މާފުށީގައި ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯސްކޮށެއް ނޫން: ހޯމް މިނިސްޓަރު

މާފުށީ މަގުމަތީގައި ބިކިނީ ލައިގެން އުޅުނު ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރީ ގޯސްކޮށޭ ބުނެވެން ނެތް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ބުރާސްފަތި ދުވ...

08 Feb 2020 | 19:27

މާފުށީ މަގުމަތީގައި ބިކިނީ ލައިގެން އުޅުނު ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރީ ގޯސްކޮށޭ ބުނެވެން ނެތް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ހަވީރު ހިނގި އެހާދިސާ އާއި ގުޅިގެން ފުރަތަމަ ދައުރުވި ވީޑިއޯގައި ފެންނަނީ ފުލުހުން އެ އަންހެން މީހާ ހައްޔަރު ކުރަން ގަދަކަމުން ބިޑިއަޅުވާައިރު އޭނާ ގަދަ ހަދައި އަޑުގަދަ ކުރާތަނެވެ. އެއާ އެކު ސޯޝަލް މީޑިއާގައި އާންމުން ފުލުހުންނަށް ފާޑުކިޔާ އެއީ މީހުން ހައްޔަރު ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތް ނޫންކަމަށް ބުނެ ވާހަކަދެއްކި އެވެ. އަދި ފިރިހެން ފުލުހަކު އަންހެނަކު ހައްޔަރު ކުރެވިގެން ނުވާނެ ކަމަށް ބުންޏެވެ.

އެކަމަކު އެ ވީޑިއޯގެ ކުރީބައި ކަމަށް ބެލެވޭ ވީޑިއޯއެއް ހުކުރު ދުވަހު ހަވީރު އާންމުވުމާއި އެކު އާންމުން ފުލުހުންނާއި ދޭތެރޭ ދެކޭގޮތް ބަދަލުކޮށް ފުލުހުންނަށް ތައުރީފުކޮށްފައިވެ އެވެ. އެ ވީޑިއޯގައި ފެންނަނީ އެ ފަތުރުވެރިޔާ ނިވާކަންކުޑަ ހެދުން ލައިގެން ރަށުތެރޭ އުޅޭތީ އެއީ މަނާކަމެއްކަމަށް ބުނެ އޭނާއަށް ނަސޭހަތް ދޭތަނެވެ. އަދި އެގޮތަށް މަގުމަތީގައި ނޫޅެވޭނެ ކަމަށް ބުނަން ފެށުމުން އަންހެން މީހާ ވަނީ ފުލުސް މީހާގެ ބޮލުގައި އިން އައިނު ނަގާ އޭނާގެ އަމިއްލަ ކަންކަމަށް ހުރަސް ނާޅާށޭ ބުނެ އަޑުގަދަކޮށްފަ އެވެ.

ފުލުހުން ބުނީ އެ ދުވަހު ބިކިނީ ލައިގެން މައުމަތީގައި އުޅުމުގެ އިތުރުން އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

މި މައްސަލައިގަ މިރޭ ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއަށްވުރެ ރަނގަޅަށް އެ ހާލަތު ފުލުހުންނަށް ކޮންޓްރޯލް ކުރެވޭނެ ކަމަށާއ އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އެކަމަކު ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވެން ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޓޫރިސްޓުންނަށް ސެކިއުރިޓީ ކަށަވަރުކޮށްދޭން ޖެހޭ ބައެއް. އަދި އެކަން ޕްރޮމޯޓް ކޮށްދެން ޖެހޭ މުއައްސާސެއްގެ ގޮތުން ދެރަވަން މިހެން ކަންތައްތައް ވީތީ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވިޔަސް އެ މައްސަލައިގަ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވީޑިއޯ އާންމުވުމާއި އެކު ސޯޝަލް މީޑިއާގައި ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ފުލުހުން އަމަލު ކުރީ ގޯސްކޮށް ކަމަށް ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ކޮމިޝަނަރު އެހެން ދެކިވަޑައިގަތުމަކީ، އެ ފަދަ ކަންކަމުގައި ފުލުހުން މާބޮޑަށް ދިފާއު ކުރައްވަން ނޫޅުއްވާކަން އެނގިވަޑައިގަންނަވާ ކަމެކެވެ. ފުލުހުންގެ މުއައްސަސާ، މިހާރަށް ވުރެ ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މީގެ ކުރިން ފުލުހުންގެ މުއައްސަސާގެ ތެރެއިން ވަރަށް ގިނަ ގޯސްތައް ހިނގާފައި އެބަހުރި ކަމަށެވެ. އެ ގޮތުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ބޮޑެތި އަނިޔާތަކާއި ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފުށީގައި ހިނގި ހާދިސާ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެއިން އަތް ދޫކޮށް ނުލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް