އިންޑޮނީޝިއާގެ ސެމެރޫ އަލިފާން ފަރުބަދަ ކުއްލި ގޮތަކަށް ގޮވައި މަރުވި މީހުންގެ އަދަދު 34 އަށް އަރައިފި އެވެ.
މި އަލިފާން ފަރުބަދަ އެއްވެސް އިންޒާރެއްނެތި ކުއްލިއަކަށް ގޮވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޖާވާ ޕްރޮވިންސްގައި ހުންނަ އެ އަލިފާން ފަރުބަދައަކީ ވަރަށް "ހަަރަކާތްތެރި" ކަމަށް ފާހަގަކޮށްފައިވާ އަލިފާން ފަރުބަދައެކެވެ.
އެ ޕްރޮވިންސްގެ އެމެޖެންސީ ރެސްކިއު ޓީމުން އަދިވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ބިން މަތި ހޫނުވުމާއި ޖައްވު ނުސާފުވުމުގެ ސަބަބުން އޮޕަރޭޝަނަށް ދަނީ ހުރަސް އެޅެމުންނެވެ. އަދި އެ ފަރުބަދަ ގޮވަމުންދާއިރު އަޅިއާއި ދެލި ދަނީ ކައިރި އަވަށް ތަކަށް ފެތުރެމުންނެވެ.
އޮޕަރޭޝަންގެ ތެރެއިން މަރުވެފައިވާ ކުދިންނާއި ބޮޑެތި މީހުންގެ ހަށިތައް އަޅިތަކުގެ ދަށުން ދަނީ ފެންނަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި 11 އަށްވުރެ އަވަށްތަކުގެ މީހުންނަށް ހާދިސާގެ އަސަރު ކުރަމުންދާއިރު އެ ތަންތަނުގައި ދިރިއުޅޭ 2،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަވާ ކަމަށެވެ. މި ހާދިސާގައި 3،000 އަށްވުރެ ގިނަ ގެއާއި 38 ސްކޫލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވެ އެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާގެ ގޮތުގައި ހަމަޖައްސާފައިވަނީ މިސްކިތްތަކާއި ސްކޫލްތަކެވެ. ހާދިސާގައި ފިހުނު އެތައް ސަތޭކަ މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ސެމެރޫ ފަރުބަދަ ވަށައިގެން ފަސް ކިލޯމީޓަރުގެ ސަރަހައްދަށް ވަނުން އާއްމުންނަށް ވަނީ މަނާކޮށްފަ އެވެ. އެ ހިސާބުގެ ވައި ވަރަށް ބޮޑަށް ތަގައްޔަރުވެފައި ވާއިރު، ސިއްހީ މައްސަލަތައް ހުރި މީހުންނަށް އެ ވައިގެ ސަބަބުން ގެއްލުންތައް ވާނެ އެވެ.
އޮސްޓްރޭލިއާގައި ހުންނަ ވޮލްކެނިކް އޭޝް އެޑްވައިޒަރީ ސެންޓަރު (ވީއޭއޭސީ) އިން ބުނީ ފަރުބަދައާ ދުރަށް ދުން ފެތުރި، އިންޑިއާ ކަނޑުގެ މަތިން ހުޅަނގު ދެކުނަށް ދަތުރު ކުރަމުންދާ ކަމަށެވެ.
އެ ފަރުބަދަ އެންމެ ފަހުން ގޮވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް