ޅ. ފެލިވަރުގެ ބިންހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށައިފި ކަމުގައި އެ މަސައްްކަތް ކުރާ ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމަތު ދެއްވައިފިއެވެ.
ފެލިވަރަކީ ސަރުކާރުގެ މަސް ބަންދު ކުރާ ފެކްޓްރީ ހިންގާ ރަށެވެ.
އެމްޓީސީސީން ވިދާޅުވީ އެ ކުންފުނީގެ ކަޓަރ ސަކްޝަން ޑްރެޖަރ - ޖައްރާފާ 2 އިން ވަނީ މިމަހުގެ ހަތް ވަނަ ދުވަހު ފެލިވަރުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.
އެމްޓީސީސީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 6 ހެކްޓަރުގެ ބިން ހިއްކުމާއި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 113.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް