ރޭ ދަންވަރު ދެ ވަގުތެއްގައި ދެ އެކްސިޑެންޓެއް ހިނގައި ދެ އަންހެނަކަށާއި ކުޑަ ދެކުދިންގެ އިތުރުން ދެމީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް އެމަގުން ދިޔަ އެހެން ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގޮސް އެމަގުގައި ޕާކްކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގ މައުލޫމާތު ރޭ 01:00 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
"މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 16 އަހަރުގެ ދެ ކުޑަ ކުދިންނަށާއި 26 އަހަރުގެ ފިރިހެނަކަށް" ފުލުހުން ބުނެފައިވެއެވެ.
އެ އެކްސިޑެންޓާއިމެދު ފުލުހުން އިތުރަށް ބުނެފައިވަނީ ދެ ކުޑަކުދިންނަކީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލުގައި ތިބި ދެ ކުދިން ކަމަށެވެ. ދެކުދިންނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށާއި އަދި އަނެއް ސައިކަލުގައި އިން މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި އެ ދެކުދިންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މައުލޫމާތު ހިއްސާކޮށްފައިވާ ދެވަނަ އެކްސިޑެންޓާއި ބެހޭގޮތުން ބުނެފައިވަނީ ސެނަހިޔާ ކައިރިން ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ރޭ 01:10 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދެ އަންހެނަކަށާއި ފިރިހެނަކަށް ކަމުގައި ބުނެފައިވެއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ދެކުނުން އުތުރަށް ދުއްވާފައި އައި ސައިކަލެއް ބުރުޒު މަގަށް އަޅަން އުޅުނު ވަގުތު ބްރިޖުން ފައިބައިގެން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެން ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް