ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް ހުޅުވާލައިފި

އެކި އެކި ސަބަބުތަކާއިހުރެ ތަހުގީގު ނުކުރެވިފައިވާ، ދައުލަތުގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ބޮޑެތި މައްސަލަތައް، ހުށަ...

09 Jan 2019 | 06:17

އެކި އެކި ސަބަބުތަކާއިހުރެ ތަހުގީގު ނުކުރެވިފައިވާ، ދައުލަތުގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ބޮޑެތި މައްސަލަތައް، ހުށަހެމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެފަދަ މައްސަލަ ތަކުގެ ތެރެއިން 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2017 އާ ހަމަޔަށް ހިނގާފައިވާ މައްސަލަތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 24 ފެބްރުއަރީ 2019 ގެ 14:00 ގެ ކުރިން ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑު އެސެޓު ރިކަވަރީ" އަށް  އެޑްރެސްކޮށް ޣާޒީ ބިލްޑިންގައި ހުންނަ ކޮމިޝަންގެ އޮފީހަށް ލިޔުމުން ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސްއޮފީހުން ވަނީ ހާމަ ކުރައްވާފައެވެ.

އީމެއިލްގެ ޒަރީއާއިން މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅު ނަމަ [email protected]  އަށް ފޮނުއްވޭނެކަމަށާއި، ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑު އެސެޓު ރިކަވަރީ ގެ އެބްސައިޓުގައިވާ ޕޯލު މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއްވިއެވެ.

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އަކީ ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާއި، ދައުލަތުގެ ތެރޭގައި ހިންގައިފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ފެއްޓެވި މަސައްކަތްޕުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް