ޗައިނާއިން ފެނި އެ ގައުމުގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 811 އަށް އަރައިފިއެވެ.
އިއްޔެއިން މިއަދާއި ހަމައަށް މި ވައިރަހުގައި މަރުވި މީހުންގެ އަދަދު 89 އަށް އިތުރުވެފައިވާއިރު އޭގެ ތެރޭގައި ޖަޕާނަށް ނިސްބަތްވާ މީހަކާއި އެމެރިކާއަށް ނިސްބަތްވާ މީހަކު ހިމެނޭކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވެއެވެ.
މި ވައިރަހުގައި މަރުވި މީހުންގެ އަދަދު 800 އިން މައްޗަށް ގޮސްފައިވާއިރު ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 37198 އަށް އަރާފައެވެ. މި އަދަދުން 6196 މީހެއްގެ ހާލު ސީރިއަސް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ވައިރަސް ދުނިޔޭގެ 28 ގައުމަކަށް މިހާރު ފެތުރިފައިވާއިރު މި ވައިރަސް ޖެހި އޭގެން ސަލާމަތްވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި ވައިރަސް ޖެހި އޭގެން ސަލާމަތްވި މީހުންގެ އަދަދު މިހާރުވަނީ 2685 އަށް އަރާފައެވެ.
މި ވައިރަހުން ސަލާމަތްވުމަށް ރާއްޖެއިންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖެ އެތެރެވާ މީހުން މޮނީޓަރ ކުރުމަށް އެއާޕޯޓްތަކުގައި ތާމަލް ކެމެރާ ހަރުކޮށްފައިވާއިރު ޗައިނާއިން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ. އަދި ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ ކަރަންޓީނު ފެސިލިޓީތަކެއްވެސް ގާއިމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް