މީހުންގެ ޒާތީ މިނިވަން ކަމާއި ބެހޭ ގާނޫނެއް ވަރަށް އަވަހަށް ވުޖޫދަށް ގެންނާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިއަދު މީޑިއާއަށް ފޮނުއްވި މެސެޖެގައި ވިދާޅުވީ ގޭގޭ ތެރޭގައި ހިނގާ ކަންކަން އެހެން މީހުން ވީޑިއޯކޮށް، މީހުންގެ ޒާތީ ދިރިއުޅުމަށް އަރައިގަތުމަކީ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމެއް ކަމަށެވެ. ޖާބިރު ވިދާޅުވީ ކުޑަކުދިން ހިމާޔަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އެކަމަކު މިއަދު ފެންނަނީ އިޖްތިމާއީ ފޭރާން އެއްކޮށް ހަލާކުވަމުންދާ ތަން ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ޒާތީ މިނިވަންކަން ކަމަށާއި އެކަން އެންމެން ވެސް ދަންނަން ޖެހޭ ކަމަށެވެ. އެހެންވެ އެފަދަ ގާނޫނުތައް ހަދަންޖެހޭ ކަމަށާއި އެފަދަ ގާނޫނެއް ވަރަށް އަވަހަށް ތައްޔާރު ކުރެވޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން މިހާރު ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާ ކަމަށެވެ. އަދި ޖެންޑާ މިނިސްޓަރު ކަމަށް އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެޅުއްވި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
"އެމަނިކުފާނު މިފަހަރު ކެބިނެޓަށް އެ ގެނައި ޗޭންޖް އެ ގެންނެވީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވާތީވެ، އަޅުގަނޑު އެމަނިކުފާނަށް ޝުކުރު ދަންނަވަން. ޖެންޑާ މިނިސްޓަރު ވާންޖެހޭނެ ވަރަށް މުހިންމު މިނިސްޓަރަކަށް،" ޖާބިރު ވިދާޅުވި އެވެ.
ޒާތީ މިނިވަންކަމާއި ބެހޭ ގާނޫނެއް ވުޖޫދަށް ގެންނާނެ ކަމަށް ޖާބިރު ވިދާޅުވެފައި މިވަނީ ކުޑަ ދެ ކުއްޖަކު ގެއެއްގެ ބެލްކަނީގައި ގައިގޯޅިވެ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ފުލުހުން ވަނީ އެފަދަ ކަންކަން ވީޑިއޯކޮށް އާންމު ކުރުމުެގ ބަދަލުގައި ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް