ޖިއްދާގައި ބާސެލޯނާގެ ޓީމު ބަހަށް ކުރިމަތިވި ގޮތަކުން ނޫސް ކޮންފަރެންސް ލަސްވެއްޖެ

ސްޕެނިޝް ސްޕަރކަޕްއަށް މިހާރު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ތިބި ބާސެލޯނާ ޓީމުގެ ޓީމު ބަހަށް ވަރަށް އެހެންކަހަލަ ގޮތެއް ދިމާވެއްޖެއެވެ. މިރޭ ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮންނަ ނޫސްވެރިންގެ ބައްދ...

09 Jan 2020 | 07:41

ސްޕެނިޝް ސްޕަރކަޕްއަށް މިހާރު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ތިބި ބާސެލޯނާ ޓީމުގެ ޓީމު ބަހަށް ވަރަށް އެހެންކަހަލަ ގޮތެއް ދިމާވެއްޖެއެވެ.

މިރޭ ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮންނަ ނޫސްވެރިންގެ ބައްދަލުވުމަށް ބާސެލޯނާގެ ކޯޗު ވަލްވާޑޭ އާއި މިޑްފީލްޑަރ ސާޖިއޯ ބުސްކެޓް ބާސެލޯނާގެ ބަހުގައި ދަތުރުކޮށް، އަލް-އިއްތިހާދު ސްޕޯޓްސް ސިޓީގައި ނޫސްވެރިންނާ ބައްދަލުކުރަން ހަމަޖެހިފައި އޮތްއިރު، ނޫސްވެރިންގެ ބައްދަލުވުން ފެށޭ ގަޑި ޖެހުނުއިރު ވެސް ވަލްވާޑޭ އާއި ބުސްކެޓް އަށް ހާޟިރު ނުވެވުނެވެ.

މިގޮތަށް ކަންތައް ދިމާވީ، ޓީމުގެ ބަސް ޑްރައިވަރަށް އެރި އޮޅުމަކުންނެވެ. ނޫސްވެރިންގެ ބައްދަލުވުން ހަމަޖެހިފައި އޮތް އަލް-އިއްތިހާދު ސްޕޯޓްސް ސިޓީއަށް ދަތުރު ކުރުމުގެ ބަދަލުގައި ބަސް ދަތުރު ފެށީ މިރޭގެ މެޗު އޮންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމް އަށެވެ. މި ދެ ތަނުގެ ދެމެދުގައި 40 މޭލު ހުންނައިރު، ވަކި ހިސާބަކުން ޓްރެފިކްގައި އޮޅުންބޮޅުންވެ ބާސެލޯނާގެ ބަސް ޖިއްދާއަށް ގެއްލުނީއެވެ. އެހެންކަމުން ޖެހުނީ ނޫސްވެރިންގެ ބައްދަލުވުން ލަސްކޮށްލާށެވެ.

"މިހާރު ކުރިއަށްވުރެ ރަނގަޅަށް އަހަރެމެންނަށް މިތަން އެނގޭ" ހިނގާދިޔަ ހާދިސާގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސާގެ ކޯޗު ވަލްވާޑޭ ބުންޏެވެ. "އެއީ އެރި ކުޑަ އޮޅުމެއް. ސްޓޭޑިއަމްއަށް ފޯރުމުގެ ކުރިން އޭނާއަށް (ބަސް ޑްރައިވަރު) އެކަން އެނގިއްޖެ. އެކަމަކު، ދެން ކުރިމަތިވި ޓްރެފިކްގެ މައްސަލައިގެ ސަބަބުން އަހަރެމެން ލަސްވީ"

ބާސެލޯނާ އާ އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ، ސްޕެނިޝް ސްޕަރކަޕްގެ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ. މި މެޗުން މޮޅުވާ ޓީމެއް އާދިއްތަ ދުވަހު އޮންނަ ފައިނަލްގައި ނުކުންނަން ޖެހޭނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް