އިދިކޮޅު ތިން ޕާޓީއަށް ފައިސާ ނުދީ އެ ތިން ޕާޓީ އުވާލަން ޕީޕީއެމް އިން ގޮވާލައިފި

ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އިދިކޮޅު ޕާޓީތަކަށް ދޭންޖެހޭ ކަމަށް ގަބޫލު ނުރެވޭ ކަމަށާއި، އިދިކޮޅު ތިން ޕާޓީ ކަމުގައިވާ އެމްޑީޕީ، ޖޭޕީ އަދި އޭޕީ އުވާލުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ...

09 Mar 2018 | 06:49

ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އިދިކޮޅު ޕާޓީތަކަށް ދޭންޖެހޭ ކަމަށް ގަބޫލު ނުރެވޭ ކަމަށާއި، އިދިކޮޅު ތިން ޕާޓީ ކަމުގައިވާ އެމްޑީޕީ، ޖޭޕީ އަދި އޭޕީ އުވާލުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.

ޕީޕީއެމް އިން މިކަމަށް ގޮވާލާފައިވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގަ މަލްޓި ޕާޓީ ނިޒާމެއް ގެނައީ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދުއްތުރާތަކެއް ކުރިމަތި ކުރަން ނޫން ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެ ނިޒާމު ބަލައިގަތީ ރައްޔިތުންނަށް ހަމަޖެހޭ ނިޒާމެއްގެ ތެރެއިން ވެރިކަންކޮށް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ނިޒާމަކަށް އެ ނިޒާމު ވެދާނެ ކަމުގެ އުންމީދުގައި ކަމަށެވެ.

"އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ސިޔާސީ ޕާޓީތަކުގެ ނަމުގަ ރާއްޖޭގެ ހަމަޖެހުން ނަގާލާ ރައްޔިތުންގެ މުދަލަށް ގެއްލުންދީ ދިވެހި ރާއްޖޭގެ އެކުވެރިކަމާ އެއްބައިވަންތަކަން ގެއްލުވާލަން ބަޔަކު މަސައްކަތްކުރަމުންދާ މަންޒަރު" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގަ މިހާރު ނެތްކަމުގަ ވަނީނަމަ ވަރަށް ބޮޑެތި އިސްލާހުތަކެއް ގެނެސްގެން ގައުމަށް ގައްދާރުވާ ޕާޓީތައް އުވާލެވޭ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އިކޮޅު ޕާޜީރައް ކަމުގައިވާ އެމްޑީޕީ ޖޭޕީ އޭޕީ މިއަދު މަސައްކަތްކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް  އަދި ގާނޫނުން ދީފައިވާ އިހްތިޔާރުގެ ދަށުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

" ތިމާމެން ބޭނުންވާ މަގްސަދު ހާސިލުކުރެވެން އޮތީ، މިތަނުގަ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަދީގެން ކަމަށް ވަންޏާ އެކަމަށް ތާއީދުކޮށްފަ، މިތަނުގެ މިނިވަންކަން ގެއްލުވާލާ ބޭރުބައެއްގެ އަތްމައްޗަށް ގައުމު ދޫކޮށްލައިގެން ކަމަށްވަންޏާ އެކަމަށްވެސް ތާއީދުކޮށްފަ، މިގައުމުގަ މާރާމާރީ ހިންގާ ހަމަޖެހުން ނަގާލައިގެން ވެރިކަން ލިބެން އޮތިއްޔާ އެކަމަށްވެސް ތާއީދުކޮށްފަ، މި ލެވެލްއަށް ސިޔާސީ ޕާޓީތައް ދިޔައިމަ ސިޔާސީ ޕާޓީތައް ހުއްޓުވޭނެ ގޮތެއް ހޯދަން އެބަޖެހޭ" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރޭގަނޑު ދަންވަރު ނުވަތަ ދުވާލުވެސް މަގުމައްޗަށް ނިކުމެ މީހުންގެ މުދަލަށް ގެއްލުންދީ ތަންތާނގަ އަލިފާން ރޯކޮށް މާރާމާރީ ހިންގާ، ދިވެހި ސަލާމަތީ ބާރުތަކުގެ މީހުންނާ ކުރިމަތިލާ މި ލެވެލަށް ދާކަށް އެއްވެސް ގާނޫނަކުން ޖާގައެއް ނުދޭނެ ކަމަށެވެ. މިފަދަ އަމަލުތައް ހިންގާ ޕާޓީތައް ހުރީ ވިއްޔާ މި ޕާޓީތައް އުވާލެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ ޕާޓީތަކަކަށް ދައުލަތުން ފައިސާ ދޫކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދައުލަތުން ފައިސާ ދިނީމަ އެ ފައިސާ ބޭނުންކޮށްގެން މި ގައުމުގެ ހަމަޖެހުން ނަގާލާ މި ގައުމުގެ ރައްޔިތުންނަށް ގެއްލުންދީ މި ގައުމުގެ ގާނޫނުތައް މުގުރާ ޕާޓީއަކަށް ދައުލަތުން ފައިސާ ދީގެން ނުވާނެ ކަމަށެވެ. ފައިސާ ނުދީ ހިފެހެއްޓުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް