ނިމިދިޔަ 2019 ވަނަ އަހަރު އެންމެ ގިނައިން ދައުލަތުގެ ކުންފުންޏެއްގެ ވާހަކަ ދެކެވެމުން ދިޔަ އެއް ކުންފުންޏަކީ ހަމަ ގައިމުވެސް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)، ދައުލަތުގެ ފެން ކުންފުންޏެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.
މާލޭގެ އެކި ހިސާބުތަކުން ނަޖިސް އެރުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. 24 ގަޑިއިރު ކޯލްސެންޓަރެއް ގާއިމްކޮށް ހަމަ ކޮންމެ ވަގުތަކު ގުޅާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ގޭގައި ހުރެގެން އެމްޑަބްލިއެސްސީގެ ހިދުމަތްތަކަށް އެދިލެއްވުމުގެ ފުރުސަތު ފަހިކޮށްދީ އޮންލައިން ޕޯޓަލްއެއް ވަނީ ގާއިމްކޮށްފައެވެ. އެ އިންތިޒާމާއެކު ކަރުދާސް ނޫން ގޮތެއް ދިވެހިންނަށް ވަނީ ހޯދައިދީފައެވެ. އާންމުން ހޭލުންތެރި ކުރުމަށް ކެމްޕޭނުތައް އަންނަނީ ހިންގަމުންނެވެ. އަދި މާލެ ޒިޔާރަތްކުރާ އެތައް ފަތުރުވެރިންނަކަށް ފާހާނަ ކުރެވޭނެ އިންތިޒާމާއެކު މަސްވެރިންގެ ޕާކުގައި ޓޫރިސްޓް ޓާމިނަލެއް ވަނީ ގާއިމްކޮށް ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.
https://twitter.com/MWSC_Official/status/1208956893386772481
މީގެ އިތުރުން ފެން ބިލުތައް ނުދެއްކި ދަރަނިވެރިވެފައިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ މިދިޔަ އަހަރު ނިމުމުގެ ކުރިން އެކަން ވަނީ އިއުލާނުކޮށްފައެވެ. އެ ފުރުސަތު މި ހިނގާ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހާއި ހަމައަށް އެބަ އޮތެވެ.
މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައިވަނީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތް ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ސިފަ ކުރައްވައެވެ.
އެގޮތުން ދުވަހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީއަކީ މާލޭ ރީޖަން އަށް ބަލާނަމަ ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށާއި އޭނާ ކުންފުންޏާ ހަވާލުވެފަ ވިސްނީ ރައްޔިތުންނާ ކުންފުންޏާ އޮންނަ ގުޅުން ރަނގަޅު ކުރަން ކަމަށެވެ.
" ރައްޔިޔުންނަށް މިހާ މުހިންމު ހދުމަތެއް ދޭއިރު ރައްޔިތުންނާ އޮންނަ ގުޅުން ކނޑިފަ އޮންނަކްނފ ފާހަގކުރެވިގެންދިޔައީ ، ގުޅޭނެ ގޮތެއް ނޭނގިގެން އުޅެންޖެހެނީ، ފެނެއް ލީކުވީ، ނަޖިސް އަރާ ކަމެއް ދިމާވީ، ފެން ބިލެއް ނުލިބުނީ، އެތައް އެތައްކަމަކާ ގުޅަންޖެހިފަ އޮންނަނީ" އާޒިމް ވިދާޅުވިއެވެ.
https://twitter.com/MWSC_Official/status/1201060773918724097
އާޒިމް ވިދާޅުވީ ގެނެވުނު ހެޔޮ ބަދަލުތަކާއެކު ގުޅިގެން ކުރެވުނު މަސައްކަތްތަކުން ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. އަދި "އެކުވެރި އެމްޑަބްލިއުއެސްސީ" މި ޝިޔާރުގެ ދަށުން ގެނެވުނު ހެޔޮ ބަދަލުތަކުގެ ނަތީޖާ ފެންނަމުންދާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
"އެކުވެރިކަން ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް އެއްބައިވަންތަ ކަމާއެކު ގުޅިގެން މަސައްކަތް ކުރުންވެސް އެހާމެ މުހިންމު، އެމްޑަބްލިއުއެސްސީއަށް ހިދުމަތެއް ހޯދާކަށް ނާންނާނެ އެ ހިދުމަތެއް ނުލިބި ދާކަށެއް، މިއަދު ޔަގީންކުރަން އެމްޑަބްލިއުއެސްސީން ދޭ ހިދުމަތެއް ހޯދަން ގުޅައިފިއްޔާ، 105 ވިޔަސް ސޯޝަލް މީޑިއާ ވިޔަސް އަދި ކައުންޓަރަށް ޒިޔާރަތް ކުރިކަމުގަވިޔަސް ހިނިތުންވުމާއެކު ހިދުމަތް ދޭނެ މުވައްޒަފުންތަކެއް މިއަދު ތިބޭނެ" އާޒިމް ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީން ރަނގަޅު ކަންތައްތައް ކުރީމާ އެކަމުގެ އުފާ ރައްޔިތުންނަށްވެސް ލިބޭނެކަން ފާހަގަކޮށް އާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީން އަބަދުވެސް ދެމިތިބޭނީ ރައްޔިތުންނަށް އުފާވެރިކަން ގެނައުމަށްޓަކައި ވީހާވެސް ގިނަ ކަންކަން ކުރަން ތައްޔާރަށް ކަމަށެވެ.
"މާލޭ ސިޓީގަ، ގްރޭޓާ މާލޭ ރީޖަންގަ އޮތް އެންމެ ބޮޑު އެއް ކުންފުންޏަކީ އެމްޑަބްލިއުއެމްސީ، އެންމެ ހިދުމަތްތެރި އެއް ކުންފުންޏަކީވެސް އެމްޑަބްލިއުއެސްސީ، ރައްޔިތުންނާ އެންމެ ގުޅުންހުރި ކުންފުންޏަކީވެސް އެމްޑަބްލިއުއެސްސީ، އަދި ރައްޔިތުންގެ ތަނަވަސްކަން އިތުރުވީމާ އޭގެ އުފާވެސް ލިބޭނެ ކުންފުންޏަކީ ހަމަ އެމްޑަބްލިއުއެސްސީ" އާޒިމް ވިދާޅުވިއެވެ.
އެގޮތުން އެމްޑަބްލިއުއެސްސީން ގާއިމްކޮށް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި ފަތުރުވެރިންގެ ޓާމިނަލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ޒިޔާރަތްކުރާ ފަތުރުވެރިން ފާހާނާ ކުރުން ފަދަ ކަންކަމުގައި އުޅެންޖެހެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ނަމަވެސް މިއަދު މާލެ ޒިޔާރަތްކުރާ ފަތުރުވެރިން ވަރަށް ހިތްގައިމުކޮށް ފާޙަނަ ކޮށްލައިގެން މާލެތެރެ ބަލާލަން ދެވޭނެ ކަމުގައި އާޒިމް ސިފަކުރެއްވިއެވެ.
އެމްޑަބްލިއުއެސްސީން ހޯދާފައިވާ ކާމިޔާބީތަކާއި ކުރެވިފައިވާ ކަންތަކާއެކު މި ހިނގާ 2020 ވަނަ އަހަރުގެ އެންމެ ބޮޑު އަމާޒަކީ ގެނެވިފައިވާ ހެޔޮ ބަދަލުތައް ހަރުދަނާ ގޮތެއްގައި ދެމެހެއްޓުން ކަމުގައި އާޒިމް ވިދާޅުވިއެވެ. އަދި އަބަދުވެސް ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ދުވަހުން ދުވަހަށް ރަނގަޅުކޮށްދީ ކުންފުނީގައި ހުރި ރިސްކްތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަކީ މި އަހަރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް