ގްރޭޓާ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ޢާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި ކަމުގައި އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ފޯރު ކޮށްދޭ އާންމު ފެރީގެ ޚިދުމަތް މިހާރު ވެސް ސްކޫލް ކުދިންނަށާއި، އިސްރަށްވެހިންނާއި، ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ފޯރުކޮށްދެއެވެ. އެކުންފުނިން ވިދާޅުވީ މި ހަަމަޖެހިގެން އައި ބަދަލާއި އެކު އެ ފަރާތްތަކަށް 1 ޖެނުއަރީ 2022 އިން ފެށިގެން ޢާންމު ބަހުގެ ޚިދުމަތްވެސް ހިލޭ ލިބޭނެއެވެ.
އެކުންފުނިން އަތޮޅު ތެރޭގައި ބަހުގެ ޚިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ދެވޭ ބަހުގެ ޚިދުމަތެއް ގޮތުގައެވެ.
ނަމަވެސް އައްޑޫ، ފުވައްމުލަށް އަދި ލ.އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ ރަށްތަކުގައި ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް މިވަގުތު ދަނީ ކުރެވެމުން ކަމުގައި ވިދާޅުވިއެވެ.
އަދި މި އައު ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ.އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫގެ ރަށްތަކުގައިވެސް ބަހުގެ ޚިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެކަމުގައި މައުލޫމާތުދީފައި ވެއެވެ.
ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކުންފުނީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމުގައި ހާމަ ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް