ޖޫރިމަނާ ފައިސާ ނުދައްކާތީ ރައީސް ޔާމީނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް ޔާމިނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރި މައްސަލައިގައި، އަދަބެއްގެ ގޮތުގައި ކުރިމިނަލް ކޯޓުން ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ރައީސް ޔާމީނު ދައްކާފައި ނުވާތީ އެވެ.
އެ މައްސަލަ ބޭރުކުރީ ކުރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އަދަބު ސުޕްރީމް ކޯޓުން ބާތިލުކުރުމުން ނެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން، ގާނޫނުން ލިބިދޭ ކުރީގެ ރައީސުންގެ އިނާޔަތް އެމަނިކުފާނަށް ދޭން ފަށާފައިވީނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ރައީސް ޔާމީނުގެ އިނާޔަތްތައް ހިމަނާފައެއް ނުވެއެވެ.
އެއީ ބަޖެޓު ފާސްކުރިއިރު އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކަނޑައަޅާފައިވުމުން ނެވެ. ނަމަވެސް ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން، ފިނޭންސް މިނިސްޓްރީން ވަނީ އެމަނިކުފާނުގެ އިނާޔަތްތައް ކޮންޓިންޖެންސީ ބަޖެޓުން ދޭން ނިންމާފަ އެވެ.
ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރު ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ފައިސާ ޖަމާ ކުރި މައްސަލައިގަ އެވެ.
އެ ފައިސާ އޭސީސީ އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާ ކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ބުނެއެވެ.
އެސްއޯފުން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑުމުލާގެ އިކުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބިދޭން ޖެހޭ ފައިސާ ކަމަށް ދައުލަތުން ދެކެއެވެ. އަދި އެއީ ޚިޔާނާތުގެ ފައިސާކަން ރައީސް ޔާމީނަށް އެނގޭ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
މިހާރު ވެސް ރައީސް ޔާމީނުގެ މައްޗަށް ވަނީ މަނީލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފަ އެވެ. މިއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ވަނީ ފަށާފަ އެވެ.
މީގެ އިތުރުން ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ވެސް ރައީސް ޔާމީނުގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒުގެ ބޭނުން ކޮށްގެން ރިޝްވަތުގެ ނެގުމުގެ ކުށާއި މަނީ ލޯންޑާ ކުރި ކަމުގެ ދައުވާކުރަން ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް