގީގަތާއި ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރު...

09 Mar 2018 | 18:22

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި 41 ގައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި ހުރީ ހަގީގަތާއި ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

މިހާރު ކުރިއަށް ދާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ހިމެނޭ ގޮތުން، 41 ގައުމެއް ގުޅިގެން ނެރުނު ބަޔާނުގައި ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލާފައިވެ އެވެ. އަދި ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރަން ގޮވާލާފައިވެ އެވެ.

އެ ބާޔާނަށް ރައްދުދެއްވާ އެ ބައްދަލުވުމުގައި ރާއްޖެއިންޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ހާލާ ހަމީދު ދެއްވި ބަޔާނުގައި ވިދާޅުވީ ގައުމުތަކުގެ ބަޔާނަކީ ހަގީގަތާއި ހިލާފު އަދި ރާއްޖޭގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމުގެ ވިސްނުމެއްނެތި، އިނގިރޭސި ވިލާތުން އިސްނަގައިގެން ހުށަހެޅި ބަޔާނެއް ކަމަށެވެ. ހާލާގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ކޮރަަޕްޝަންގެ ނުފޫޒު އޮވެ، ރާޖޭގެ ގާނޫނު ތަކާއި ތައާރަޒުވާ އަމުރެއް ކަމަށެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓާ ބެހޭގޮތުން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ 2013 ވަނަ އަހަރު ރާއްޖެ ވަޑައިގަތް އދ. ގެ މަންދޫބު ކަމަށާއި އޭރު އިނގިރޭސިވިލާތާއި އީޔޫގެ ގައުމުތަކުން ވެސް އދ. ގެ މަންދޫބު ތައްޔާރު ކުރެއްވި ރިޕޯޓަށް ތާއީދުކުރި ކަން ފާހަގަ ކުރެއްވި އެވެ.

ހާލާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެކަނި ވެސް ރާއްޖެއިން އިސް ނަގައިގެން އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ރާއްޖެއަށް ދަތުރުކުރި ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ވެސް ދާދިފަހުން އޭގެ ވަފުދެއް ރާއްޖެ އައި ކަމަށް ހާލާގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް