ހުޅުމާޅޭގެ ފުރަތަމަ ފޭސް 1 އާއި ފޭސް 2 އަށް ސިޓީ ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.
މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ރަޖިސްޓްރީ ބާތިލް ކުރުމަށް މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހުށަހަޅުއްވަމުން ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލުގެ އިހްތިސާސް ތެރޭގައި ހިމެނޭ ތަނެއް ކަމަށާއި އެތަން ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަންގަވާފައިވާނެ ކަމަށެވެ.
"އެހެން ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ކައުންސިލަށް ލިބިފައި ނުވޭ. ރައްޔިތުން ބޭނުންވާ ކަންތައްތައް ނުވެގެން ތަކުރާރުކޮށް ސިޓީ ކައުންސިލަށް ޝަކުވާ ލިބެމުން އަންނަމީ. އިދާރީ ދާއިރާތަށް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އަޅުގަނޑުމެންގެ އިހްތިސާސް ތެރޭގައި ހިމެނޭ ތަނެއް ހުޅުމާލެއަކީ. އެހެންކަމުން އެތަން ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ދެންނެވިއްޖެ." ނަރީޝް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކަމަށް އީޖާބީ ޖަވާބެއް މިހާތަނަށް ވެސް ލިބިފައި ނުވާ ކަމަށާއި އެ ކައުންސިލުން ހަދާދީފައިވާ ރަޖިސްޓްރީ ބާތިލް ކުރުމަށް ހުށަހަޅަން ނިންމީ ރައްޔިތުން ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު ނުލިބޭތީ ކަމަށެވެ.
މި މައްސަލައަށް ބަހުސްކުރުމަށް ފަހު، ކައުންސިލުގެ އިއްތިފާގުން ނިންމާފަިއވަނީ ހުޅުމާލެއަށް ހަދާދީފައިވާ ރަޖިސްޓްރީ ބާތިލް ކުރުމަށެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރިކަން ދައުލަތުގެ މުއައްސަސާތަކަށް އެންގުމަށާއި ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް އެ މުއައްސަސާތަކަށް އެންގުމަށް ވެސް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް