ދީނަށް ފާޑުކިޔާ ފަރާތްތަކާއި އެ ފަރާތްތަކަށް ގެއްލުން ދޭން ގޮވާލާ ފަރާތްތަކުގެ މައްސަލަވެސް ބަލާނެ ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ހިންގާ ބައެއް މުއާމަލާތްތަކުގައި ރައްޔިތުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކާއި މަސްލަހަތަށް ބުރޫއަރާ ފަދަ ބަސްމަގު ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި އަދި މިފަދަ ބައެއް މުއާމަލާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށް ހިތްވަރު ލިބޭފަދަ ބަސްމަގު ބޭނުންކުރާކަންވެސް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
"މިކަންކަން ފާހަގަކުރެވި މީސް މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލުކުރުން އިތުރުވުމާއި ގުޅިގެން އެކަންކަން ކުރާކަމަށް ފާހަގަކުރެވޭ ފަރާތްތަކާއި މި ސާވިސް އިން ބައްދަލުކޮށް، އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ރައްޔިތުންގެ މަސްލަހަތާއި، ފަރުދީ ރައްކާތެރިކަމަށް ހުރަސް އެޅޭފަދަ ކަންކަން ހިންގަން ގޮވާލާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން މި ސާވިސް އިން ދަނީ ހަނދުމަފުޅުކޮށް އަރުވަމުންނެވެ." ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނަށް ތައުހީންކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި، ދީނީ ޝިއާރުތަކާއި އުސޫލުތަކަށް ފާޑުކިޔާ ފަރާތްތަކާއި އަދި އެފަދަ އަމަލުތަކާއި ގުޅިގެން ވަކިވަކި ފަރުދުންގެ މުދަލާއި ނަފްސަށް ގެއްލުންދިނުމަށް ގޮވާލާ ފަރާތްތަކުގެ މައްސަލަތައް ތަހްގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައްވެސް މި ސާވިސް އިން އަޅަމުންދާނެ ކަމުގައި ދަންނަވާކަމަށާއި މިފަދަ މައްސަލައަކާއި ގުޅިގެން ވަކި ވަރުދެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުންދޭނެކަމުގެ އިންޒާރު މީސް މީޑިއާގެ ޒަރީއާއިންނާއި އެނޫން ގޮތަކަށް ލިބިފައިވާނަމަ އެކަން މި ސާވިސް އަށް ހުށަހެޅުއްވުމަށްވެސް އިލްތިމާސް ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް