ސާސް ރޯގާއަށް ވުރެ ކޮރޯނާގަ މިހާތަނަށް މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

ޗައިނާއިން 2002 ވަނަ އަހަރު އުފަންވި ސާސް ރޯގާގައި މަރުވީ މީހުންގެ ޖުމްލަ އަދަދަށްވުރެ އެގައުމުން މިހާރު އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގަ މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ...

09 Feb 2020 | 09:23

ޗައިނާއިން 2002 ވަނަ އަހަރު އުފަންވި ސާސް ރޯގާގައި މަރުވީ މީހުންގެ ޖުމްލަ އަދަދަށްވުރެ އެގައުމުން މިހާރު އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގަ މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

ޗައިނާއިން އުފަންވެ 2002 ވަނަ އަހަރާއި 2003 ވަނަ އަހަރު މުޅި ދުނިޔޭގައި ފެތުރުނު ނުރައްކާތެރި ސާސް ރޯގައި މަރުވެފައިވަނީ ޖުމްލަ 774 މީހުންނެވެ. އެކަމަކު ކޮރޯނާ ވައިރަސްގެ ނުރައްކާތެރި އާ ވައިރަސްއެއް ފެތުރެމުންދާކަން އެ ގައުމުގެ ޑޮކްޓަރަކު މިދިޔަ އަހަރުގެ ޑިސެމްބަރު30 ވަނަ ދުވަހު ހާމަ ކުރިފަހުން މިހާތަނަށް އެބަލީގައި811 މީހުން މަރުވެފައިވެ އެވެ.

ޗައިނާގެ ހެލްތް ކޮމިޝަންއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސާސްް ރޯގާގެ ވައިރަސް އެރީ މުޅި ދުނިޔޭން އަށް ހާސް މީހުންގެ ގަޔަަށެވެ. ކޮރޯނާ ވައިރަސް ފެތުރެން ފެށިތާ ދޮޅުމަސް ތެރޭގައި އެ ބަލި މިވަނީ37 ހާހަށްވުރެ ގިނަ މީހުންގެ ގައިން ފެނިފަަ އެވެ.

ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ބުނާގޮތުގައި ހަމައެކަނި ވޭތުވެދިޔަ24 ގަޑިއިރު ތެރޭގައިވެސް ބަލީގަ 89 މީހުން މަރުވި އިރު2656 މީހެއްގެ ގައިން ވައިރަސް ފެނިފާ ކަމަށެވެ.

މި ބަލި ޖެހޭ މީހުން އަދަދު އަދި ކޮންޓްރޯލް ނުކުރެވުނު ނަމަވެސް ބަލި ޖެހިގެން ރަނގަޅުވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ މަޑުމަޑުން އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް މި ބަލި ޖެހުނު 2685 މީހުން ބަލިން ސަލާމަތްވެފައިވެ އެވެ.

ކޮރޯނާ ވައިރަސް ޖެހެނީ ނޭވާލާ ނިޒާމަށެވެ. ބަލީގެ ނުރައްކާތެރިކަން ބޮޑީ ހަކުރު ބަލީގެ މީހުންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި ކިއްޑީނީ އާއި ލޭ މައްޗަށް ދާ މީހުންނަށެވެ. މަރުވި މީހުންގެ އުމުރަށް ބަލާއިރު ގިނައީ45 އަހަރާއި80 އަހަރާ ދެމެދުގެ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް