ނޫމަރާ ފަރަށް އެރި ބާޖު 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގައިފި

ށ. ނޫމަރާ ފަރަށް އެރި ބާޖު 61 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ. އީޕީއޭ އިން ނެރުނު ބަޔ...

08 Dec 2021 | 08:20

ށ. ނޫމަރާ ފަރަށް އެރި ބާޖު 61 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާޖުގެ ބައިތައް އެސަރަހައްދުން ނަގައި ނިމުމުން އެސަރަހައްދުގެ ތިމާވެށްޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ސާރވޭ ކޮށްފައިވާ ކަމަށެވެ.

އެ ސާރވޭއިން ދައްކާގޮތުގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ސީދާ ގޮތެއްގައި 1632 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް ވެސް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

"މެރިން ޕަވަރ 2317" ނަމަކަށް ކިޔާ ބާޖު ނޫމަރާ ފަރަށް އަރާފައިވަނީ 2019 އޮކްޓީބަރ 26 ގަ އެވެ.

ބާޖު ފުންކޮށް ސަރަހައްދަށް ފެތިފައިވާ ބާޖުގެ ބައިތައް ނަގައި ނިމިފައިވަނީ މިއަހަރުގެ ނޮވެމްބަރުގެ މަހުގެ 16 ވަނަ ދުވަހު އެވެ.

އީޕީއޭ އިން ބުނެފައިވަނީ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓް ރޮހޮފް ޕްރިވެޓް ލިމިޓެޑް ޖޫރިމަނާކޮށް، ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވަނީ މިޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

އެކަމުގެ ސަބަބުން މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށީ ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެބާޖު ޖޫރިމަނާކުރުމަށް އީޕީއޭ އިން ނިންމާފައިވަނީ 61،681،316 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ) ރުފިޔާއިން ނެވެ.

ދާދިފަހުން ކ. ރަސްފަރީ ފަރަށް ބޯޓެއް އެރުމާއި ގުޅިގެން ބޯޓު ނިސްބަތްވާ ކުންފުނިން ވަނީ 10 މިލިޔަން ޑޮލަރު އީޕީއޭއަށް ދައްކާފަ އެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދި ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް