ޖަލުގެ ބޭނުމަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި މުޖުތަމަޢު އަށް ނެރުން: ކަރެކްޝަންސް

ޖަލު ހިންގުމުގެ މައިގަނޑު މަޤްސަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމަޢު އަށް ނެރުންކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ސީޕީ އަހުމަދު މިހ...

08 Dec 2021 | 06:36

ޖަލު ހިންގުމުގެ މައިގަނޑު މަޤްސަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމަޢު އަށް ނެރުންކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ އަހުމަދު މިހެން ވިދާޅުވީ ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައެވެ.

އެ ޕްރޮގްރާމްތަކުގައި ޖުމްލަ 44 ގައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާވާއިރު، އެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 24 ގައިދީންނަށެވެ. އެގޮތުން ހަޔާ ޑިސްޓިންކްޝަން ހާސިލްކުރި 11 ގައިދީންނަށް މެޑަލް ހަވާލުކޮށްފައެވެ.

ސީޕީ ގެ ވާހަކައިގައި ދަސްވެނިންނަށް އިލްތިމާސް ކުރެއްވީ އިލްމު އުނގެނުމަކީ ވަކި އުމުރަކަށް، ވަކި ފަންނަކަށް އަދި ވަކި މީހަކަށް އޮންނަކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްތަކަށްފަހު ޢިލްމު އުނގެނުން ހުއްޓާނުލައި، އަމިއްލަ ފަރުދެއްގެ ގޮތުން ތަޢުލީމީ ރޮނގުން ކުރިއެރެން އޮތްގޮތްތައް ބަލައި އެކަން ހާސިލްކުރުމަށް މަސައްކަތްކުރުމަށެވެ.

ސީޕީ ވިދާޅުވީ ޖަލުހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުގެ ސިޔާސަތުގެ ދަށުން ޖަލުގެ އާބާދީ ކުޑަކުރުމަށް ކޮމިއުނިޓީ ސާވިސް ފަދަ ކަންތައްތައް ކުރުމާއި ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

މީގެ އިތުރުން، މާފުށީ ޖަލުގައިއާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 އިން ސައްތައަށް ވުރެ ގިނަ ގައިދީންނަށް އެކި ޕްރޮގްރާމްތަކުގައި ޝާމިލްކުރެވޭނެ ފިޒިކަލް އިންފްރާސްޓަރަކްޗާ ޖަލުގައި ގާއިމުކުރެވިގެންދާނެ ކަން ފާހަގަ ކުރައްވާ އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީންތައް ފުޅާކުރެވި، ތަމްރީންތަކުގައި ހިމެނޭ ފަރާތްތައް އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވާފައި ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރުއެވެ. ރިހެބިލިޓޭޝަން ފްރޭމްވަރކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގައިދީން އިސްލާހު ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އެމީހުންނަށް ތަޢުލީމާއި ފަންނީ ކުރިއެރުންތައް ހޯދައި ދިނުމަށްޓަކައި ދަނީ ތަފާތު ކޯސްތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް