ޖެންޑާ މިނިސްޓަރުކަމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާދެއްވި ޝިދާތާ ޝަރީފު ދެއްކެވީ ހިތްވަރުގަދަ ކަމުގެ އަމަލެއް ކަމަށް އޭނާ ނިސްބަތްވެވަޑައިގެންނަވާ އަދާލަތު ޕާޓީން ބުނެފި އެވެ.
ޝިދާތާ އިސްތިއުފާދެއްވިތާ ތިން ދުވަސް ފަހުން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާއަކީ މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި މިނިސްޓަރުކަމުގައި ހުންނަވައިގެން ރައްޔިތުންގެ ހާލު ބައްލަވައި، އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި އެއީ އިހުލާސްތެރި ބޭފުޅެއް ކަމަށް ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޝިދާތާ އިސްތިއުފާދެއްވީ ޖެންޑާ މިނިސްޓްރީގެ އިތުބާރު ދަމަހައްޓަން ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރަން އޭނާ ބުރަކޮށް މަސަައްކަތްކުރައްވަައި، އެޅުއްވި ފިޔަވަަޅުތައް ކާމިޔާބު ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޝިދާތާ އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގަ ވަކާލާތުކުރާ ކަމަށް މަޝްހޫރު އަހުމަދު ހިޝާން އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފަވާކަން އެނގޭއިރު ފެމެލީ ކޯޓުގެ އަމުރަކާ ހިލާފަށް18 އަހަރުވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު ހިޝަންގެ ގޭގައި ގެންގުޅު މައްސަލައެއް ފެންމަތިވުމުންނެވެ. މި މައްސަލަ ހާމަކުރި ހައިކޯޓުން ބުނެފައިވަނީ އެކަމުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އެބައޮތް ކަމަށެވެ.
އެ މައްސަލައިގަ އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ޝިދާތާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނަގަން މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ. ޝިދާތާ އިސްތިއުފާދެއްވީ އޭގެ އަނެއްދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް