ރާއްޖެ ތަރައްގީކޮށް ކުރިޔަށް ދެވޭނީ ޒުވާނުން އެކަކު އަނެއްކަކަށް އަޅައިލާ އޯގާތެރިވެގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ
ރަން އަހަރު"ގެ ނަމުގައި ދަރުބާރުގޭގައި ޔޫތު މިނިސްޓްރީން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ އާންމުންގެ މުޖުތަމު ތަރައްގީކުރުމަށްޓަކައި އަނެކާގެ ހައްގުތައް ދެނެގަތުން މުހިއްމު ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ ޒުވާނުން ބާރުވެރި ކުރުން ކަމަށެވެ. އެގޮތުން ހަށިހެޔޮ، ދުޅަހެޔޮ ކެމްޕެއިނަކީ އެ މަސައްކަތުގެ ފެށުން ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް އަޑުއިވިގެން ދަނީ މަގުމަތީގެ އެކްސިޑެންޓެއްގައި ނޫނީ ކަނޑުދަތުރު ކުރުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ އަޑުތައް ކަމަށާއި އެކަމާ މެދު ވިސްނައި، އެންމެންނަށް ވެސް ރައްކާތެރި މަގުތަކެއް ހޯދައިދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ މުޖްތަމައުގައި ހިނގާ ކަންކަމަށް ވިސްނާ އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ ބަޔަކަށް ޒުވާނުން ވާން ޖެހޭ ކަމަށާއި ސިއްހަތަށް ގެއްލުންހުރި ކަންކަމާ ދުރުހެލިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ތަހުޒީބު ބައެއްގެ ގޮތުގައި ދެމި ތިބެވޭނީ އެހެން މީހުންގެ ހައްގުތައް ވެސް ރައްކާތެރި ކުރެވިގެން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ދަރިވަރުންނާއި ޒުވާނުން ރާއްޖެ އަށް ރީތިނަން ހޯދައި ދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ބަދަހިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެ ވަނީ އެހެން ގައުމުތަކާ ގުޅުން ކުޑަ ގައުމެއްގެ ގޮތުގައި ކަމަށާއި މިހާރު އެ މަންޒަރު މުޅިން ބަދަލުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް